ފުލުހުން ބުނެފައި ވަނީ މި އޮޕަރޭޝަންގެ ދަށުން މިދިޔަ ބުދަ ދުވަހު އައްޑޫ ސިޓީން ހައްޔަރު ކުރީ އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ނެޓްވޯކެއްގެ އިސްފަރާތްތަކެއް ކަމަށެވެ.

އޮޕަރޭޝަން "އަލިމަގު" ގެ ދަށުން އައްޑޫ ސިޓީން ހައްޔަރު ކުރި މަސްތުވާތަކެތީގެ ބޮޑުންގެ ވަނަވަރު ފުލުހުން މިރޭ ހާމަކޮށްފި އެވެ.
ފުލުހުން ބުނެފައި ވަނީ މި އޮޕަރޭޝަންގެ ދަށުން މިދިޔަ ބުދަ ދުވަހު އައްޑޫ ސިޓީން ހައްޔަރު ކުރީ އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ނެޓްވޯކެއްގެ އިސްފަރާތްތަކެއް ކަމަށެވެ.
އައްޑޫ ހިތަދޫއަށް ނިސްބަތްވާ އެ ފަސް މީހުންނަކީ ކޮންމުލި، އަލީ ނަދީމް 30، އާއި ފަލާހް، ހާފިޒު ފައުޒީ 31، އާއި ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު 43، އާއި ދޮރުފޮތިމާގެ، ހަސަން އަލްފާފް 28، އަދި ކެކުރިމާގެ، އަމީން މުހައްމަދު 23، އެވެ.
ފުލުހުން ބުނީ އެ މީހުންނަށް އަމާޒުކޮށް، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، މަނީ ލޯންޑާ ކުރުމުގެ އިންވެސްޓިގޭޝަން ފަށާފައި ވަނީ މި އަހަރުގެ މާޗު މަހުން ފެށިގެން ކަމަށެވެ.
މި ނެޓްވޯކުގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށާއި އަދި ފާއިތުވި ފަސް އަހަރު މި ނެޓްވޯކުގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލީ ނަދީމް އާއި ހާފިޒު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. އަދި ހަސަން އަލްފާފް އާއި އަމީން މުހައްމަދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.
އަލިމަގު އޮޕަރޭޝަން ފުލުހުން ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ. މިހާތަނަށް ފުލުހުން އާންމު ކުރި މައުލޫމާތުގައި، މި އޮޕަރޭޝަނުގައި 110 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާއިރު، 23 މިލިއަން ރުފިޔާއަށް އަރާ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.