މަސް މާރުކޭޓު ތަރައްގީ ކުރަނީ ޖަޕާނުގެ ހިލޭ އެހީގައި

އެ ތަން ތަރައްގީ ކުރާނީ މިކްސްޑްޔޫސް މާރުކޭޓެއް ގޮތުގައި ކަމަށާއި، މިހާރު މަސް މާރުކޭޓު ހުރި ތަނުގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ އިމާރާތެއް މި މަޝްރޫއުގެ ތެރެއިން އަޅާނެ

މަސް މާރުކޭޓު.-- ފޮޓޯ: މިރާ

ޒަމާނީ ފެންވަރަށް މަސް މާރުކޭޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ހާމަކުރައްވައިފި އެވެ.

މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވަން ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ބައްދަލުވުމުގައި މީހަކު ވަނީ، މަސް މާރުކޭޓުގެ މި ވަގުތު ހާލަތާ ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށްފަ އެވެ. 

މިގޮތުން، މާލޭގެ މޭޔަރަކަށް ރައީސް މުއިއްޒު ހުންނެވިއިރު ވެސް، މަސް މާރުކޭޓު ތަރައްގީ ކުރަން ބަޔަކާ ވެސް ހަވާލުކޮށް، އެކަން ކުރިއަށް ގޮސްފައިނުވާ ކަން އޭނާ ފާހަގަކުރި އެވެ.

ހެންވޭރު ރައްޔިތުންނާ ރައީސް މުއިއްޒު މިރޭ ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

އެކަމާ ގުޅިގެން ރައީސް ވިދާޅުވީ، އޭރުން ފެށިގެން، އެކި ސަބަބުތަކާ ހެދި އެ މަޝްރޫއު ކުރިއަށް ގޮސްފައިނުވާ ކަން ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް، މިހާރު އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި، ޖަޕާނު ސަރުކާރާ އެކު މަޝްވަރާ ކުރެވި، އެ ގައުމުގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ރާއްޖެއަށް އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

އެކަމުގެ ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ، އާ މަސް މާރުކޭޓު އަޅާނީ، މިހާރު ލޯކަލް މާރުކޭޓު ހުރި ތަނުގައި ކަމަށެވެ.

މިގޮތުން، ތަރުކާރީ މާރުކޭޓަކާ ވެސް އެކު، އެ ތަން ތަރައްގީ ކުރާނީ މިކްސްޑްޔޫސް މާރުކޭޓެއް ގޮތުގައި ކަމަށާއި، މިހާރު މަސް މާރުކޭޓު ހުރި ތަނުގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ އިމާރާތެއް މި މަޝްރޫއުގެ ތެރެއިން އަޅާނެ ކަން ވެސް އެ މަނިކުފާނު މިރޭ ހާމަކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.