އުސޫލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ސަރަހައްދުތަކަށް ކަނޑައަޅާފައިވާ ކުލި މުރާޖައާ ކުރުމުގެ އިތުރަށް ހުއްދަކުރާ ހަރަކާތްތަކަށް ގެނައި ބަދަލުތައް ވެސް ހިމެނޭ

އެކިއެކި ހަފްލާތަކާއި ހަރަކާތްތަކަށް ހުޅުމާލޭގެ ސަރަހައްދުތައް ދޫކުރާ އުސޫލަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބަދަލުތަކެއް ގެނެސްފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، އުސޫލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ސަރަހައްދުތަކަށް ކަނޑައަޅާފައިވާ ކުލި މުރާޖައާ ކުރުމުގެ އިތުރަށް ހުއްދަކުރާ ހަރަކާތްތަކަށް ގެނައި ބަދަލުތައް ވެސް ހިމެނޭ ކަމަށެވެ.
މިގޮތުން، ތިން ދުވަހަށް ވުރެ އިތުރަށް ބާއްވާ ހަރަކާތްތަކަށްފަހު، ތަން ސާފުކޮށް، ސެޓްއަޕް ރޫޅާލަން، ހަތަރު ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށް، ކުލީގެ 50 ޕަސެންޓު ނެގުމުގެ އިހުތިޔާރު މިހާރު ވަނީ ހިމަނައިފަ އެވެ.
އަދި ހަ ގަޑިއިރަށް ވުރެ އިތުރަށް ސަރަހައްދެއް ކުއްޔަށް ނަގާނަމަ، އެއް ދުވަހަށް ކުލި ނަގާ ރޭޓުން ކުލި ހިނގާނެކަމަށް އުސޫލަށް ގެނައި ބަދަލުގައި ބުނެފައިވެ އެވެ.
މީގެއިތުރުން، ފޮޓޯ އަދި ވީޑިއޯ ޝޫޓިންއަށް ވެސް އާ އުސޫލުގެ ދަށުން މިހާރު ވަނީ ވަގުތު ކަނޑައަޅައިފަ އެވެ.
މިގޮތުން، އާންމު ސަރަހައްދެއްގައި ސެޓްއަޕް ހަދައިގެން ފޮޓޯ/ވީޑިއޯ ޝޫޓިން ކުރިއަށް ގެންދާނަމަ، ހުއްދަ ހޯދަން ޖެހުނަސް، އެކަމަށް ނަގާނީ އީދާރީ ފީއެއް އެކަންޏެވެ.
އަދި އެކަމަށް ހަތަރު ގަޑިއިރުގެ ވަގުތެއް ކަނޑައަޅާފައިވާއިރު، އެއަށް ވުރެ އިތުރަށް ހުއްދަ ދެވޭނީ އެ ހަރަކާތެއްގެ ޒާތަށް ބެލުމަށް ފަހުގައި ކަމަށް އެޗްޑީސީން އުސޫލަށް ގެނައި ބަދަލުގައި ބުނެފައިވެ އެވެ.