ފުލުހުންނަށް ހުށަހެޅުނު މި މައްސަލާގައި މަކަރާއި ހީލަތުން ހޯދާފައިވާ 1250 ޑޮލަރު ރިކަވާކޮށްފައިވާއިރު، އިތުރު ދެ މައްސަލައެއްގައި ހިމެނޭ ފައިސާ ވެސް ވަނީ ރިކަވާކޮށްފަ އެވެ.

އޮޅުވާލައިގެން އެކި މީހުންގެ އަތުން ފައިސާ ހޯދައި، އެފައިސާތައް ވިޔަފާރި އެކައުންޓްތަކަކަށް ޖަމާކުރުވައި، އެފައިސާތައް ނަގަމުންދިޔަ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބ. ތުޅާދޫ، މަންޒަރުގެ، މުހައްމަދު ޝާވިން 23، އެވެ.
ފުލުހުން ބުނީ ޝާވިން ހައްޔަރުކޮށްފައި ވަނީ ވައިބާ ގްރޫޕަކުން ޑޮލަރު ގަންނަން ބޭނުންވާ މީހަކު، 1250 ޑޮލަރު ޓްރާންފާ ކުރުމުން، އެޑޮލަރަށްވާ ރުފިޔާ ދީފައިނުވާތީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެންޓި ސްކޭމް ސެންޓަރުގެ ރެޕިޑް ރެސްޕޯންސުން ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލެއިން ފައިސާއާ ހަވާލުވުމަށްފަހު ދަނިކޮށް ކަމަށެވެ.
ފުލުހުންނަށް ހުށަހެޅުނު މި މައްސަލާގައި މަކަރާއި ހީލަތުން ހޯދާފައިވާ 1250 ޑޮލަރު ރިކަވާކޮށްފައިވާއިރު، އިތުރު ދެ މައްސަލައެއްގައި ހިމެނޭ ފައިސާ ވެސް ވަނީ ރިކަވާކޮށްފަ އެވެ.
ފުލުހުން ބުނީ މިމައްސަލާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ސޯޝަލް މީޑީއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ހިދުމަތް ފޯރުކޮށްދޭ ކަމަށް ބުނެ، އެކަންކަމަށް ބޭނުންވާ މީހުން އެހިދުމަތް ހޯދުމަށް ފައިސާ ފޮނުވުމަށް އެދެމުންދަނީ އެކި ވިޔަފާރީގެ ނަމުގައި ހުންނަ އެކައުންޓް ތަކަށްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"އެގޮތުން ޑޮލަރު މާރުކުރުމާއި ތަކެތި ވިއްކުމާއި އެހެން ބައެއް ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް ބުނެ އެ ހިދުމަތަށް ފައިސާ އެކި ވިޔަފާރި އެކައުންޓްތަކަށް މަކަރާއި ހީލަތުން ޖަމާކުރުވައި، އެ ވިޔަފާރިތަކަށް ގުޅައިގެން ނަގުދު ފައިސާގެ ގޮތުގައި ނަގަމުންދާކަން ފާހަގަކުރެވިފައިވޭ. އަދި ނަގުދު ފައިސާ ނުލިބޭ ހާލަތްތަކުގައި އެފައިސާއަށްވާ މުދާ ނަގަމުންދާކަން ވެސް ފާހަގަކުރެވިފައިވޭ،" ފުލުހުން ބުންޏެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.