އެއްވެސް ޝައްކެއް ނެތް މިންވަރަށް ހަމްދޫންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމުން، ވާރިސުންގެ ބަސް ވެސް ވަނީ ނަގާފަ އެވެ. ވާރިސުން ބުނެފައި ވަނީ ބޭނުންވަނީ ގިސާސް ހިފަން ކަމަށެވެ.

މީގެ ހަތް އަހަރު ކުރިން އެމްއެމްއޭ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ ގދ. ފަރެސްމާތޮޑާ، އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު މަރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
އާގިލް މަރާލާފައިވަނީ އޮގަސްޓް 31، 2018 ގައި ވ. ފެލިދޫން މާލެ އައި ލޯންޗަކުން އެއް ނަމްބަރު ފާލަން ސަރަހައްދަށް އޭނާ ފޭބި ވަގުތު ވަޅިން ހަމަލާ ދީގެންނެވެ. އޭނާއަށް ހަމަލާދިނުމުން އޭނާ މަރުވެގެން ވެއްޓިފައި އޮތީ ޖުމްހޫރީ މައިދާނު ކައިރީ ޗާންދަނީ މަގަށްވާ ގޮތަށެވެ.
މި މައްސަލައިގައި ހަމްދޫންގެ އިތުރުން ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމްގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފަ އެވެ.
އޭގެ އިތުރުން ހއ. ދިއްދޫ، ސްނޯބޯޑް، އިބްރާހިމް ވިޝާމްގެ މައްޗަށް އެ ކަމަށް އެހީތެރިވި ކަމުގެ ދައުވާ އުފުލި އެވެ. ނަމަވެސް ކޯޓުން ވަނީ ވިޝާމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް މިދިޔަ އަހަރު ހުކުމް ކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ހަމްދޫންގެ މައްޗަށް ކުރި ހުކުމުގައި ވަނީ، އާގިލް ފަހަތުން ވަޅި ހިފައިގެން ހަމްދޫން ދުވެފައިވާ މަންޒަރު ފެންނަ ކަމަށެވެ. އަދި އާގިލް މަރައިލީ އޭނާކަން ލިބިފައި ހުރި ހެކި ގަރީނާއިން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.
އަދި، ވަޅި ހެރީ ސީދާ އާގިލްގެ މެޔަށްކަމަށްވާއިރު، އެއީ ވަޅީގެ އެތިފަހަރެއް އަމާޒުވެއްޖެނަމަ މީހާ މަރުވެދާނެ ގުނަވަނެއްކަން ވެސް ހުކުމުގައިވެ އެވެ.
އެއްވެސް ޝައްކެއް ނެތް މިންވަރަށް ހަމްދޫންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމުން، ވާރިސުންގެ ބަސް ވެސް ވަނީ ނަގާފަ އެވެ. ވާރިސުން ބުނެފައި ވަނީ ބޭނުންވަނީ ގިސާސް ހިފަން ކަމަށެވެ.
އެހެންވެ، ގާޒީ އަލީ ނަދީމް ހުކުމް ކުރެއްވީ ހަމްދޫނަށް މަރުގެ އަދަބު ދިނުމަށެވެ.
އޭޑީކޭގެ މެޑިކަލް ރިޕޯޓުން ހާމާވާ ގޮތުގައި އާގިލްގެ މެޔަށް ދީފައިވާ ހަމަލާގެ ސަބަބުން އޭނާގެ މޭކަށިގަނޑުގެ އެތެރެއިން ވަނީ ބޮޑު ބާގަނޑެއް އުފެދިފަ އެވެ. އަދި ފުއްޕާމޭގެ ވައަތް ފަޅި ހިނދި ފޫއަޅުވާލާފައި ވުމުން، ހިތުގެ ބޭރު ފަށަލައަށް ގެއްލުން ލިބި ހިތަށް ވަނީ ލޭއެޅިފަ އެވެ.