އެންމެ ބޮޑު ޑްރެޖަރާއެކު ރަސްމާލެ ހިއްކުން ބޮޑުތަކުން އަވަސް ވެއްޖެ

އެޗްޑީސީ އިން ބުނީ ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، މި މަޝްރޫއުގެ މަސައްކަތްތައް މިހާރު ދަނީ ހަލުވިކަމާއިއެކު ކުރިއަށެވެ.

ކްރިސްޓަބަލް ކޮލޯން ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ -- އެޗްޑީސީ ފޮޓޯ

ގިނަ ބައެއްގެ އުންމީދުތައް ގުޅިފައިވާ ރަސްމާލެ ހިއްކުން އަވަސްކުރަން ގެނައި ދުނިޔޭގެ އެންމެ ބޮޑު އެއް ބިން ހިއްކާ ޑްރެޖަރާއެކު ބިން ހިއްކުން ބޮޑުތަނުން އަވަސް ވެއްޖެ އެވެ.

ރަސްމާލެ ބިން ހިއްކަމުން ގެންދާ ގޮތާމެދު މި މަޝްރޫއު ބަލަހައްޓާ އެޗްޑީސީ އިން ވަނީ ވީޑިއޯއެއް އާއްމުކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ރަސްމާލެ ހިއްކުން ވަނީ ބޮޑުތަނުން އަވަސް ވެފަ އެވެ. އަދި ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނެވުނު ދެވަނަ ޑްރެޖަރާއިއެކު ބިން ހިއްކުމުގެ މަސައްކަތް ދަނީ ހަލުވިކަމައިއެކު ކުރިއަށްދާ ކަމަށެވެ. 

އެޗްޑީސީ އިން ބުނީ ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، މި މަޝްރޫއުގެ މަސައްކަތްތައް މިހާރު ދަނީ ހަލުވިކަމާއިއެކު ކުރިއަށެވެ. 

ދުނިޔޭގައި މި ވަގުތު އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރޭގައި ހިމެނޭ ކްރިސްޓަބަލް ކޮލޯން ރަސްމާލެ ހިއްކަން ފެށީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. 

ކްރިސްޓަބަލް ކޮލޯންއަކީ 46,000 ކިއުބިކް މީޓަރުގެ ވެލި 155 މީޓަރު އަޑިން ނެގުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ. ތަންކޮޅެއް ތިލަކޮށް ބުނާނަމަ މިއީ އާންމު ޓީވީން ފެންނަ ފީފާ ސްޓޭންޑަޑުގެ ފުޓްބޯޅަ ދަނޑަކަށް 21 ފޫޓު އުސް މިނުގައި ވެލި އެޅުމުގެ ކުޅަދާނަކަން ހުރި އުޅަނދެކެވެ. މި އުޅަނދުގެ ދެ ފަރާތުގައި ބޮޑު ވެކިއުމް ކްލީނަރެއްހެން ހަރުކޮށްފައިވާ ވެލި ދަމާ ދަތްގަނޑަކީ ބިމުއަޑީގައި ހުންނަ ވެލިގަނޑުން 20 ޓަނުގެ ވެލި ގަޑިއެއްގެ ތެރޭ އުޅަނދު ބަރުކޮށްލެވޭ ވަރުގެ ޕްރެޝަރު ހުރި ދެ "އަތެ" އެވެ.

