ފުށިދިއްގަރަށް ބަނދަރު ކުރި ކްރިސްޓަބަލް ކޮލޯން | ކިހާވަރެއްގެ ޑްރެޖަރެއް ؟

މި ޑްރެޖަރަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރެވެ. މިއީ ފީފާ ސްޓޭންޑަޑުގެ ފުޓްބޯޅަ ދަނޑަކަށް 21 ފޫޓު އުސް މިނުގައި ވެލި އެއްފަހަރާ އެޅުމުގެ ކުޅަދާނަކަން ހުރި އުޅަނދެކެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރު ކަމަށްވާ ކްރިސްޓަބަލް ކޮލޯން -- ފޮޓޯ ރައީސް އޮފީސް

ދުނިޔޭގެ އެއްބައްރުން އަނެއް ބައްރަށް ދަތުރު ކުރި މަޝްހޫރު ދަތުރުވެރިޔާ ކްރިސްޓޮޕާ ކޮލަމްބަސްގެ ނަމާ ގުޅުވައިގެން ބަނދެފައިވާ "ކްރިސްޓަބަލް ކޮލޯން"، ހޮލެންޑުގެ ޖަންޑެނަލް ގްރޫޕުން ބަނދެފައިވަނީ 2010 ވަނަ އަހަރު އެވެ. އެ ދުވަހުން ފެށިގެން މި އުނދުވެފައިވަނީ ބިން ހިއްކުމުގައި ދުނިޔޭގައި ހިނގި ބިޔަ ހުރިހާ މަޝްރޫއުތަކެއްގެ ބައިވެރިއެއްގެ ގޮތުގަ އެވެ. މިއީ ޓްރެއިލިންގް ސަކްޝަން ހޮޕާ ޑްރެޖަރު ނުވަތަ ފުނުން ވެލި ނަގައިގެން ގެނެސް އަޅައިގެން ބިން ހިއްކަން ދުނިޔޭގައި މިވަގުތު އޮތް އެންމެ ބިޔަ ދެ އުޅަނދުގެ ތެރޭން އެއް އުޅަނދެވެ. މީގެ އަނެއް އުޅަނދަކީ "ލެވި އެރިސަސް" ގެ ނަން ދީފައިވާ އުޅަނދެވެ. މި އުޅަނދު ވެސް މީގެ ކުރިން ވަނީ ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫއުތަކުގައި ބޭނުންކޮށްފަ އެވެ. މި އުޅަނދަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކި ޑްރެޖަރެވެ. 

"ލެވި އެރިސަސް" އާއި "ކްރިސްޓަބަލް ކޮލޯން" އަކީ ވެސް އެއް ކުންފުންޏަށް ނިސްބަތްވާ ދެ އުޅަނދެކެވެ. ކްރިސްޓަބަލް ކޮލޯން މިހާރު ރަސްމާލެ ބިން ހިއްކުމުގެ ބޮޑު މަސައްކަތް ފަަށާފައިވާއިރު މިއީ ކިހާވަރެއްގެ އުޅަނދެއް ހެއްޔެވެ؟ މި އުޅަނދާއެކު ރަސްމާލެ ހިއްކުން ކިހާ އަވަހެއް ވެގެންދާނެ ހެއްޔެވެ؟ 

ދުނިޔޭގެ އެންމެ ވަރުގަދަ ފަސް ޓްރެޖަރު

  •  ކްރިސްޓަބަލް ކޮލޯން - ބެލްޖިއަމް
  •  ވެވިލް އެރިކްސަސް - ބެލްޖިއަމް
  •  ތޮންގް ޖުން - ޗައިނާ
  •  ކުއީން އޮފް ނެދަލޭންޑް - ހޮލެންޑް
  •  ޑަބްލިއުޑީއެޗް ވެންގާވިޝް - ނޮލެންޑް

ކްރިސްޓަބަލް ކޮލޯންއަކީ 46,000 ކިއުބިކް މީޓަރުގެ ވެލި 155 މީޓަރު އަޑިން ނެގުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ. ތަންކޮޅެއް ތިލަކޮށް ބުނާނަމަ މިއީ އާންމު ޓީވީން ފެންނަ ފީފާ ސްޓޭންޑަޑުގެ ފުޓްބޯޅަ ދަނޑަކަށް 21 ފޫޓު އުސް މިނުގައި ވެލި އެޅުމުގެ ކުޅަދާނަކަން ހުރި އުޅަނދެކެވެ. މި އުޅަނދުގެ ދެ ފަރާތުގައި ބޮޑު ވެކިއުމް ކްލީނަރެއްހެން ހަރުކޮށްފައިވާ ވެލި ދަމާ ދަތްގަނޑަކީ ބިމުއަޑީގައި ހުންނަ ވެލިގަނޑުން 20 ޓަނުގެ ވެލި ގަޑިއެއްގެ ތެރޭ އުޅަނދު ބަރުކޮށްލެވޭ ވަރުގެ ޕްރެޝަރު ހުރި ދެ "އަތެ" އެވެ.

