މޫޑީޒްގެ ތިން ސީގެ ރޭޓިން ނެގެޓިވްއިން ސްޓޭބަލްއަށް ބަދަލު ކުރުމުގައި ފެނިގެންދާ ބޮޑު މަންޒަރަކީ ކުރިން އިގްތިސޯދީ ގޮތުން އަޅަން ނުކެރުނު ގިނަ ފިޔަވަޅުތަކެއް ރައީސް ޑރ. މުއިއްޒު އެޅުވުމެވެ.

ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން ފުރަތަމަ ހެދި ބޭރުގެ ރޭޓިން އެޖެންސީއަކީ ހޮންކޮންގެ މޫޑީޒް އިންވެސްޓާސް އެވެ. އެ ރޭޓިން ނެރުނީ 2016 ވަނަ އަހަރު އެވެ. އެ އަހަރުގެ 16، ނޮވެމްބަރުގައި ދިން މި ރޭޓިންއަކީ "B2" ސްޓޭބަލް އެވެ. މި ރޭޓިންގެ މާނައަކީ ފުރަތަމަ ފަހަރަށް ދިން ރޭޓިންއަކާ ބަލާއިރު ގޯސް ނަމަވެސް، ދަރަނި ދެއްކޭނެ ކަމުގެ އުންމީދު ބޮޑުކަމެވެ. ނަމަވެސް މި ރޭޓިން ގޯސްވީ 2019 ވަނަ އަހަރުން ފެށިގެންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެމްޑީޕީ ވެރިކަމުގައި މި ރޭޓިން "B2" ނެގެޓިވް އަށް މޫޑީޒް އިން ތިރި ކުރި އެވެ. އެ ފަހަރުގެ މި ބަދަލު ގެނައި ސަބަބެއްގެ ގޮތުގައި މޫޑީޒް އިން ބުނެފައިވަނީ ބޮޑެތި މަޝްރޫޢުތަކުގެ ސަބަބުން ދަރަނި އިތުރުވެ، ފައިނޭންސްގެ ރިސްކު އޮތުމުން އައުޓްލުކް ދަށްކުރީ ކަމަށެވެ. މި ގޯސްވީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ޗައިނާގެ ދަރަނީގެ ވާހަކަ ތަކުރާރުކޮށް ދެއްކުމުގެ ނަތީޖާއެއްގެ ގޮތުންނެވެ އޭގެފަހުން ކޮވިޑަށްފަހު ރާއްޖޭގެ ރޭޓިން "Caa1" އަށް ބަދަލުކޮށް ސްޓޭބަލްގައި ބެހެއްޓިނަމަވެސް ކޮވިޑަށްފަހު އޮގަސްޓް 2021 ގައި ނެގެޓިވް އަށް އައުޓްލުކޮށް ބަދަލުކުރި އެވެ. އޭގެފަހުން މެއި 2022 ގައި "Caa2" އަށް ދަށްކޮށް އަދި އައުޓްލުކް ވެސް ނެގެޓިވް އަށް ބަދަލު ކުރި އެވެ. މިކަންވީ އިގްތިސޯދީ ހާލަތު ގޯސްވެގެން ދިޔަ ކަމަށެވެ. ޕްރައިވެޓް ސެކްޓަރަށް ދަތިތަކާ ކުރިމަތިވެ ބޭރުގެ ޕާޓްނަރުންނާއެކު އޮތް ގުޅުންތަކަށް ހީނަރު އައި ކަމަށެވެ. އަމިއްލަ ވިޔަފާރިތަކަށް ވިޔަފާރި ކުރަން ހުރަސް އެޅިގެން ދިޔަ ކަމަށެވެ.
މި ދަށް ކުރުމާއެކު އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަށް އެކަން ހަޖަމްނުވެ ބަހުގެ ގިނަ ހަމަލާ ތަކެއް މޫޑީޒް އަށް ރަށްދު ކުރެއްވި އެވެ. ހަގީގަތަކީ މި ބޮޑު ފެއިލްއަކީ ރާއްޖެއަށް ދަރަނި ނުދެއްކިދާނެކަމުގެ ރިސްކު ވަރަށް ބޮޑު ކަމަށް މޫޑީޒްއަށް ފެނުމުން ގެނައި ބަދަލެވެ. ހާއްސަކޮށް 2026 ވަނަ އަހަރު ދައްކަން ބޮޑު ދަރަނި ނުދެއްކި ރާއްޖެ ބަނގުރޫޓު ވެދާނެ ކަމަށް މޫޑީޒްއަށް ފެނުމުން އެޅުވި ރޭޓިން އެކެވެ. އޭރުގެ ސަރުކާރަށް ނުވިކަމަކީ މިކަމުގެ ހެޔޮ މަންޒަރު މޫޑީޒްއަށް ނަމްބަރުން ކިޔައި ނުދެވުމެވެ.
