ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ، ކުރީގެ ރައީސުންނަށް އޮފީސް ހިންގަން މަހަކު ދޭ 175،000ރ. އުނި ކުރުމަށެވެ.

ކުރީގެ ރައީސުންނަށް ދައުލަތުން ކޮންމެ މަހަކު ދޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ އޮފީސް ހިންގުމުގެ ހަރަދު އުނިކޮށް، ކުރީގެ ނައިބު ރައީސުންނަށް މާލީ އިނާޔަތެއް ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ، ކުރީގެ ރައީސުންނަށް އޮފީސް ހިންގަން މަހަކު ދޭ 175،000ރ. އުނި ކުރުމަށެވެ.
އަދި ކުރީގެ ރައީސުން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ނަމަ، ސަލާމަތާއި ރައްކާތެރިކަން ދޭންނުޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، ދައުލަތުގެ އެހެން މަގާމެއް ފުރުއްވާ ނަމަ، މަހަކު ދޭ 50،000ރ. ގެ މާލީ އިނާޔަތް ދޭންނުޖެހޭ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ.
އޭގެ އިތުރުން، ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ބޭސް ފަރުވާ ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައި ވެ އެވެ.
އަދި ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 30،000ރ. އިނާޔަތެއް ދޭން މިއަދު ތަސްދީގުކުރެއްވި އިސްލާހުގައިވެ އެވެ.