މި އުޅަނދަކީ ޓެކްނޮލޮޖީގެ ވެސް އަޖައިބު ކުރުވަނިވި އުޅަނދެކެވެ. ވެލި ނަގަން ޖެހޭ ސަރަހައްދަށް ދިއުމުގެ ކުރިން ޓެކްނޮލޮޖީގެ އަލީގައި އެ ސަރަހައްދު އެނގޭނެ ވަސީލަތް ހަރުކޮށްފައިވެ އެވެ. އަދި ވެލި ނަގާ ސަރަހައްދަށް ދިއުމަށްފަހު 100 އެތަށް މީޓަރެއްގެ ފުންމިނުގެ ކަނޑުގެ ސްކޭން ފޮޓޯތައް އުޅަނދަށް ލިބޭނެ ޓެކްނޮލޮޖީގެ ވަސީލަތް ހަރުކޮށްފައިވެ އެވެ. މިހުރިހާ މަސައްކަތްތެއް ކުރަނީ މި އުޅަނދުގެ ވަރުގަދަ އިންޖީނުތަކާއި ބާރުގަދަ ބެޓެރި ތަކުންނެވެ. އުޅަނދުގައި 17 މުވައްޒަފުން މަސައްކަތް ކުރާއިރު، ކްރިސްޓަބަލް ކޮލޯންއަށް ކަރަންޓު ދިނުމަށް ރާއްޖޭގެ 10 ރަށަށް ކަރަންޓު ދިނުމުގެ ގާބިލްކަން ހުރި އިންޖީނެއް ބަހައްޓާފައި ހުރެ އެވެ.

ފުށިދިއްގަރުފަޅުން ބިއްކައި ރަސްމާލެ ޕްރޮޖެކްޓް ފައްޓަވައި ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

މި ހުރިހާ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު މި އުޅަނދު ވެފައިވަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބިޒީ އެއް ޑްރެޖަރަށެވެ. 

އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތެއްގެ ބައިވެރިއަކަށެވެ. ކްރިސްޓަބަލް ކޮލޯން އިން ފުރިހަމަކޮށްފައިވާ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ނައިޖީރިއާގެ ޑެންގޯޓޭ ރިފައިނަރީ މަޝްރޫއު ހިމެނެ އެވެ. މި މަޝްރޫއަށް 2،400 ހެކްޓަރުގެ ބިޔަ ސަރަޙައްދެއް ހިއްކަން 50 މިލިއަނަށް ވުރެ ގިނަ ކިއުބިކް މީޓަރުގެ ވެލި ނެގި އެވެ. މީގެ އިތުރުން ދުބާއީ ވޯޓާފްރަންޓް ތަރައްގީ ކުރުން ވެސް ހިމެނެ އެވެ. މި މަސައްކަތް ކުރަން ޕާމް ޖެބެލް އަލީ ކައިރީގައި ހިމެނޭ ބޮޑެތި ރަށްތަކުގެ ބިން ހިއްކުމުގެ މަސައްކަތް ކުރި އެވެ. އަދި ކެނެޑާގެ ނިއުފައުންޑްލޭންޑްގެ ތެޔޮ މަޝްރޫއުގެ މަސައްކަތް ވެސް ހިމެނެ އެވެ. ކަނޑުގެ އަޑީގެ ތެޔޮ ނެގުމުގެ އިންސްޓޯލޭޝަންތައް އައިސްބަގްގެ ގެއްލުމުން ސަލާމަތްކުރުމަށްޓަކައި ހިންގި މި ބިޔަ މަޝްރޫއުގައި 130 އަށްވުރެ ގިނަ ބިޔަ ވަޅުތަކެއް ކަނޑުގެ އަޑީގައި ހެދުމުގެ މަސައްކަތް ކުރުމަށް މި އުޅަނދުން އެހީތެރިކަން ދީފައިވެ އެވެ.

