"ގާނޫނެއް ވުޖޫދުވުމަކީ ޒަކާތު ފަންޑު ހިންގައި ބެލެހެއްޓުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް"

"އަޅުގަނޑުގެ ދުއާއަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު ނިޒާމަކަށް ވެގެން ދިއުން. ރާއްޖޭގެ ޒަކާތުގެ ގާނޫނު ބިނާވެފައިވަނީ އިސްލާމީ ފިގުހުގެ އެންމެ ފަހުގެ ޒަމާނީ އިލްމީ ދިރާސާތަކުގެ މައްޗަށް،"

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ: މިނިސްޓްރީ

އިސްލާމީ ފިގުހުގެ އުސޫލުތަކުގެ އަލީގައި ހަރުދަނާ ގޮތެއްގައި، އިތުބާރާއި އަމާނާތްތެރިކަމާއެކު ޒަކާތު ފަނޑު ހިންގައި ބެލެހެއްޓުމަށް ގާނޫނެއް ވުޖޫދުވުމަކީ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ޒަކާތު ބިލު ވަނީ ފާސްކޮށްފަ އެވެ. އެކަމާ ގުޅިގެން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ އެ ބިލު ހުށަހަޅުއްވައިދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވާފަ އެވެ.

"އަޅުގަނޑުގެ ދުއާއަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު ނިޒާމަކަށް ވެގެން ދިއުން. ރާއްޖޭގެ ޒަކާތުގެ ގާނޫނު ބިނާވެފައިވަނީ އިސްލާމީ ފިގުހުގެ އެންމެ ފަހުގެ ޒަމާނީ އިލްމީ ދިރާސާތަކުގެ މައްޗަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އިއްޔެ ފާސްކުރި ގާނޫނަކީ އިސްލާމްދީނުގައި ޒަކާތް ޝަރުތުކޮށްފައިވާ މަގުސަދުތައް ހާސިލު ކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ގާނޫނޫ އޮނިގަނޑެއް އެކުލަވާލުމާއި، ގާނޫނުގެ ދަށުން ދައްކަން ޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުބާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވާލެވުނު ގާނޫނެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަދި ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާއީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނެ ގޮތެއްގެ މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި، އެ ފައިސާ ބޭނުންކުރުމާ ގުޅޭ އާންމު އުސޫލުތައް ވެސް އެ ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

މި ބިލު ތަސްދީގު ކުރެވުމާއެކު "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދެނޭ އެވެ. މި އިދާރާ ހިނގަމުންދާނީ މިނިސްޓްރީގެ ދަށުންނެވެ.

ޒަކާތުގެ ބިލުގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާދިނުމަށާއި އެ ނިޒާމުގެ ހިންގުން ވިލަރެސްކުރުމަށްޓަކައި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް ރައީސް އެކުލަވާލައްވަން ޖެހެ އެވެ. މި ކައުންސިލްގައި މިނިސްޓަރާއި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލްއާއި ރައީސް އައްޔަނު ކުރައްވާ ދެ މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތުން ޖުމުލަ ނުވަ މެންބަރުން ތިއްބަވާނެ އެވެ.

މިނިސްޓްރީން ބުނެފައި ވަނީ މި ސަރުކާރުގެ ކުރީކޮޅު ރާއްޖޭގެ ޒަކާތު ހައުސް އުފެއްދުން ވެގެން ގޮސްފައިވަނީ ރާއްޖޭގެ ޒަކާތުގެ ނިޒާމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ކަމެއް ކަމެކެވެ. އެގޮތުން ޒަކާތު ހައުސްއިން އާއްމުން ޒަކާތަށް ހޭލުންތެރިކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މިދިޔަ އަހަރަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ލިބިގެންދިޔަ އަހަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.