"ކުރިޔަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރުމަށް ނިންމައިފިން. މި ޕާޓީގެ ލީޑަޝިޕުން އާ ޖީލަކަށް ފުރުސަތު ހޯދުމުގެ މި މުހިންމު މަސައްކަތުގައި އެމްޑީޕީގެ އާންމު މެންބަރުންގެ އެއްބާރުލުމާއި ތާއީދަށް އެދެން،"

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވާދަކުރައްވަން ނިންމަވައިފި އެވެ.
މީކާއިލް އެކަން އިއުލާނު ކުރެއްވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި އޭނާ ވަނީ ޕާޓީގެ މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފަ އެވެ.
"ކުރިޔަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރުމަށް ނިންމައިފިން. މި ޕާޓީގެ ލީޑަޝިޕުން އާ ޖީލަކަށް ފުރުސަތު ހޯދުމުގެ މި މުހިންމު މަސައްކަތުގައި އެމްޑީޕީގެ އާންމު މެންބަރުންގެ އެއްބާރުލުމާއި ތާއީދަށް އެދެން،" މީކާއިލް ލިޔުއްވާފައިވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ، އެ މަގާމުގައި ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހު ހުންނެވި، ފައްޔާޒު އިސްމާއިލް މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށް ރޭ ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާފަ އެވެ.
އެ ބައްދަލުވުމުގައި އެކަމަށް ތިން ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާގެ އިތުރުން ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދެވެ.
އޭގެ ތެރެއިން އަބްދުﷲ ވަހީދުގެ ނަން ހުށަހަޅައި ވޯޓަށް އަހާފައިވެ އެވެ. ބައްދަލުވުމަށް ހާޒިރުވި 95 މެންބަރުންގެ ތެރެއިން އޭނާއަށް ވޯޓު ދިނީ 47 މެންބަރުންނެވެ. ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ކަނޑައަޅަން 48 ވޯޓު ބޭނުންވެ އެވެ. އޭނާގެ ވޯޓާ ހިސާބުން މެންބަރުންގެ މެދުގައި ޒުވާބު އުފެދި، ނިޒާމު ގެއްލުމުން ޖަލްސާ ނިންމައިލީ އެވެ.