ޖުމުލަ 37 މީޑިއާއަކާއެކު ކުރިއަށް ގެންދާ މި ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހިންގެ އިތުރުން ކްލަބްތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އޮފީސްތަކަށް ވެސް ވަނީ ހުޅުވާލައިފަ އެވެ.

އަވަށްޓެރި ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކަށް އަރައިގަތުމަށް ދިވެހިންގެ ފަރާތުން އެހީވުމަށް ކުރިއަށް ގެންދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯން ފަށައިފި އެވެ.
މިއީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ރާއްޖޭގެ ބައެއް އެހެން މީޑިއާތަކާ ގުޅިގެން މިއަދު ހެނދުނު 9:00 ގައި ފެށި ޓެލެތޯންއެކެވެ. މި ޓެލެތޯން މިރޭ މެންދަމު 1:00 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.
ޖުމުލަ 37 މީޑިއާއަކާއެކު ކުރިއަށް ގެންދާ މި ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހިންގެ އިތުރުން ކްލަބްތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އޮފީސްތަކަށް ވެސް ވަނީ ހުޅުވާލައިފަ އެވެ.
މި ޓެލެތޯންގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށިތައް ވަނީ ބަހައްޓާފަ އެވެ. އަދި، ޓްރާންސްފާ ކުރުމަށް ހާއްސަ އެކައުންޓެއް ވެސް ވަނީ ހުޅުވައިފަ އެވެ.
އެގޮތުން، ދިވެހި ރުފިޔާ 7730000796107 އެކައުންޓަށް، އަދި ޑޮލަރު ޖަމާކުރާނީ 7730000796106 އަށެވެ.
ޕީއެސްއެމް އިން ބުނީ މި މަސައްކަތް ކުރަނީ މިނިވަން އޮޑިޓް ފާމެއްގެ ބެލުމުގެ ދަށުން، ދެފުށް ފެންނަ ގޮތަށް ކަމަށެވެ. މި ޓެލެތޯންގެ އޮޑިޓް ފާމްގެ ގޮތުގައި މަސައްކަތް ކުރަނީ ކްރޯ މޯލްޑިވްސް އެވެ.
ލަންކާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން ވެސް ވަނީ 50،000 ޑޮލަރާއި 25،000 މަސްދަޅު ހަދިޔާ ކުރަން ނިންމައިފަ އެވެ.
ލަންކާއަށް އެރި ތޫފާން ދީތުވާގައި ފެން ބޮޑުވެ، ނުރައްކާތެރި ހާދިސާތައް ހިނގާފައިވެ އެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު 159 އަށް ވަނީ އަރައިފަ އެވެ.
މި ތޫފާން މިހާރު ލަންކާއަށް ދުރަށް ޖެހި، ދަތުރު ކުރަމުން ދަނީ އިންޑިއާގެ ތަމިލް ނާޑޫއާ ދިމާލަށެވެ. އިންޑިއާއިން ދަނީ ތޫފާނުން ރައްކާތެރިވުމަށް ސަލާމަތީ ފިޔަވަޅުތައް އަޅަމުންނެވެ.