އޭއައި ބޮޓް މެދުވެރިކޮށް ވޮއިސް ބޭނުންކޮށްގެންވެސް މައުލޫމާތު ހޯދެ އެވެ. އަދި އެކްސެބިލިޓީ ފީޗާ ބޭނުންކޮށްގެން ވެބްސައިޓް ބަލަން ފަސޭހަކޮށްދެ އެވެ.

ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވެބްސައިޓުގައި ހާއްސަ އެހީއަށް މައުލޫމާތު ހޯދޭނެ ފީޗާތަކާއެކު މައުލޫމާތު ދޭނެ އޭއައި ބޮޓެއް ހިމަނައިފި އެވެ.
ޒަމާނީ މި ބަދަލު ގެނެސް ހިދުމަތްތައް ތައާރަފު ކޮށްދެއްވީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.
އެޗްޑީސީގެ ވެބްސައިޓުގައި އަލަށް ހިމެނި ފީޗާތަކާއެކު ކަސްޓަމަރުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ. އެގޮތުން ވެބްސައިޓުގައި މިހާރު ހިމަނާފައިވާ އޭއައި ބޮޓް މެދުވެރިކޮށް ހުޅުމާލެ އާއި އެޗްޑީސީއިން ލިބެން ހުރި ގިނަ މައުލޫމާތުތައް ސިކުންތު ކޮޅެއްގެ ތެރޭގައީ ހޯދޭނެ އެވެ.
ދިވެހި ބަހާއި އިނގިރޭސި ބަހުން އަޑު މެދުވެރިކޮށް ވެސް މައުލޫމާތު ހޯދަން ފުރުސަތު ފަހި ވެގެންދާނެ އެވެ.
މީގެ އިތުރުން އެޗްޑީސީގެ ވެބްސައިޓުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަަކަށް ހާއްސަކޮށް ހިމެނި ފީޗާގެ ސަބަބުން ސްކްރީން ރީޑިން އަދި އަކުރުތައް ދުރުކޮށްލުމުގެ އިތުރުން ،ވެބްސައިޓުގެ ފޮންޓް ސައިޒު ބޮޑުކޮށްލުން ފަދަ ގިނަ ފީޗާތަކެއް ހިމަނާފައިވެ އެވެ. މީގެ ސަބަބުން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މައުލޫމާތު ހޯދަން ބޮޑު ފަސޭހައަކަށް ވެގެންދާނެ އެވެ.