މި މަސްދަޅު ކޭސްތައް ހިފައިގެން ރާއްޖޭން ލަންކާއަށް ދިޔައީ ގައުމީ ޝިޕިން އޮޕަރޭޓް ކުރާ އެސްޓީއޯ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެމްއެސްއެސްގެ ބޯޓެވެ. މި ބޯޓުގައި 20 ފޫޓުގެ 14 ކޮންޓައިނަރުގެ މަސް ވަނީ ގެންގޮސްފަ އެވެ.

ދިވެހި ސަރުކާރުން ސްރީލަންކާގެ ރައްޔިތުންނަށް ދޭން ވައުދުވި 25،000 މަސް ދަޅު ކޭސް، އެ ގައުމުގެ ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
މިއީ ލަންކާއަށް އެރި ތޫފާން ޑީޓުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި މަސްދަޅު ކޭސްތަކެކެވެ.
މި މަސްދަޅު ކޭސްތައް ހިފައިގެން ރާއްޖޭން ލަންކާއަށް ދިޔައީ ގައުމީ ޝިޕިން އޮޕަރޭޓް ކުރާ އެސްޓީއޯ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެމްއެސްއެސްގެ ބޯޓެވެ. މި ބޯޓުގައި 20 ފޫޓުގެ 14 ކޮންޓައިނަރުގެ މަސް ވަނީ ގެންގޮސްފަ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސްދަޅު ކޭސްތައް ރާއްޖޭގެ ފަރާތުން ލަންކާ ސަރުކާރާ ހަވާލުކޮށްދެއްވީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ.
ލަންކާއަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ވެސް މިހާރު ވަނީ އެ ގައުމުގެ ސަރުކާރާ ހަވާލުކޮށްފަ އެވެ. އަދި ރާއްޖޭގައި ހިންގި ޓެލެތޯނުން ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ވެސް ވަނީ ހަދިޔާކޮށްފަ އެވެ.
ބޭ އޮފް ބެންގާލްގައި އުފެދުނު ބާރުގަދަ ތޫފާން، ތޫފާން ޑިޓުވާގައި ސްރީލަންކާއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ ހިނގި އެކި ހާދިސާތަކުގައި އެ ގައުމުގެ 400 އަށްވުރެ މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ގެއްލިފަ އެވެ.
މި ހާދިސާގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވެފައި ވަނީ އެ ގައުމުގެ އައްސޭރިފަށުގައި ހުރި ސަރަހައްދުތަކަށެވެ. ދިވެހިން އެންމެ ގިނައިން ގޮސްއުޅޭ ކޭންޑީ ސަރަހައްދަށް ވެސް ބޮޑެތި ގެއްލިންތައްވެ، 88 މީހުން މަރުވެފައިވާއިރު 150 މީހުން ވަނީ ގެއްލިފަ އެވެ. ޖުމްލަ މި ހާދިސާގައި މިހާތަނަށް 366 މީހުން ގެއްލިފައިވާ ކަމަށް ޑީއެމްސީން ބުނެފައިވެ އެވެ.