ވީކްލީ ފިސްކަލް ރިޕޯޓް | އާމްދަނީ އިތުރު، ފަހަށް ރައްކާ ކުރާ ޖަމާ މަތި

އެސްޑީއެފްއަށް ޖަމާކުރެވުނު ޖުމްލަ ފައިސާ 2.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، 2024 ވަނަ އަހަރުގެ އެމުއްދަތުގައި ޖަމާކުރެވުނު 1.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއީ 1.1 ބިލިއަން ރުފިޔާ ނުވަތަ 84.9 އިންސައްތަ އިތުރުވުމެކެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އާމްދަނީ ބޮޑުތަނުން އިތުރުވެފައިވާތީ، ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ފަންޑުގައި ރައްކާ ކުރި ފައިސާގެ އަދަދު އިތުރު ވެއްޖެ އެވެ. 

ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 27 ގެ ނިޔަލަށް ނެރުނު ވީކްލީ ފިސްކަލް ރިޕޯޓް ދައްކާ ގޮތުން ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ، ހާއްސަކޮށް ދާއިރާގެ ތަކެއްޗާއި ހިދުމަތްތަކުން ނެގޭ ޖީއެސްޓީ، ޓީޖީއެސްޓީ އާއި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި ލިބޭ އާމްދަނީ ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.

މި ރިޕޯޓް ދައްކާ ގޮތުން ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 35.0 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެމުއްދަތުގައި ލިބުނު 31.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.2 ބިލިއަން ރުފިޔާ ނުވަތަ 10.2 ޕަސެންޓް އިތުރު އަދަދެކެވެ. މި މުއްދަތުގައި ކުރީ އަހަރުގެ ޖުމްލަ ޑެފިސިޓާ އަޅައިބަލާއިރު ވަރަށް ބޮޑަށް ކުޑަވެ، ކުރީ އަހަރުގެ 10.2 ބިލިއަން ރުފިޔާއިން 1.4 ބިލިއަން ރުފިޔާއަށް ވަނީ ދަށްވެފަ އެވެ. މިއީ އާމްދަނީގެ ހާލަތު ވަރުގަދަވުމާއި، ހަރަދުތައް ކޮންޓްރޯލްކުރެވުމުގެ ނަތީޖާއެކެވެ.

ސަރުކާރުގެ އާމްދަނީގެ މައިގަނޑު ބަޔަކީ ޓެކްސް އާމްދަނީ އެވެ. ޓެކްސް އާމްދަނީ 24.0 ބިލިއަން ރުފިޔާއިން 26.1 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 2.1 ބިލިއަން ރުފިޔާ ނުވަތަ 8.8 އިންސައްތަ އިތުރުވުމެކެވެ. ތަކެއްޗާއި ހިދުމަތްތަކުން ނެގޭ ޓެކްސް (ޖީއެސްޓީ) އިން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޖުމްލަ ޖީއެސްޓީ މިދިޔަ އަހަރުގެ އެމުއްދަތުގައި ހުރި 12.82 ބިލިއަން ރުފިޔާއިން 14.37 ބިލިއަން ރުފިޔާއަށް މިއަހަރު އިތުރުވެފައިވާއިރު، މިއީ 1.5 ބިލިއަން ރުފިޔާ ނުވަތަ 12.1 ޕަސެންޓް އިތުރުވުމެކެވެ. 

މީގެ ތެރެއިން، ޓީ-ޖީއެސްޓީ 8.4 ބިލިއަން ރުފިޔާއިން 9.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 1.2 ބިލިއަން ރުފިޔާ ނުވަތަ 14.2 އިންސައްތަ އިތުރުވުމެކެވެ. ޓީ-ޖީއެސްޓީ ވެސް 4.4 ބިލިއަން ރުފިޔާއިން 4.8 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ 8.1 ޕަސެންޓްގެ ކުރިއެރުމެކެވެ.

ޓެކްސް ނޫން އާމްދަނީ ވެސް ވަނީ ކުރިއެރުން ހޯދާފަ އެވެ. ޖުމްލަ ޓެކްސް ނޫން އާމްދަނީ 8.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، 2024 ވަނަ އަހަރުގެ އެމުއްދަތުގައި ލިބުނު 7.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއީ 1.4 ބިލިއަން ރުފިޔާ ނުވަތަ 19.0 ޕަސެންޓްގެ އިތުރުވުމެކެވެ. މީގެ ތެރެއިން ހަރުމުދަލުގެ އާމްދަނީގެ ހިއްސާ ބޮޑުވެފައިވާއިރު، އެ ހަފުތާގައި އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވާ އެއް ބަޔަކީ ބިން ވިއްކުމާއި ބަދަލުކުރުމަށް ނެގޭ ފީ އެވެ. ލޭންޑް އެކުއިޒިޝަން އަދި ކޮންވާޝަން ފީ 437.2 މިލިއަން ރުފިޔާއިން 558.3 މިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 121.1 މިލިއަން ރުފިޔާ ނުވަތަ 27.7 ޕަސެންޓްގެ އިތުރުވުމެކެވެ.

މި ރިޕޯޓް ދައްކާ ގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ފައިސާ ޖަމާކުރުން ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފަ އެވެ. މިއީ ދައުލަތުގެ ބޭރު ފައިސާގެ ލިކުއިޑިޓީ ވަރުގަދަކުރުމާއި، މުސްތަޤްބަލުގައި ދަރަނި އަދާކުރުމުގެ ގާބިލުކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ހާމަކޮށްދޭ ކަމެކެވެ.

އެސްޑީއެފްއަށް ޖަމާކުރެވުނު ޖުމްލަ ފައިސާ 2.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، 2024 ވަނަ އަހަރުގެ އެމުއްދަތުގައި ޖަމާކުރެވުނު 1.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއީ 1.1 ބިލިއަން ރުފިޔާ ނުވަތަ 84.9 ޕަސެންޓް އިތުރުވުމެކެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު، ޖުމްލަ ޑެފިސިޓް ވަނީ ބޮޑުތަނުން ކުޑަވެފަ އެވެ. އެގޮތުން، ބަޖެޓްގެ ޖުމްލަ ބެލެންސް ވަނީ މިދިޔަ އަހަރުގެ އެމުއްދަތުގައި ހުރި 10.2 ބިލިއަން ރުފިޔާގެ ޑެފިސިޓަކުން 1.4 ބިލިއަން ރުފިޔާއަށް ރަނގަޅުވެފަ އެވެ. އަދި އެ މުއްދަތެއްގައި ޕްރައިމަރީ ބެލެންސް ވަނީ 5.9 ބިލިއަން ރުފިޔާގެ ޑެފިސިޓަކުން 2.8 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް ބަދަލުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.