"ވާނުވާ"ގައި ތިބީ ބޮޑެތި ކުށްވެރިން، އެކަމަކު "ވާގޮތް އެނގޭ" ވަރު ކޮށްދެވިއްޖެ

މާފަންނު ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން މިރޭ ބޭއްވި ބައްދަލުވުން. --ފޮޓޯ: ރައީސް އޮފީސް

ޝަރީއަތް ނިމެންދެން ބަންދުކޮށް، "ވާނުވާ" ބަންދުގައި ތިބީ ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން ކަމަށާއި، އެ މައްސަލަތައް ނުނިމެނީސް ދޫކުރެވެން ނެތުމުން، "ވާނުވާ އެނގޭ" ވަރަށް ކޯޓުތަކަށް ވަސީލަތްތައް ސަރުކާރުން އިތުރުކޮށްދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާފަންނު ރައްޔިތުުންނާއެކު މިރޭ ކުރިއަށްގެންދިޔަ ބައްދަލުވުމުގައި، ޒުވާނަކު ވަނީ ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ވި ވައުދު ނުފުއްދާ ކަމަށް ބުނެ، ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި ސަރުކާރުން ބޭނުންނަމަ، ފަސް މިނެޓު ތެރޭ އެ މައްސަލަ ހައްލުކޮށް، ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލެވޭނެކަމަށް އެ ޒުވާނާ ބުންޏެވެ.

އެކަމުގެ ޖަވާބުގައި ރައީސް ނެންގެވީ ވާނުވާ ބަންދުގައި ތިބި މީހުންގެ ތަފާސްހިސާބުތަކެވެ. 

މިގޮތުން، ވާނުވާ ބަންދުގައި 347 މީހުން ތިބިއިރު، އޭގެ ތެރޭގައި، މަރުގެ މައްސަލަތަކުގައި ހިމެނޭ 29 މީހަކާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ހިމެނޭ 20 މީހަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ 117 މީހުންނާއި ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި ހިމެނޭ 116 މީހުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މާފަންނު ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން މިރޭ ބޭއްވި ބައްދަލުވުން. --ފޮޓޯ: ރައީސް އޮފީސް

"ފަސް މިނެޓެއް ނޫން އެއްވެސް ސިކުންތެއްގައި ދޫކޮށްލެވޭނެއޭ ވިދާޅުވިޔަސް ކުޑަކުދިންނާ ޖިންސީ ގޯނާ ހިންގާފައި ހުރި މީހެއް ކަމަށް ތުހުމަތު ކުރެވޭ މީހެއް، ޓެރަރިޒަމްގެ އަމަލެއް ހިންގާފައި ހުރި މީހެއް، މާރާމާރީ ނުވަތަ މަރުގެ ކަމެއް ކޮށްފައި ހުރި މީހެއް، ޑްރަގް ޓްރެފިކްކޮށްފައި ހުރި މީހެއް ދޫކުރާކަށް އަޅުގަނޑު ހިތުން އަޅުގަނޑަށް ލިބިފައި އޮތް ހައްގެއް ނޫން އަދި ފުރުސަތެއް ވެސް އަދި ކޮށްގެންވާނެ ކަމެއް ވެސް ނޫން. އެހެންވީމަ އެކަން ނުވަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޯޓްތަކުން ޝަރީއަތްތައް އަވަސްކުރަން ބޭނުންވާ ވަސީލަތްތައް ސަރުކާރުން ފުރިހަމަކޮށްދެމުން އަންނަ ކަަމަށެވެ. ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ ކޯޓްރޫމްތަކުގެ ޖާގަ އިތުރުކޮށްދިނުމަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެކަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތެއްގެ ތެރެއިން ބައެކެވެ. 

"ނަތީޖާއަކީ މިގޮތަށް މި ވާނުވާ ގޮތުގައި ކޮންމެ މީހެއްގެ ޝަރީއަތް ހިނގާނެ ދުވަހެއް، ތާވަލު ކުރާނެ ދުވަހެއް، އެއްވެސް ކަމެއް ނޭނގި ވާނުވާގެ ގޮތުގައި ތިބި ތިބުން ނިމުމަކަށް ގެނެސް މިއިން ކޮންމެ މީހެއްގެ ޝަރީއަތް ތާވަލު ކުރެވޭނެ ދުވަހާއި މި މައްސަލަތައް އަވަހަށް ބެލޭނެ ގޮތް ހަމަޖެހިގެންދިޔުމާއި މިކަންކަން ކޯޓުތަކުން އެބަ ހިންގާ ކަމުގެ މައުލޫމާތު އަޅުގަނޑަށް ދެންމެ އެޓާނީ ޖެނެރަލް ހިއްސާކޮށްދެއްވި،" ރައީސް ވިދާޅުވި އެވެ.

އެއާ އެކު، ވާނުވާ ބަންދުގައި ތިބި މީހުންނަށް "ވާގޮތް އެނގޭ" މިންވަރަށް ޝަރީއަތްތައް ތާވަލުކުރެވި، އެ މައުލޫމާތުތައް ގަވައިދުން އެ މީހުންނަށް ލިބޭ ހިސާބަށް ސަރުކާރުން ކަންކަން ގެންގޮސްދެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.