އޭގެ އިތުރުން ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ އެކެއްގައިވާ މަސްތުވާތަކެތީގެ ބާވަތެއްނަމަ، 100 ގްރާމަށްވުރެ އިތުރު އަދަދަކަށް ފެނެއްޖަނަމަ ވެސް މަރުގެ އަދަބު ދެވިދާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމް ކޮށްފިނަމަ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ މި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ 65 މެންބަރުންގެ ވޯޓުންނެވެ.
ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު މަޖިލީހަށް ހުށަހަޅުއްވާފައިވާ މަސްތުވާތަކެއްޗާ ބެހޭ ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ސަރުކާރުން ބުނެފައި ވަނީ، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އިތުރު ބާރުދިނުމާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.
މި އިސްލާހުގެ ދަށުން ތިން ހާލަތަކަށް ފެތޭ ބަރުދަނުގެ މަސްތުވާތަކެތި ފެނެއްޖެނަމަ މަރުގެ އަދަބު ދެވޭނެ އެވެ. އެގޮތުން 350 ގްރާމަށްވުރެ އިތުރަށް ކެނެބިސް ފެނުމާއި 250 ގްރާމަށްވުރެ އިތުރަށް ޑައިމޯފިން ފެނެއްޖެނަމަ އެމީހަކަށް މަރުގެ އަދަބު ދެވިދާނެ އެވެ.
އޭގެ އިތުރުން ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ އެކެއްގައިވާ މަސްތުވާތަކެތީގެ ބާވަތެއްނަމަ، 100 ގްރާމަށްވުރެ އިތުރު އަދަދަކަށް ފެނެއްޖަނަމަ ވެސް މަރުގެ އަދަބު ދެވިދާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލުގައި މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ވީހާވެސް ބޮޑު އަދަބެއް ކަނޑައެޅުމަށް އެންގެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި މިހާރު ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބަކީ އުމުރަށް (25 އަހަރަށް) ޖަލަށްލުމާއެކު އެއްލައްކަ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.