މާލޭގައި ހުންނަ ސެލޫނަކަށް ވަދެ، އެތަނުގައި ހަމަނުޖެހުން ހިންގައި، ތަކެއްޗަށް ގެއްލުންދީ، އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ފުލުހެއް ކަމަށްވާ ސ. ހިތަދޫ، އަސަރީވިލާ، އަލީ މަނިކު 43، އެވެ.

މާރާމާރީ ހިންގިއިރު ހުރީ ގިނަ ދުވަސް ވާންދެން ނުނިދާ ހުރުމުގެ ސަބަބުން ހަމައިގައި ނޫން ކަމަށް، ސެލޫންއަކަށް ގެއްލުން ދީ މާރާމާރީ ހިންގި ފުލުސް އޮފިސަރު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
މާލޭގައި ހުންނަ ސެލޫނަކަށް ވަދެ، އެތަނުގައި ހަމަނުޖެހުން ހިންގައި، ތަކެއްޗަށް ގެއްލުންދީ، އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައިގައި މިދިޔަ ހުކުރު ދުވަހު ހައްޔަރު ކޮށްފައި ވަނީ ފުލުހެއް ކަމަށްވާ ސ. ހިތަދޫ، އަސަރީވިލާ، އަލީ މަނިކު 43، އެވެ.
ފުލުހުން ބުނެފައި ވަނީ މި މައްސަލަ ރިޕޯޓު ކުރުމުން ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ވެސް އޭނާ ހުރަސް އަޅާފައިވާ ކަމަށެވެ.
އެނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން، ކޯޓުގައި އޭނާ ބުނެފައި ވަނީ އޭނާއަކީ ކުރިން ވެސް އެތަނަށް ދާ މީހެއް ކަމަށެވެ. އަދި ގިނަ ދުވަސްތަކެއް ވާންދެން ނުނިދާ ހުރުމުގެ ސަބަބުން އެވަގުތު ހުރެވުނީ ހަމައިގައި ނޫން ކަމަށެވެ.
އެ ފުލުސް އޮފިސަރު، އެ ސެލޫންގެ ބައެއް ތަކެއްޗަށް ގެއްލުން ދީފައިވާ ކަމަށާއި، ފުލުހުން އޭނާ ހުއްޓުވަން އުޅުމުން ގަދަ ދައްކައި، އަމުރަށް ނުކިޔަމަންތެރިވެ، ފުލުހަކަށް އަނިޔާ ކޮށްފައިވާ ކަން ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ފާހަގަ ކޮށްފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރުކޮށްފައި ވަނީ ފަސް ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ފުލުސް އޮފިސަރުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލައިގައި ހައްޔަރުކުރުމާ ގުޅިގެން މިދުޔަ ހޮނިހިރު ދުވަހުން ފެށިގެން މުސާރަ ނުލިބޭގޮތަށް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެ މައްސަލައާ ގުޅިގެން އިދާރީގޮތުން އޭނާއާ މެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.