ކޮމެޓީން ނިންމި ގޮތަށް، މިއަދު މަޖިލީހުން މަހުލޫފަށް ރުހުން ދޭން ފާސްކޮށްފައި ވަނީ 60 މެންބަރުންގެ ވޯޓުންނެވެ.

ރާއްޖޭން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް، ދާދި އިހަކަށް ދުވަހު ވެރިކަން ކުރާ ޕީއެންސީ އާ ގުޅިވަޑައިގެންނެވި، އަހުމަދު މަހްލޫފް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި މަހްލޫފް ޕީއެންސީއާ ރަސްމީކޮށް ގުޅިވަޑައިގެންނެވީ، ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް، ރައްޔިތުންގެ ތާއީދު އޮތް ކަން ދައްކައިލަން، މިދިޔަ މަހުގެ 14 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގަ އެވެ.
ޖަޕާނުގައި ހުންނަވާ ސަފީރަކަށް މަހުލޫފް އައްޔަނުކުރަން ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީން ދިރާސާ ކުރުމަށްފަހު ނިންމީ މަހުލޫފަށް ރުހުން ދޭށެވެ.
ކޮމެޓީން ނިންމި ގޮތަށް، މިއަދު މަޖިލީހުން މަހުލޫފަށް ރުހުން ދޭން ފާސްކޮށްފައި ވަނީ 60 މެންބަރުންގެ ވޯޓުންނެވެ.
މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އިސްތިއުފާ ދެއްވި ސަބަބު މަހްލޫފް ހާމަކުރައްވާފައިނުވިޔަސް، އޭރު ވެސް ޕީއެންސީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އަޑުތަކެއް އިވުނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފަލަސްތީނާއި އުރުދުންއަށް ނޮން ރެސިޑެންޓް ސަފީރުން ކަނޑައެޅުމަށް ރައީސް ފޮނުއްވި ނަންތައް ވެސް ވަނީ ފާސްކޮށްފަ އެވެ.
ފަލަސްތީނަށް ރާއްޖޭން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރަކަށް، ރައީސް ހުށަހަޅުއްވާފައިވަނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އެވެ. މި ވަގުތު މިނިސްޓްރީގެ އިންޑިއާ ޑެސްކުގެ ހެޑުގެ ގޮތުގައި ހުންނެވި ޒުހުރީ އަކީ ކެރިއާ ޑިޕްލޮމެޓެކެވެ. އޭނާގެ ނަން ފާސްވެފައި ވަނީ 62 މެންބަރުންގެ ވޯޓުންނެވެ.
އުރުދުންގެ ނޮން ރެސިޑެންޓް ސަފީރަކަށް ރައީސް ހުށަހަޅުއްވާފައިވާ ޑރ. ހާލާ ހަމީދު މި ވަގުތު ހުންނެވީ މިނިސްޓްރީގެ ސެކްރެޓަރީގެ މަގާމުގަ އެވެ. މިނިސްޓްރީގެ ބައިލެޓަރަލް ޑެސްކުގައި އެންމެ އިސްކޮށް ހުންނެވި، ޑރ. ހާލާ އަކީ ދިވެހި ހާރިޖިއްޔާގައި މި ވަގުތު ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ބޭފުޅެވެ. އޭނާއަށް ރުހުން ދޭން ފާސްވެފައި ވަނީ 63 މެންބަރުންގެ ވޯޓުންނެވެ.