ނިޔަތަކީ ހަގީގަތް ހާމަކުރުން، ޒާތީ މައުލޫމާތެއް ހާމަކުރެވުނަމަ މާފަށް އެދެން: ޝަހީމް

"އަޅުގަނޑު އެބޭފުޅާގެ އިންސާނީ ޝުއޫރަށް ނުހަނު މަތީ ދަރަޖައަށް އިހުތިރާމްކުރަން،" ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޒަކާތު ފަންޑުން އެހީ ނުލިބުނުކަމަށް ބުނި މީހެއްގެ މާލީ މައުލޫމާތުތައް ހާމަކުރެއްވި މައްސަލަ ހޫނުވެފައިވަނިކޮށް، މީހެއްގެ ޒާތީ މައުލޫމާތެއް ހާމަކުރުވުނަމަ، އެކަމަށް މާފަށް އެދޭކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޒަކާތު ފަންޑުން އެހީނުވި ކަމުގެ ޝަކުވާ އައިޝާ ނަމަކަށް ކިޔާ އަންހެނަކު އުފުލީ ވިލިމާލޭ ރައްޔިތުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވެވި ބައްދަލުވުމުގަ އެވެ.

އެކަމާ ގުޅިގެން ޝަހީމް ރޭ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެހީއަކަށް އެދުމުން އޭނާއަށް ޒަކާތު ހައުސް އިން މިދިޔަ ސެޕްޓެމްބަރު މަހު 15،500ރ. ދިން ކަމަށެވެ. އޭނާ ފަގީރުންގެ ލިސްޓަށް ނާރަނީ އެކަނިވެރި މައިންގެ އިނާޔަތް ލިބޭ މީހަަކަށް ވެފައި، ވަޒީފާއިން ލިބޭ މުސާރައާ އެކު މަހަކު 22،000.ރ ގެ އާމްދަނީ އެއް ލިބޭތީ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އަދި އޭނާގެ އަތުގައި 75،000ރ. އެބަހުރި ކަމަށް، މި މީހާގެ ވާހަކައާ ގުޅިގެން ބެލި ބެލުމުން، މޯލްޑިވްސް ޒަކާތު ހައުސް އިން ދެއްވި މައުލޫމާތުގެ ކުޑަ މިންވަރެއް މި ދެންނެވީ،" އެ ޕޯސްޓްގައި ޝަހީމް ލިއުއްވާފައިވެ އެވެ.

މީހެއްގެ ބޭންކު އެކައުންޓުގެ ތަފްސީލް ޝަހީމަށް ލިބިވަޑައިގެންނެވި ގޮތާ މެދު ސުވާލު އުފައްދައި، އެފަދަ ހާލަތެއްގައި މީހެއްގެ ޒާތީ މައުލޫމާތު ވަޒީރަކު ހާމަކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

އެ ފާޑުކިޔުންތަކާ ގުޅިގެން، ޝަހީމް ސޯޝަލް މީޑިޔާގައި ވިދާޅުވީ، މަގުސަދަކަށް ވީ ފަގީރުންގެ ދަފުތަރުގައި ހިމަނަނީ އެކަމަށް ޝަރުއީ ގޮތުން ޝަރުތު ފުރިހަމަވާ ހައްގު މީހުންކަން ބަޔާންކޮށްދިނުމާއި ރާއްޖޭގައި ޒަކާތުގެ ނިޒާމު ހިންގަން ތިބި މުވައްޒަފުން ކަންކަން ކުރަނީ ތެދުވެރިކަމާ އެކު ކަން ހާމަކުރެއްވުމެވެ. 

އަދި މީހަކު ހުށަހަޅާ ލިޔެކިޔުންތަކަށް ބަލައި، ކަނޑައަޅާފައިވާ އުސޫލުތަކުން ފަގީރުންގެ ދަފްތަރުގެ މިންގަނޑަށް ނުފެތޭ ނަމަ ނުހިމަނާ ސަބަބު ސާފުކޮށްދެއްވުމެވެ.

"އަޅުގަނޑު އެބޭފުޅާގެ އިންސާނީ ޝުއޫރަށް ނުހަނު މަތީ ދަރަޖައަށް އިހުތިރާމްކުރަން،" ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު އެކަމާ ގުޅިގެން ދެންނެވި ވާހަކައިން މި ނޫން މާނައެއް ނެގުނު ނަމަ، ނުވަތަ އެ ފަރާތުގެ ޒާތީ މައުލޫމާތު ހާމަކުރެވުނު ކަމަށް ވާ ނަމަ، އެކަމަށް ނިހާޔަތަށް މާފަށް އެދެން. ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން އެއްވެސް ދިވެހި ރައްޔިތަކަށް ދެރަކޮށް ކަންކަން ނުކުރާނެ."

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.