ކްރިސްޓަބަލް ކޮލޯން

  •  46،000 ކިއުބިކް މީޓަރުގެ ވެލި ނެގޭނެ
  •  155 މީޓަރު ފުނުން ވެލި ނެގުމުގެ ކުޅަދާނަކަން
  •  ޖުމުލަ 17 މުވައްޒަފުން މަސައްކަތް ކުރޭ
  •  ޕާމް ޖެބެލް އަލީފަދަ ދުނިޔޭގެ ބިޔަ މަޝްރޫއުތަކެއް ފުރިހަމަކޮށްފައިވާ އުޅަނދެއް
ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ރައީސް މުއިއްޒު ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ކްރިސްޓަބަލް ކޮލޯން ރާއްޖެ އައިސް މަސައްކަތް ފެށުން ވެގެންދާނީ ހިއްކުމުގެ މަސައްކަތް އެހެން ލެވަލްއަކަށް އުފުލިގެންދާނެ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވި ގޮތުގައި މި ޑްރެޖަރާއެކު މަސައްކަތް ތިން ގުނަ އަވަސް ވެގެންދާނެ އެވެ. މި ރަށް ފެނިގެންދާނީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ގޯތިގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހިންގާ އެ މަނިކުފާނުގެ އެންމެ ޑްރީމް ޕްރޮޖެކްޓް ސަތޭކަ ޕަސެންޓު ނެޓް ޒީރޯ ކާބަން، ސްްމާޓް އިކޯ ސިޓީއެއްގެ ގޮތުގަ އެވެ. އަދި މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ކްލައިމެޓް އެޑެޕްޓޭޝަން މަޝްރޫއު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެެ.

ދިވެހިންގެ އިކޯ ސިޓީ

  •  ރަސްމާލެއަކީ 20 އަހަރުގެ ޕްލޭނެއް ހިމެނޭ ސިޓީއެއް
  •  ހުޅުމާލޭގެ ދެ ފޭސްއަށް ވުރެ ތިން ގުނަ ބޮޑު ސިޓީއެއް
  •  މި މަޝްރޫއަށް 1280 ހެކްޓަރުގެ ބިން ހިއްކާނެ
  •  އެ ސިޓީ ތަރައްގީ ކުރަނީ މާލެ ނުގޮސް ފަރުޖެހޭ ފެންވަރުގައި
  •  އެންމެ ޒަމާނީ ހައި ސްޕީޑް ފުރިހަމަ ފެރީ ނިޒާމެއް އޮންނާނެ
  •  މިއީ ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން ހަދާ ސިޓީއެއް
  •  ހައުސިން ސިނާއަތަށް އިންގިލާބީ އަދި ތާރީހީ ބޮޑު ކުރި އެރުމެއް ލިބޭނެ
  •  މުޅި ސިޓީ އޮންނާނީ ތިމާވެއްޓާ ރަހުމަތްތެރިކޮށް
  •  ރަސްމާލެއާ ކައިރީން ފަޅެއްގައި އެއާ ސްޓްރިޕެއް
  •  ރަށް ތަރައްގީ ކުރަނީ ސޭފް އައިލެންޑެއްގެ ގޮތުގައި
  •  އެއްފަހަރާ 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން
  •  މި ސިޓީގައި 1600 އަކަފޫޓްގެ 11،000 ގޯއްޗާއި 1400 އަކަފޫޓްގެ 20،000 ފްލެޓް
  •  ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް ހިމެނޭނެ
  •  ގެސްޓްހައުސް އާއި ޓޫރިޒަމަށް ހާއްސަ ވަކި ދެ ރަށެއް އެ ފަޅުގައި ތަރައްގީކުރާނެ
  •  ވިޔަފާރި އަދި ކުޅިވަރަށް ހާއްސަ ސަރަހައްދެއް ތަރައްގީ ކުރާނެ

ފުށިދިއްގަރު ފަޅުގައި ތަރައްގީ ކުރާ ރަސްމާލެ މަޝްރޫއަކީ 1153 ހެކްޓަރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 1009 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. ސަރުކާރުން ވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޮޑުބައެއް ހިއްކައި ގޯތިދޭން ފަށާނެ ކަމަށް ބުނެފަ އެވެ.

ކްރިސްޓަބަލް ކޮލޯންއާއެކު ރަސްމާލޭގެ މަސައްކަތް އެތައް ގުނައެއް އަވަސް ވެގެންދާނެ އެވެ. ދެން ފެންނާނީ ބަލަހައްޓައިގެން ތިއްބައި މި ބިޔަ މާސިންގަހާ ސިޓީ އެއްކޮށް ފެނުން މައްޗަށް ތިލަވެގެންދާ ތަނެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.