ރީނދޫ ނުވަތަ އޮރެންޖް ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުން ސިފައިން ވަނީ އެދިފަ އެވެ. ކޮޅިގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް މެަޓް އޮފީހުން ބުނެފައިވެ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މެދުރާއްޖެ ތެރެއަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެތީ ރީނދޫ ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ އޮފީހުން މިއަދު ހެނދުނު 9:00 އާހަމައަށް ނެރެފައިވާ ރީނދޫ ސަމާލުގައި ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް މެޓު އޮފީހުން ލަފާކޮށްފައިވާއިރު ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް އަންދާޒާކޮށްފައިވެ އެވެ.
ރޭ ފަތިހުން ފެށިގެން މާލެއަށް ދަނީ ވިއްސާރަ ކުރަމުންނެވެ. ފަތިހުން ފެށިގެން ހުއްޓާނުލައި ވެހެމުންދާ ބޯވާރޭގެ ސަބަބުން ބައެއް މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.
ކަނޑުތައް ގަދަވާނެތީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވެސް ވަނީ ދަތުރުވެރިން ސަމާލުވުމަށް އެދިފަ އެވެ. އަދި ރީނދޫ ނުވަތަ އޮރެންޖް ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުން ވަނީ އެދިފަ އެވެ.
ކޯސްޓްގާޑުން ނެރުނު ބަޔާނެއްގައި ބުނީ މުޅި ރާއްޖެއަށް ކުރިއަށް އޮތް ތިން ދުވަހަށް މޫސުން ގޯސްވާނެކަމާއި، އަދި ހާއްސަކޮށް މުޅިރާއްޖެއަށް އާންމުގޮތެއްގައި ވައިބާރުވެ ވިއްސާރަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ސިފައިން ބުނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށާއި، ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ އިތުރަށް ބަރު ނުކުރެއްވުމަށާއި، ދޯނީގައި ލައިސަން ބެހެއްޓުމަށް ވެސް އިލްތިމާސްކުރަމެވެ.
ރޭގަނޑު ދަތުރުކުރައްވާ ނަމަ އިތުރަށް ސަމާލުވުމަށާއި ޑައިވިން އަދި ވޯޓާ ސްޕޯޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއްދެއްވުމަށް އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށް ވެސް އިލްތިމާސްކުރަމެވެ.
ރީނދޫ ސަމާލަކީ ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން، މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ހާލަތްތަކުގައި ނެރޭ ތިން ފެންވަރުގެ ސަމާލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފެންވަރުގެ ސަމާލު ނުވަތަ އިންޒާރެވެ. ރީނދޫ ސަމާލު ނެރެނީ، ވަކި ސަރަޙައްދަކަށް މޫސުން ގޯސްވެ، ސަމާލުކަން ދޭންޖެހޭ އަދި އާންމު ދަތުރުފަތުރަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާނެ ކަމަށް ލަފާކުރެވޭ ހާލަތްތަކުގަ އެވެ.
ރީނދޫ ސަމާލު ނެރެނީ ވައި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ޖެހުން ނުވަތަ ވައިގަޑިގަނޑުގައި ގަޑިއަކު 55 މޭލާ ހަމައަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ލަފާކުރުމުންނެވެ. އަދި ބޯކޮށް ވާރޭ ވެހި، ކަނޑުގެ ރާޅުބާނި މެދުމިނުގައި ހުރުމާއެކު، ކޮންމެވެސް ވަރަކަށް ކަނޑު ނުރައްކާތެރިވާނެ ކަމަށް ލަފާކުރެވުމުންނެވެ.
މިއީ ކޮން ނަކަތެއް ؟ - މިއީ ހުޅަނގު މޫސުމުގެ ސަތާރަވަނަ ނަކަތް ކަމަށްވާ "ނޮރަ" ނަކަތެވެ. މި ނަކަތް ދެމިގެންދާނީ ނޮވެމްބަރު 14 އިން 26 ގެ ނިޔަކަށެވެ. މި ނަކަތުގައި ޢާންމުގޮތެއްގައި މޫސުން ރަނގަޅުވިނަމަވެސް ދޭތެރެެިން ވިއްސާރަކުރާނެ އެވެ. ކަނޑުތައް އާދައިގެ ގޮތެއްގައި މަޑުވާނެ އެވެ. ޢާންމުގޮތެއްގައި ވައިޖެހޭނީ ހުޅަނގު އުތުރުން ގަޑިއަކު 16.67 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭ ވެހޭ ނިސްބަތް ހުންނާނީ 3.33 އިންޗީގައެވެ. މި ނަކަތުގައި ކަނޑުގެ އޮއިވަރު އެކިގޮތްގޮތަށް ބަދަލުވާނެ އެވެ.