ނަމަވެސް މި ދަށް ކުރުމަށްފަހު ހަމަ އެ ދަަރަނި ދައްކަން ހަ މަހަަށްވެފައިވަނިކޮށް ރާއްޖެ ސްޓޭބަލް އަށް މޫޑީޒް އިން ބަދަލު ކުރި ސަބަބަކީ ކޮބައި ހެއްޔެވެ؟ މިއީ ހަމަ ހުރެފަވީ ކަމެއް ހެއްޔެވެ؟ ނޫނީ ސަރުކާރުން ބުނާ ގޮތަށް އިގްތިސޯދީ ހެޔޮ ފިޔަވަޅުތަކުގެ ނަތީޖާ ހެއްޔެވެ ؟
ފުރަތަމަ ބަލަން ޖެހެނީ މޫޑީޒް އިން ރޭޓިން ދިނުމުގައި ބަލާ ކަންތައްތަކަށެވެ. މި ރޭޓިންއަކީ ހަމައެކަނި ރިޒާވަށް ނޫނީ ތިމާވެށި ހިމާޔަތް ކުރުމަށް ބަލާފަ ދޭ އެއްޗެއް ނޫނެވެ. ނޫނީ މުޅި ގައުމުގަ މަޝްހޫރު ހިންގަން ފެށުމަކީ އަދި މާމޮޅުކަމެއް ކަމަށް ބަލައިގެން ދޭ އެއްޗެއް ވެސް ނޫނެވެ. މޫޑީޒް އިން ރޭޓިން ދިނުމުގެ ކުރިން މު ޅިރާއްޖެ އެއްކޮށް ފުރޭންޏަކަށް އަޅައި ފިސާރި ރަނގަޅަށް ފުރާނާލާނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަނީ ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން ރަނގަޅު ކުރަން ގިނަ މަސައްކަތް ތަކެއް ކުރައްވާފަ އެވެ. ނަތީޖާއެއްގެ ގޮތުން މޫޑީޒް އިން "Caa2" ނެގެޓިވްގައި ހުރި އައުޓްލުކް ޕޮޒިޓިވްއަށް ބަދަލު ކުރި އެވެ. މިއީ ފެންނާން އޮތް ހަގީގަތެވެ.
ރައީސް ސޯލިހުއަށް މިކަން ނުކުރެވުނީ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަންކަން އޮޅިވަޑައިގެން ފިޔަވަޅު އަޅުއްވަން ނޭނގުމުންނެވެ. މިސާލަކީ ބޭރު ފައިސާގެ ރިޒާވްހަމައަކަށް އެޅުވުމެވެ. މިކަން ކުރައްވަން ރައީސް ސޯލިހުއަށް ކޮވިޑް-19 އަށްފަހު އައި ދެ އަހަރު ފުރުސަތު ލިބިވަޑައިގަތެވެ. ނަމަވެސް ޓެކްސް ރޭޓުތައް މަތި ކުރުން ނޫންކަމެއް ނުކުރައްވަ އެވެ. ރާއްޖޭގެ ރިޒާވް މަތި ކުރަން ފިޔަވަޅެއް ނާޅުއްވަ އެވެ. ހަމައެކަނި ވިސްނެވީ ބޭރަށް ސަލާން ޖަަހައިގެން ދޭ ބަޖެޓު ސަޕޯޓަށް ބަރޯސާ ވެގެން އޮންނާށެވެ.
އޭރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައީސް ސޯލިހު އަށް ކިޔައި ދެއްވީ އެހެންނެވެ. އަދި ލޯނު ދައްކަން ފަހަށް ރައްކާ ކުރާ ފަންޑް އެސްޑީއެފް އަށް ފައިސާ ޖަމާ ކުރުމުގެ ބަދަލުގައި "ޑޮލަރުން ވާރޭވެނު" އެ ދުވަސްވަރެއް ވެރިކަން ކުރެއްވިނަމަވެސް އެސްޑީއެފަށް ގާނޫނީ ބާރު ދޭން މަސައްކަތެއް ނުކުރައްވަ އެވެ. މަޖިލީހުގެ ފުލް މެޖޯރިޓީ އޮތްނަމަވެސް އިގްތިސޯދު ރަނގަޅުވާނެ ކަމެއް ކުރައްވަން ނުވިސްނަވަ އެވެ. ނަތީޖާއަކީ ވެރިކަން ނިމުނުއިރު އެސްޑީއެފްގައިހުރީ އެންމެ ދެ މިލިއަން ޑޮލަރެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމުން ފޭބިއިރު 200 މިލިއަން ޑޮލަރު ކޭޝްގެ ގޮތުގައި ހުއްޓެވެ. ރައީސް ސޯލިހު ކުރެއްވި ހަމައެކަނި ކަމަކީ ފައިސާ ޗާޕުކޮށްގެން ނުކަތާ ވަރަށް މަޝްރޫއު ހިންގުމަށެވެ.

