ޕީޖީ އޮފީހުން ބުނީ އެޗްޑީސީގެ އައިޓީ ޑިޕާޓްމެންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗްޑީސީގެ ސާވާގެ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އެޗްޑީސީގެ ލިޔުންތަކެއް ރިކަވާ ނުކުރެވޭ ގޮތަށް ޑިލީޓް ކޮށްލާފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ މައްސަލަ ޑިކްލައިންކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ފަޒުލްގެ އިތުރުން އެޗްޑީސީގެ އައިޓީ ހެޑްގެ މަގާމުގައި ހުރި އަބްދުالله ޝުހޫދުގެ މައްޗަށް ކުރާ ތުހުމަތަކީ، ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސާވާގެ ތެރެއިން ޑިލީޓް ކޮށްލާފައި ވާތީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ތުހުމަތެވެ.
ޕީޖީ އޮފީހުން ބުނީ އެޗްޑީސީގެ އައިޓީ ޑިޕާޓްމެންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗްޑީސީގެ ސާވާގެ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގު ރިޕޯޓުގައިވެސް އެފަދަ ކަމެއް ކުރިކަން ސާބިތުވާނެ ހެއްކެއް ލިބިފައި ނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
"އެހެންކަމުން، އިބްރާހިމް ފަޒުލް ރަޝީދާއި އަބްދުالله ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވޭ،" ޕީޖީ އޮފީހުން ބުންޏެވެ.
ފަޒުލްގެ މައްޗަށް ކުރީ، ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދޫކޮށްފައިވާ މައްސަލައިގައި ލިޔުންތައް ނައްތައިލި ކަމުގެ ތުހުމަތެވެ. އެ ތުހުމަތުތަކަށް ފަޒުލް ވަނީ ކުރިން އިންކާރު ކޮށްފައެވެ.