1 ނޮވެމްބަރުން ފެށިގެން ޕޭ ހާމަނައިޒްވެ މުސާރައަށް އައިސްފައިވާ ކުރިއެރުން އެންމެ ފުރިހަމަ ގޮތުގައި މުވައްޒަފުންނަށް ލިބެން ފަށާނީ ޑިސެންބަރު މަސް ނިމޭއިރު ލިބޭ މުސާރައިން

ސަރުކާރުގެ މުސާރަ އެއްހަމަ ކުރުމުގެ ސިޔާސަތުގެ ދަށުން ގެނެސްފައިވާ ބަދަލުތަކުގެ ތެރެއިން، ދައުލަތުގެ ގިނަ ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައަށް ލިބުނު ކުރިއެރުމުގެ ފުރިހަމަ ބަދަލު ފެންނާނީ އަންނަ ޑިސެމްބަރު މަހުން ފެށިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
މުސާރަ އެއްހަމަކޮށް، އިތުރުގަޑީގެ ފައިސާ ދިނުމުގައި ގެނައި ބަދަލުގެ ސަބަބުން، ބައެއް ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ، މި މަހު ކުޑަވެފައިކަމުގެ ކަންބޮޑުވުންތައް ދަނީ ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، ހާޒިރީއަށް ބަލައިގެން މުވައްޒަފުންނަށް ދެމުންދާ އެލަވަންސްތަކާއި އިނާޔަތްތައް ހިސާބު ކުރަމުންދާ އުސޫލަކީ ވޭތުވެދިޔަ މަހުގެ 16 އިން ހިނގާ މަހުގެ 15 ގެ ނިޔަލަށް ކަމަށެވެ.
އަދި 1 ނޮވެމްބަރުން ފެށިގެން ލިބޭ އެލަވަންސްތަކާއި އިނާޔަތްތައް ހިސާބުކޮށްފައިވާނީ ނޮވެމްބަރު މަހު 1 އިން ފެށިގެން 15 ގެ ނިޔަލަށް ކަމަށްވާތީ، ނޮވެމްބަރު މަހުގެ މުސާރަ ލިބޭއިރު ލިބޭނީ ޕޭ ފްރޭމްވޯކްގެ ދަށުން މަގާމުތަކަށް ކަނޑައަޅާފައިވާ އެލަވަންސްތަކާއި އިނާޔަތްތަކުގެ އެއްބައި ކަމަށް ބުންޏެވެ.
"އެހެންކަމުން، 1 ނޮވެމްބަރުން ފެށިގެން ޕޭ ހާމަނައިޒްވެ މުސާރައަށް އައިސްފައިވާ ކުރިއެރުން އެންމެ ފުރިހަމަ ގޮތުގައި މުވައްޒަފުންނަށް ލިބެން ފަށާނީ ޑިސެންބަރު މަސް ނިމޭއިރު ލިބޭ މުސާރައިން،" މިނިސްޓްރީން ބުންޏެވެ.
އަދި ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރުމާގުޅިގެން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ކުޑަވާބައި ހަމަޖެއްސުމަށް ޕޭ ކޮމިޝަނުން ތަޢާރަފުކޮށްފައިވާ "މައިގްރޭޝަން އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު" އާ އެއްގޮތަށް މައިގްރޭޝަން އެލަވަންސް ހަމަޖެހިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި، ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައިވަނީ، ދައުލަތުގެ އިދާރާތަކުން މުވައްޒަފުންނަށް ވަކި މިންވަރެއްގެ ޖުމްލަ އުޖޫރައެއް ދިނުމުގެ ގޮތުން ގިނަ ވަގުތު އިތުރުގަޑީގެ ފައިސާ ދެވޭގޮތަށް އޮތް ނިޒާމު ބަދަލުކޮށް، މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަގޮތުގައި ހިފުގެ ސަގާފަތެއް އާލާކުރުމަށެވެ.
މީގެ އިތުރަށް މުވައްޒަފުންގެ އާމްދަނީއަށް ކުރިއެރުން ލިބޭގޮތަށް، ވާކް-ލައިފް ބެލެންސެއް ގެނެސް ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުމަށް މަގުފަހި ކުރުން ހިމެނޭ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.