
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ބައްދަލުވުމެއްގައި، އެތަނުގައި ހުރި މައިކަށް ގެއްލުންދިން މައްސަލާގައި، ހަލާކުވި މައިކުގެ އަގު ދައްކަން އެކަމުގައި ބައިވެރިވި މެމްބަރުންނަށް އަންގަން ނިންމައިފި އެވެ.
މީޑިއާ ކޮމިޝަނުގެ ބިލު ފާސްކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، އެ ކޮޓަރީގައި ހުރި މައިކަކަށް ގެއްލުން ލިބުނީ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން އިމްރާން ލަތީފާއި ތޮއްޑޫ ދާއިރާގެ މެެމްބަރު ހުސައިން ސަމީރާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިންނެވެ.
އެ މައިކް ސިސްޓަމްގެ އަގަކީ 34،800ރ. ކަމަށްވާއިރު، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ނިންމާފައިވަނީ ތިން މެމްބަރުންނަށް ބަހާލައިގެން އެ އަގު މަޖިލީހަށް ދެއްކުމަށް އެ މެމްބަރުންނަށް އެންގުމަށެވެ.
އެ ތިން މެމްބަރުންގެ އިތުރުން ދެން ފިޔަވަޅު އަޅަން ނިންމީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދަށެވެ. އޭނާއަށް ފިޔަވަޅު އަޅަން ނިންމީ މަޖިލީހުގެ ޖަލްސާއެއްގައި މައިކަށް ގެއްލުންދިން މައްސަލައެއްގައި، އެ މައިކްގެ އަގަށްވާ 3،000ރ. ދެއްކުމަށެވެ.