ރައީސް ސޯލިހު ހެއްދެވި އަނެއް ގޯހަކީ ދަރަނި ދައްކަން ނުވިސްނުމެވެ. ނަތީޖާއަކީ ދަރަނި ރޯލްއޯވާ ކުރުން ނޫންކަމެއް ނުކުރުމެވެ. އެހެންވެ ދަރަނި އެއްޗެއް މަދުވުމުގެ ބަދަލުގައި ދަރަނި ފުނި ޖެހެމުން އައީ 2026 އަށެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒު ދަރަނީގެ ބައެއް ރޯލްއާވާ ކުރިނަމަވެސް ބައެއް ދެއްކުމަށް އިސްކަން ދެއްވި އެވެ. މި އަހަރު އެކަނި 5 ބިލިއަން ރުފިޔާގެ ދަރަނި ވަނީ ދައްކާފަ އެވެ. އެހެންވެ ބައެއް ދިމަދިމާލުން މުށްބާރުކޮށްގެން ވެސް އެކަން ކުރެއްވީ އިގްތިސޯދު ކުރިއެރުން ގެނައުމަށެވެ. އަދި ބޭރު ފައިސާގެ ގާނޫނެއް ހަދައި ބޭންކިން ނިޒާމަށް ފައިސާ މާރު ކުރަން ފެށި އެވެ. ނުފޫޒުގަދަ ވިޔަފާރިވެރިންނާ ދެކޮޅަށް އެޅި މި ފިޔަވަޅަކީ އެއްވެސް ވެރިއަކަށް ކުރައްވަން ކެރިވަޑައިގަތް ކަމެއް ނޫނެވެ. ނަތީޖާއަކީ ބޭންކިން ނިޒާމަށް ބައި ބިލިއަން ޑޮލަރު މާރުކޮށް އެސްޑީއެފްގައި ލޯނު ދައްކަން 120 މިލިއަން ޑޮލަރު ފޮރުވުމެވެ. މޫޑީޒް ރޭޓިންގެ އައުޓްލުކް ރޭޓިން ޕޮޒިޓިވް އަށް ބަދަލު ކުރި ސަބަބަކީމި އެވެ.

ބޭރު ފައިސާގެ ރިޒާވް ވަރުގަދަވުން - މޫޑީސް އިން ފާހަގަކުރާ އެންމެ މުހިންމު އެއް ޕޮޒިޓިވް ކަމަކީ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް އިތުރުވެފައި ވުމެވެ. މީގެ ސަބަބުން، ކުރިއަށް އޮތް އަހަރުތަކުގައި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގެ ޤާބިލުކަން ރަނގަޅުވެފައިވާކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ސޮވަރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް( ގައި ހުރި ފައިސާގެ މިންވަރު އިތުރުވުމަކީ ޕޮޒިޓިވް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
ފިސްކަލް އިސްލާހީ މަސައްކަތްތައް - ސަރުކާރުން ބަޖެޓުގެ ދަރަނި ކުޑަކުރުމަށް ފިޔަވަޅު އެޅިކަމަށް މޫޑީޒްއަށް ގަބޫލު ކުރެވިފައިވެ އެވެ. އަދި ޓެކްސްގެ ރޭޓްތައް އިތުރުކުރުން ޓެކްސްގެ އާމްދަނީ އިތުރުވި އެވެ.
ޓޫރިޒަމް ދާއިރާގެ ވަރުގަދަވުން - ވީއައިއޭ ހުޅުވުމާއެކު ޓޫރިޒަމް ރަނގަޅުވަމުން ދިއުން ހިމެނެ އެވެ.
މޫޑީޒް އިން ރާއްޖޭގެ ރޭޓިން ސްޓޭބަލް އަށް ބަދަލުކުރީ ރާއްޖޭގެ އިގްތިސޯދު ރަނގަޅުވުމާއެކު ޓޫރިޒަމް ވަރުގަދަވުން އަދި ސަރުކާރުން އަޅާފައިވާ މާލީ ފިޔަވަޅުތަކުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވް ރަނގަޅުވެ، ދަރަނި އަނބުރާ ދެއްކުމުގެ ކުޅަދާނަކަން ބޮޑުވުމުންނެވެ. - މި ކްރެޓިވް އޮތީ ސަރުކާރަށެވެ. ރައީސް ސޯލިހު އަށް ބޭރުގެ ރޭޓިން އެޖެންސީތަކުގެ ކުރިމަތީ ނުދެއްކުނީ މިކަމެވެ. ސާބިތުކޮށް ނުދެވުނީ މި މަންޒަރެވެ. އެކަމަކު މިއީ ހަމަނޭވާ ހައްޓަށް ފެތުމޭ އަދި ނުބުނެވޭނެ އެވެ