ރައީސް ޔޫކޭއަށް ވަޑައިގަތީ ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސްއެމްއައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، "ހައި-ލެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށެވެ.

އިނގިރޭސި ރަސްގެފާނު، ކިންގު ޗާލްސް ތިންވަނައިގެ ދައުވަތަކަށް، ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސްއެމްއައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، "ހައި-ލެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި، ބައިނަލްއަގުވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި، ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާމީ މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި، ދެމެހެއްޓެނިވި ތަރައްގީގެ ދުވެލި އަވަސްކުރުމަށް، ގުޅުންތައް އިތުރަށް ހަރުދަނާކޮށްގެން، ޕްރައިވެޓް ކެޕިޓަލް ބޭނުންކުރެވިދާނޭ ގޮތްތަކާމެދުގަ އެވެ.
ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް އަކީ، އިނގިރޭސި ރަސްގެފާނު ޗާލްސްގެ ތަސައްވުރެއްގެ މައްޗަށް ބިނާކުރައްވާފައިވާ، އެމަނިކުފާނުގެ އިސްނެންގެވުމެކެވެ. މިއީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ މަސައްކަތްތަކުގައި އަމިއްލަ ވިޔަފާރިތައް ހަރަކާތްތެރިކުރުވާ މަންސައެކެވެ.
އެގޮތުން، އަމިއްލަ ވިޔަފާރި ކުންފުނިތަކުގެ ވެރީންނާއި، ބައިނަލްއަގުވާމީ ފެންވަރުގައި ނިންމުންތައް ނިންމާ ފަރާތްތަކުން ހިންގާ އިގުތިސޯދީ ހަރަކާތްތަކަކީ، ދެމެހެއްޓެނިވިކަމުގެ މައްޗަށް ބިނާކުރާ ހަރަކާތްތަކަކަށް ހެދުމަށް އެސްއެމްއައި އިން ބާރުއަޅަ އެވެ. އަދި، އަމިއްލަ ވިޔަފާރިތަކުން ކުރާ ދުރު ރާސްތާ މަސައްކަތްތަކަކީ، ތިމާވެށީގެ ގޮތުން ޒިންމާދާރު، އަދި ގައުމީ ފެންވަރުގެ މޫސުމީ އަޒުމުތަކާއި، "1.5 ޑިގްރީ ސެލްސިއަސް ޕާތުވޭ" އަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކާ އެއްއުއިވާ މަސައްކަތްތަކަކަށް ހެދޭނޭ މަގު ދައްކައިދިނުމަކީ އަމާޒެކެވެ.