އެމްޑީގެ ވަގުތީ ޗެއާޕާސަންގެ ވޯޓު އޮޅުވާލުމުގެ ތުހުމަތު ރައީސް ސޯލިހާއި ޝާހިދަށް

ޝާހިދަށް ފޮނުއްވި ސިޓީގައި ވަހީދު ވިދާޅުވީ ވަގުތީ ޗެއާޕާސަންގެ މަގާމަށް އޭނާގެ ނަން ހުށަހަޅަން ނިންމެވީ ޕާޓީގެ ރައީސް އަދި އެޑްވައިޒަރު، ރައީސް ސޯލިހު ވެސް ތާއީދާ އެކު ކަމަށެވެ.

ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު --

އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާނަށް ބޭފުޅަކު އައްޔަނު ކުރެވެންދެން ވަގުތީ ޗެއާޕާސަންއެއް ހޮވުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި، ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދުގެ ނަން ފާސް ނުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އިސްވެ ތިއްބަވައިގެން ވޯޓު އޮޅުވައިލުމުން ކަމަށް އޭނާ ތުހުމަތު ކުރައްވައިފި އެވެ.

އެ ބައްދަލުވުމުގައި އެކަމަށް ތިން ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާގެ އިތުރުން ވަހީދެވެ.

އޭގެ ތެރެއިން ވަހީދުގެ ނަން ހުށަހަޅައި ވޯޓަށް އަހާފައިވެ އެވެ. ބައްދަލުވުމަށް ހާޒިރުވި 95 މެންބަރުންގެ ތެރެއިން އޭނާއަށް ވޯޓު ދިނީ 47 މެންބަރުން ކަމަށް ކަނޑައަޅާފައިވެ އެވެ. ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ކަނޑައަޅަން 48 ވޯޓު ބޭނުންވެ އެވެ. އޭނާގެ ވޯޓާ ހިސާބުން މެންބަރުންގެ މެދުގައި ޒުވާބު އުފެދި، ނިޒާމު ގެއްލުމުން ޖަލްސާ ނިންމައިލީ އެވެ.

މިކަމާ ގުޅޭ ގޮތުން ވަހީދު ވަނީ ޝާހިދަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި އޭނާ ވަނީ އެ ޖަލްސާގައި ކަންހިނގައި ދިޔަ ގޮތުގެ ހުލާސާ ރިޕޯޓެއް ހިމަނުއްވާފަ އެވެ. އެގޮތުން އޭނާ ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ؛

