މިހާރު ވެސް ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތްކުރާ ޑްރެޖަރާ އެކު، އެ މަސައްކަތުގެ ސްޕީޑު އަސްކޮށް އަންނަ މަހުގެ ފަހުކޮޅަށް އެއްކޮށް ހިއްކާ ނިމޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި

މާލެ ސަރަހައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތް ހަލުއިކުރަން، ދެވަނަ ޑްރެޖަރު މިއަދު ރާއްޖެއަށް އައިސްފައިވާއިރު، ހުޅުމާލޭގެ ފޭސް 3 ހިއްކުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ 3 އަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތަށް އާ ޑްރެޖަރު ބޭނުންކުރަން މާދަމާ ފަށާނެ ކަމަށެވެ. މިހާރު ވެސް ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތްކުރާ ޑްރެޖަރާ އެކު، އެ މަސައްކަތުގެ ސްޕީޑު އަސްކޮށް އަންނަ މަހުގެ ފަހުކޮޅަށް އެއްކޮށް ހިއްކާ ނިމޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން، ގިރާވަރުގައި "ބަންޑް ވޯލް" ގެ މަސައްކަތް ފަށާނީ އީއަައިއޭ އާއި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަމަށް ފަހު ކަމަށާއި، އަދި ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތަށް ފަހު، ދެ ޑްރެޖަރު ވެސް ބޭނުންކުރާނީ ގިރާވަރު ފަރު ހިއްކުމުގެ މަސައްކަތަށް ކަމަށް ރައީސް ވިދާޅުވި އެވެ.
މިގޮތުން، ގިރާވަރު ހިއްކުމުގެ މަސައްކަތް 2-3 މަސް ތެރޭގައި ނިމެނޭ ކަމަށް އެ މަނިކުފާނު ވަނީ ލަފާކުރައްވައިފަ އެވެ.
މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ފޭސް 3 އަށް ދޫކުރި ގޯތިތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، މި މަހު އެ މަސައްކަތް ވަނީ އަލުން ފަށައިފަ އެވެ. އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖެހިފަ އެވެ.
ހުޅުމާލޭގެ ފޭސް 3 އާއި ގިރާވަރުފަޅުގެ އިތުރުން ރަސްމާލެ އާއި އުތުރުތިލަފަޅު ހިއްކުން އަވަސްކޮށް، ރަސްމާލޭން 15،000 ގޯތި އަންނަ އަހަރު ހުޅުވައިލަން ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.
އިތުރު ޑްރެޖަރުތައް ގެނެސް، އެ ތަންތަން ހިއްކުމުގެ މަސައްކަތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާނެކަމަށް ރައީސް ވަނީ މި މަހު ވިދާޅުވެފަ އެވެ.