މި އުޅަނދަކީ ޓެކްނޮލޮޖީގެ ވެސް އަޖައިބު ކުރުވަނިވި އުޅަނދެކެވެ. ވެލި ނަގަން ޖެހޭ ސަރަހައްދަށް ދިއުމުގެ ކުރިން ޓެކްނޮލޮޖީގެ އަލީގައި އެ ސަރަހައްދު އެނގޭނެ ވަސީލަތް ހަރުކޮށްފައިވެ އެވެ. އަދި ވެލި ނަގާ ސަރަހައްދަށް ދިއުމަށްފަހު 100 އެތަށް މީޓަރެއްގެ ފުންމިނުގެ ކަނޑުގެ ސްކޭން ފޮޓޯތައް އުޅަނދަށް ލިބޭނެ ޓެކްނޮލޮޖީގެ ވަސީލަތް ހަރުކޮށްފައިވެ އެވެ. މިހުރިހާ މަސައްކަތްތެއް ކުރަނީ މި އުޅަނދުގެ ވަރުގަދަ އިންޖީނުތަކާއި ބާރުގަދަ ބެޓެރި ތަކުންނެވެ. އުޅަނދުގައި 17 މުވައްޒަފުން މަސައްކަތް ކުރާއިރު، ކްރިސްޓަބަލް ކޮލޯންއަށް ކަރަންޓު ދިނުމަށް ރާއްޖޭގެ 10 ރަށަށް ކަރަންޓު ދިނުމުގެ ގާބިލްކަން ހުރި އިންޖީނެއް ބަހައްޓާފައި ހުރެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވި ގޮތުގައި މި ޑްރެޖަރާއެކު މަސައްކަތް ތިން ގުނަ އަވަސް ވެގެންދާނެ އެވެ. މި ރަށް ފެނިގެންދާނީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ގޯތިގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހިންގާ އެ މަނިކުފާނުގެ އެންމެ ޑްރީމް ޕްރޮޖެކްޓް ސަތޭކަ ޕަސެންޓު ނެޓް ޒީރޯ ކާބަން، ސްްމާޓް އިކޯ ސިޓީއެއްގެ ގޮތުގަ އެވެ. އަދި މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ކްލައިމެޓް އެޑެޕްޓޭޝަން މަޝްރޫއު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެެ.

ދިވެހިންގެ އިކޯ ސިޓީ

  •  ރަސްމާލެއަކީ 20 އަހަރުގެ ޕްލޭނެއް ހިމެނޭ ސިޓީއެއް
  •  ހުޅުމާލޭގެ ދެ ފޭސްއަށް ވުރެ ތިން ގުނަ ބޮޑު ސިޓީއެއް
  •  މި މަޝްރޫއަށް 1280 ހެކްޓަރުގެ ބިން ހިއްކާނެ
  •  އެ ސިޓީ ތަރައްގީ ކުރަނީ މާލެ ނުގޮސް ފަރުޖެހޭ ފެންވަރުގައި
  •  އެންމެ ޒަމާނީ ހައި ސްޕީޑް ފުރިހަމަ ފެރީ ނިޒާމެއް އޮންނާނެ
  •  މިއީ ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން ހަދާ ސިޓީއެއް
  •  ހައުސިން ސިނާއަތަށް އިންގިލާބީ އަދި ތާރީހީ ބޮޑު ކުރި އެރުމެއް ލިބޭނެ
  •  މުޅި ސިޓީ އޮންނާނީ ތިމާވެއްޓާ ރަހުމަތްތެރިކޮށް
  •  ރަސްމާލެއާ ކައިރީން ފަޅެއްގައި އެއާ ސްޓްރިޕެއް
  •  ރަށް ތަރައްގީ ކުރަނީ ސޭފް އައިލެންޑެއްގެ ގޮތުގައި
  •  އެއްފަހަރާ 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން
  •  މި ސިޓީގައި 1600 އަކަފޫޓްގެ 11،000 ގޯއްޗާއި 1400 އަކަފޫޓްގެ 20،000 ފްލެޓް
  •  ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް ހިމެނޭނެ
  •  ގެސްޓްހައުސް އާއި ޓޫރިޒަމަށް ހާއްސަ ވަކި ދެ ރަށެއް އެ ފަޅުގައި ތަރައްގީކުރާނެ
  •  ވިޔަފާރި އަދި ކުޅިވަރަށް ހާއްސަ ސަރަހައްދެއް ތަރައްގީ ކުރާނެ

ފުށިދިއްގަރު ފަޅުގައި ތަރައްގީ ކުރާ ރަސްމާލެ މަޝްރޫއަކީ 1153 ހެކްޓަރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 1009 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. ސަރުކާރުން ވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޮޑުބައެއް ހިއްކައި ގޯތިދޭން ފަށާނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.