"މިވަގުތު ތިބި ދެ ކެންޑިޑޭޓުންގެ ތެރެއިން އެ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކެންޑިޑޭޓަކީ އަލީ އާޒިމް."

އެމްޑީޕީއަށް ބޭނުންވަނީ ކޮންމެ ދުވަހަކު ސަރުކާރު ނީސްތާއްޓަށް އަރުވާލާނެ އިދިކޮޅު މޭޔަރެއް ކަމަށް، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން ދާދިފަހުން އިސްތިއުފާ ދެއްވި ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ވާދަކުރަން ޓިކެޓު ހޯދުމުގެ ރޭސް ވަނީ ހޫނުވެފަ އެވެ.
އެ ޓިކެޓު ހޯދަން ކުރީގެ މަޖިލިސް މެމްބަރު އަލީ އާޒިމާއި މިހާރު ވެސް މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ކެމްޕޭނު ފަށައިފަ އެވެ.
އާދަމް އާޒިމްގެ ފަހަތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަން އޮތް އިރު، ފައްޔާޒްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތިއްބެވީ އަލީ އާޒިމްގެ ފަހަތުގަ އެވެ.
ފައްޔާޒް އެކްސްގައި ވިދާޅުވީ ރާއްޖޭގައި އޮތް ހުދުމުހުތާރު ސަރުކާރު ބަލިކުރުމަށް މާލޭގެ މޭޔަރުގެ މަގާމުގައި ހުންނަ ކެންޑިޑޭޓަކު އަދާކުރަން ޖެހެނީ ބޮޑު ޒިންމާއެއް ކަމަށެވެ.
މިގޮތުން، ރައީސް މުއިއްޒުގެ ސަރުކާރުން ތަންފީޒުކުރާ ދެކޮޅު ނުޖެހޭ ސިޔާސަތުތަކާއި ނިންމާ ނިންމުންތަކާ ދެކޮޅަށް ފާޅުގައި ބަސް ބުނާނެ މޭޔަރެއް ހުރުން ނުހަނު މުހިންމު ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"މޭޔަރެއްގެ ޒިންމާތައް އަދާކުރުމުގެ އިތުރުން މިވަގުތު އެމްޑީޕީއަށް ބޭނުންވަނީ ކޮންމެ ދުވަހަކު ސަރުކާރު ނީސްތާއްޓަށް އަރުވާލާނެ އިދިކޮޅު މޭޔަރެއް،" އޭނާ ވިދާޅުވި އެވެ.
"މިވަގުތު ތިބި ދެ ކެންޑިޑޭޓުންގެ ތެރެއިން އެ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކެންޑިޑޭޓަކީ އަލީ އާޒިމް."