މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި، ވަގުތީ ޗެއާޕާސަންގެ މަގާމަށް ޣަފޫރު އިންތިހާބު ކުރީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކު އެވެ.

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އިންތިހާބުކޮށްފި އެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި، ވަގުތީ ޗެއާޕާސަންގެ މަގާމަށް ޣަފޫރު އިންތިހާބު ކުރީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކު އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ވެސް ޖަލްސާއެއް ބޭއްވި އެވެ. ނަމަވެސް އެ ޖަލްސާ ހޫނުވެގެން އެރޭގެ ޖަލްސާ މެދުކަނޑައިލީ އެވެ.
މިރޭގެ ޖަލްސާ ބޭއްވީ އެރޭ މެދުކަނޑައިލި ހިސާބުން ފެށިގެންނެވެ. އެރޭގެ ޖަލްސާ މެދުކަނޑާލިއިރު، ނަން ހުށަހަޅައި ތާއީދު ލިބިފައި އޮތީ ޣަފޫރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދެވެ.
ނަމަވެސް އެރޭގެ ޖަލްސާއަށްފަހު ވަހީދު އޭނާގެ ނަން އަނބުރާ ގެންގޮސްފައިވާތީ މިރޭ ވޯޓަށް އެހީ ޣަފޫރުގެ ނަމަށް އެކަންޏެވެ.
ވަގުތީ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޣަފޫރު ވަނީ އޭނާ އެ މަގާމަށް އިންތިހާބު ކުރަން ވޯޓު ދިން މެންބަރުންނަށާއި އަދި ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒް އިސްލާއިލްއަށް ވެސް ޝުކުރު ދަންނަވާފަ އެވެ.