މަޖިލީސް ޗުއްޓީއަށް ދިޔަކަން އިއުލާނު ކުރެއްވީ މިއަދު ބޭއްވި ޖަލްސާގައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ޗުއްޓީއަށް ގޮސްފައި ވަނީ މިއަދު ޖުމުލަ އަށް ވޯޓަކަށް އެހުމަށްފަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ނިންމައި، މެންބަރުން މިއަދު ޗުއްޓީއަށް ހިނގައްޖެ އެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މަޖިލީހުގެ މަސައްކަތްތައް ބެހިފައިވަނީ ކޮންމެ އަހަރެއްގައި ވެސް ތިން ދައުރަކަށެވެ. މި ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް މުހިންމު މަސައްކަތްތަކެއް ހުރުމުން އެއް ހަފްތާއަށް ދައުރު ދަންމައިލީ އެވެ.
މަޖިލީސް ޗުއްޓީއަށް ދިޔަކަން އިއުލާނު ކުރެއްވީ މިއަދު ބޭއްވި ޖަލްސާގައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ޗުއްޓީއަށް ގޮސްފައި ވަނީ މިއަދު ޖުމުލަ އަށް ވޯޓަކަށް އެހުމަށްފަހު އެވެ.
އޭގެ ތެރޭގައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅި ބިލާއި، ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރިސޯޓު ހަދަން ދެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅި ބިލުގެ އިތުރުން ޒަކާތު ފަންޑުން އިންވެސްޓްމެންޓް ކުރެވޭ ގޮތަށް ޒަކާތުގެ ގާނޫނަށް އިސްލާހު ހުށަހެޅި ބިލު ހިމެނެ އެވެ.
މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ 20 ވަނަ މަޖިލީސް ފެށުނީއްސުރެ ގެންގުޅޭ އުސޫލަކީ، ސަރުކާރު ހިންގުމަށް ނުވަތަ ހިދުމަތް ފޯރުކޮށްދިނުމަށް މުހިންމު ބިލެއް މަޖިލީހުގައި އޮވެއްޖެނަމަ، އެ ބިލުގެ މަސައްކަތް ނިންމާފައި ނޫނީ ޗުއްޓީއަށް ނުދާ އުސޫލު ކަމަށެވެ.
މިއަހަރުގެ ތިންވަނަ ދައުރުގައި ކުރި ބައެއް މަސައްކަތްތަކަށް ވެސް އަބްދުއްރަހީމް އަލިއަޅުއްވައިލި އެވެ. އެގޮތުން މި ދައުރުގައި؛
މި ދައުރު ނިންމި މުހިންމު ބިލުތަކުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑު) ގެ ގާނޫނަށް ގެނެވުނު އިސްލާހާއި މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ގެނެވުނު އިސްލާހާއި ޓްރޭޑް މާކު ބިލުގެ އިތުރުން އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހާއި ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް ގެނެވުނު އިސްލާހު ރިޔާސަތުން ފާހަގަކުރެއްވި އެވެ.
"އިއްޒަތްތެރި މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަކުގައި ތިޔަ ދެއްވާ އެއްބާރުލުމާ، ތިޔަ ކޮށްދެއްވާ ބުރަ މަސައްކަތް އަޅުގަނޑު ނުހަނު އިހުލާސްތެރިކަމާއެކީގައި ފާހަގަކޮށް، ތިޔާ ހުރިހާ އިއްޒަތްތެރި މެންބަރުންނަށް ވަރަށް އިހުލާސްތެރިކަމާއެކީގައި ޝުކުރު ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަދި ޗުއްޓީގެ ބޭނުން މެންބަރުން ހެޔޮ ގޮތުގައި ހިއްޕަވައި، އާ ދައުރަށް މަޖިލީސް ހުޅުވޭއިރު، އާ ވިސްނުންތަކާއި އާ ހިޔާލުތަކާއެކު ވަޑައިގަންވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ 20 ވަނަ މަޖިލީހަކީ އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކީގައި، ސިޔާސީ ފިކުރަކަށް ބެލުމަކަށް ނެތި ގައުމީ މައްސަލަހަތު އިސްކޮށްގެން ކުރިއަށްދާ މަޖިލީހެއްގެ ގޮތުގައި އަބަދުވެސް ދެމިއޮތުން. އެމަގަށް މަސައްކަތް ކުރުމުގައި ތިޔަ އިއްޒަތްތެރި މެންބަރުންނަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ރިޔާސަތުން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ތިޔަ ހުރިހާ އިއްޒަތްތެރި މެންބަރުންނަށް އަރުވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޗުއްޓީ ނިންމާލުމަށްފަހު ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވާނެ އެވެ. އެ ތާރީހު މަޖިލީހުން ފަހުން އިއުލާނު ކުރާނެ އެވެ.