މި ރަސްމިއްޔާތުގައި ބޭންކަށް 15، 20، 30 އަދި 40 އަހަރު ޚިދުމަތްކުރެއްވި މުވައްޒަފުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބްއާއި ބޯޑު މެންބަރުންނެވެ.

ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެކަން ފާހަގަކުރުމަށް ހާއްސާ ހަފްލާއެއް ބާސެލޯ ނަސަންދުރައުގައި ބާއްވައިފި އެވެ.
މި ރަސްމިއްޔާތުގައި ބޭންކަށް 15، 20، 30 އަދި 40 އަހަރު ޚިދުމަތްކުރެއްވި މުވައްޒަފުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބް އާއި ބޯޑު މެންބަރުންނެވެ.
މި ހަފްލާގައި 43 މުވައްޒަފުންނަށް އެވޯޑު ދީފައި ވެއެވެ. އެގޮތުން 40 އަހަރުގެ ދިގު މުއްދަތެއްގައި ބޭންކަށް ހިދުމަތްކޮށްފައިވާތީ ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރު ހަސަން ޝާމަށް ވަނީ ހާއްސަ އެވޯޑެއް ދީފަ އެވެ.
އަދި ބޭންކަށް 25 އަހަރު ހިދުމަތްކޮށްދީފައިވާތީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފަށް ވެސް ވަނީ އެވޯޑެއް ދީފަ އެވެ.
އެވޯޑު ލިބުނު މުވައްޒަފުންނާ މުޚާތަބުކުރައްވާ ޝަރީފް ވިދާޅުވީ، މުއައްސަސާއެއް ކާމިޔާބުވެފައި ވަރުގަދަވަނީ އެ މުއައްސަސާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ކިބާގައި ހުންނަ ރަނގަޅު ސިފައިގެ ސަބަބުންނެވެ.
"އެ މުއައްސަސާއަށް ހޭދަކުރެވޭ ވަގުތުތަކާއި، އެ މުއައްޒަފުންގެ ހުނަރާ އަދި ހާއްސަކޮށް އެ މުއައްސަސާއެއްގެ މިޝަން ކާމިޔާބުކުރުމަށްޓަކައި މުވައްޒަފުންގެ ހުންނަ ޕެޝަންގެ ސަބަބުން އެހެންކަމުން މި ބޭންކު މިއަދު ކާމިޔާބުކަމާއި އެކު މިހިސާބަށް ވާސިލުވުމުގެ އަސްލަކީ ތިޔަބޭފުޅުން. އެހެންކަމުން ތިޔަކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް ބޭންކުގެ ބޯޑާއި މެނޭޖްމެންޓާއި ހުރިހާ މުވައްޒަފުންގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލްއަކީ 99 ޕަސެންޓަށްވުރެ ގިނަ ދިވެހި މުވައްޒަފުންނާއެކު ރާއްޖޭގެ މާލީ ދާއިރާގެ އެންމެ ގިނަ ވަޒީފާގެ ފުރުސަތުދޭ މުއައްސަސާއެކެވެ. މުވައްޒަފުންގެ ގާބިލުކަމާއި ހުނަރު ކުރިއެރުވުމަށާއި ވަޒީފާގެ މައިދާނުގައި ކުރިއެރުން ހޯދައި ދިނުމަށް ބޭންކުން އަބަދުވެސް އެކިއެކި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގައެވެ. އަދި މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް ބާއްވަ އެވެ.
މުވައްޒަފުންގެ ކުރިއެރުމަށާއި މުވައްޒަފުންނާ ގުޅޭ ގޮތުން ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ ސަބަބުން " އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ޖެހިޖެހިގެން ގިނަ އަހަރުތަކައްގައި ބޭންކަށް ލިބިފައިވެ އެވެ.