އެހެންވެ، އޭނާގެ މައްޗަށް އިއްވާފައި ވަނީ 27 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ތަހުގީގު މަރުހަލާގައި އެ މުއްދަތު ތަންފީޒުކޮށްފައިވާތީ ދެން އޭނާ އިތުރަށް ތަންފީޒު ކުރާނެ އަދަބެއް ނެތްކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ މަތިން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ދައުވާ އުފުލި ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ރައުދުގެ މައްޗަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ރައުދުގެ މައްޗަށް ކުރަނީ، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ.
އެ ދައުވާ އުފުލީ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީ އާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ އެވެ.
މި ދައުވާ ސާބިތުވެއްޖެނަމަ، ރައުދުގެ މައްޗަށް އަންނާނެ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ރައުދު ވަނީ މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ކުށަށް އިއުތިރާފްވެފަ އެވެ. އަދި މިއަދު ބޭއްވި އަވަސް ނިޔާގެ އަޑުއެހުމުގައި ވެސް އޭނާ ވަނީ އިއުތިރާފް ތަކުރާރުކޮށްފަ އެވެ. އެހެންވެ، އޭނާގެ މައްޗަށް އަންނާނެ އަދަބުގެ އެއް ދަރަޖަ ވަނީ ދަށްކޮށްފަ އެވެ.
އެހެންކަމުން، ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ މި ޝަރީއަތުގައި އޭނާގެ މައްޗަށް އިއްވާފައި ވަނީ 27 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ތަހުގީގު މަރުހަލާގައި އެ މުއްދަތު ތަންފީޒުކޮށްފައިވާތީ އިތުރަށް ދެން އޭނާ ތަންފީޒު ކުރާނެ އަދަބެއް ނެތްކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ހ. މިޓާޒްގޭ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ ހާދިސާ ހިނގިތާ އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މި މައްސަލައާ ގުޅިގެން ރައުދު ހައްޔަރުކޮށްފައި ވަނީ މިހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.
އޭގެ ފަހުން ގާތްގަނޑަކަށް މަސް ދުވަހު އޭނާ ވަނީ ބަންދުގައި ބަހައްޓާފަ އެވެ. ޕީޖީގެ އިރުޝާދުގެ ދަށުން، މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު ރައުދު ބަންދުން ދޫކޮށްލީ ދައުވާގައި ލިބިދާނެ ކަމަށް ބެލެވޭ އަދަބަށް ވުރެ އިތުރުވާނެތީ އެވެ.