އެމީހާގެ ހަށިގަނޑުން ނެގި 78 ބުލެޓުގައި 818 ގްރާމުގެ މަސްތުވާތަކެތި ހުއްޓެވެ.

މިމަހުގެ ދެވަނަ ދުވަހު ހުޅުމާލޭ ގެސްޓްހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ބަނޑުން މަސްތުވާތަކެތި ހުރި 78 ބުލެޓު ނަގައިފި އެވެ.
މަރުވެފައި އޮއްވައި ފެނިފައި ވަނީ އުމުރުން 40 އަހަރުގެ ނޭޕާލު ފިރިހެނެކެވެ. މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުން އަނިޔާގެ އެއްވެސް ނިޝާނެއް ނެތެވެ.
ފުލުހުން މިރޭ ބުނީ އެމީހާގެ ހަށިގަނޑުގެ ސީޓީ ސްކޭނެއް ހަދާފައިވާއިރު، އެ ސްކޭނުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެކަމުގައި ގާނޫނާނީ ގޮތުން އަމަލުކުރަންވީ ގޮތުގު ލަފާ ހޯދުމަށްފަހު މިމަހުގެ ދެވަނަ ދުވަހުގެ ރޭ ޑޮކްޓަރެއްގެ އެހީގައި އެމީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"މީހާގެ ހަށިގަނޑުން ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައިނުވަނީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑި ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން. އަދި ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާއެކު ޑޮކްޓަރުން،" ފުލުހުން ބުންޏެވެ.
އެމީހާގެ ހަށިގަނޑުން ނެގި 78 ބުލެޓުގައި 818 ގްރާމުގެ މަސްތުވާތަކެތި ހުއްޓެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެ މީހާ ރާއްޖެ އައިސްފައި ވަނީ އިތުރު ދެ މީހަކާއެކު މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އަދި އެމީހުން މާފުށީގައި އުޅުމަށްފަހު އެ ގެސްޓްހައުސްއަށް ޗެކިންވެފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ އޭނާއާއެކު އައި ދެމީހުން ހަމަ އެދުވަހު ފިލައިގެން ގޮސްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައި ވަނީ މި މައްސަލައިގައި ހިމެނޭ މީހުން ދެނެގަތުމަށާއި، ގުޅުން ހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.