  •  ވޯޓަށް އެހުމުން ވޯޓު ދިން މެންބަރުންގެ ތެރެއިން ބައެއް މެންބަރުން އަތް ނެގުމަށްފަހު، ވޯޓު ގުނި ކަމަށް ބަލައި އަތް ތިރިކޮށްފައިވާކަން. އެހެންވެ، ވޯޓު ގުނި އިދާރީ މެންބަރުންނަށް ވޯޓު ގުނުމުގައި އޮޅުންތަކެއް އަރާފައިވާކަން.
  •  ވޯޓު ގުނުމުގެ މަސައްކަތް ކޮށްފައި ވަނީ ގޮނޑިތައް ބްލޮކްތަކަށް ބަހާލައިގެން، އެކި ބްލޮކްތައް ވަކިން ގުނައި ޖުމްލަ ކުރާ އުސޫލުން، ވޯޓުގެ ނަތީޖާ ކަމަށް ބުނެ އިދާރީ މުވައްޒަފުން ރިޔާސަތަށް އެކި ފަހަރު ގެންދިޔައީ އެކި އަދަދުކަން. ފުރަތަމަ ގެނައީ 32، ނަމަވެސް އެ އަދަދަކީ ބައެއް މެންބަރުންގެ ވޯޓު ނުހިމަނައި އޮތް އަދަދެއް ކަމަށް ބުނެ ބައެއް މެންބަރުން ސުވާލު ސުވާލު އުފައްދައި، ތަޅުން ހަލަބޮލި ވުމުން އަލުން ވޯޓު ގުނުމަށްފަހު ދެން ގެނައީ 47 ވޯޓުކަން.
  •  ނަމަވެސް އިދާރީ ބޭފުޅުން ދެން ވެސް ވޯޓު ގުނާފައި ވަނީ ދެ މެންބަރެއްގެ ވޯޓު ނުހިމަނާ ކަމަށް، ހަމަ އެވަގުތު ތަޅުމުގައި އެކަން ފާހަގަކުރަން ފެށިކަން. އެ މެންބަރުންގެ ވޯޓާއެކު ނޫނީ ނަތީޖާ އިއުލާނު ނުކުރަން ރިޔާސަތުގައި އެދެމުން ދިޔަ ނަމަވެސް އެ ވަގުތު ޖަލްސާގެ ތަޅުން އޮތީ ހޫނުވެފައިކަން.
  •  ބައްދަލުވުން މެނދުކަނޑާލުމުން އިތުރަށް ބެލިބެލުމުން ވަހީދު ވަގުތީ ޗެއާޕާސަންގެ މަގާމު އިންތިހާބު ކުރުމަށް ފެންނަ ކަމަށް ވޯޓު ދިން މެންބަރުންގެ އަދަދަކީ 49 މެންބަރުންކަން. ނަމަވެސް އެއް މެންބަރަކު ރިޓްރެކްޓް ކުރިކަމަށް ބުނާތީ އެ ވޯޓު އުނިކުރުމުން ވެސް 48 ވޯޓު ލިބޭކަން.
  •  ރިޓްރެކްޓް ކުރި މެންބަރުންގެ ވޯޓާއެކު އެވަގުތު ބައްދަލުވުމުގައި ވޯޓު ނުލައްވާ ތިބީ 47 މެންބަރުންކަން. އަދި ޖަލްސާގެ ހާޒިރީން އެނގެނީ ޖަލްސާގައި އެވަގުތު ހާޒިރުވެ ތިބި ވޯޓު ހައްގުވާ މެންބަރުންގެ އަދަދަކީ 95 ކަން
  •  ވޯޓު އިއުލާނު ކުރުމަގައާއި ހާޒިރީގެ އަދަދު އިއުލާނު ކުރުމުގައި ޖަލްސާ ތެރޭގައި އޮޅުން އަރާފައި ވަނީ އެ އަދަދުތައް އިއުލާނުކޮށްފައި އެވަނީ އިދާރީ މުވައްޒަފުން އެއިރު ދެއްވި މައުލޫމާތުގެ މައްޗަށް ކަމަށްވާތީކަން. އެހެންކަމުން އެ ވޯޓުގެ ނަތީޖާއިން ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް އޭނާއަށް ބައްދަލުވުމުގެ ބައިވެރިވި މެންބަރުން އަޣުލަބިއްޔަތުން ވޯޓު ލިބިފައިވާކަން

ޝާހިދަށް ފޮނުއްވި ސިޓީގައި ވަހީދު ވިދާޅުވީ ވަގުތީ ޗެއާޕާސަންގެ މަގާމަށް އޭނާގެ ނަން ހުށަހަޅަން ނިންމެވީ ޕާޓީގެ ރައީސް އަދި އެޑްވައިޒަރު، ރައީސް ސޯލިހު ވެސް ތާއީދާ އެކު ކަމަށެވެ. ނަމަވެސް އޭނާ އެމަގާމަށް ވާދަކުރައްވަން ހިތްވަރު ދެއްވި އެ ބޭފުޅުންނާއި ޕާލިމަންޓްރީ ގުރޫޕުގެ މެންބަރުން އެ ވޯޓާ ހަމައަށް ދިޔައިރު އަމަލު ކުރައްވަމުން ގެންދެވީ އެކަމާ ދެކޮޅަށް ކަމަށާއި، އެހެންކަމުން އެ މަގާމު ފުރުއްވަން ހުރަސްތަކާ ކުރިމަތިވާނެކަން ފާހަގަކުރައްވާފައިވެ އެވެ.

އެހެންކަމުން، އެ އިންތިހާބު ކާމިޔާބު ކޮށްފައިވީ ނަމަވެސް، އެ އިންތިހާބުގައި ވާދަކުރުން އަނބުރާ ގެންނަ ކަމަށް އެ ސިޓީގައި ވަހީދު ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑުގެ މި ނިންމުމަކީ ޕާޓީގެ ޔުނިޓީ ހިފަހެއްޓުމަށް މިވަގުތު އަޅުގަނޑު ނިންމި ނިންމުމެކެވެ. ޕާޓީގެ ރައީސް އާއި އެޑްވައިޒަރުގެ އަރިހުން އަޅުގަނޑު އެދެނީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ކަންކަން މިމޭރުމުން ތަކުރާރު ނުވާނޭހެން ކަންކަމުގައި އެ ބޭފުޅުން އަމަލުކޮށްދެއްވުމަށެވެ." އެ ސިޓީގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.