"މި" ނޫހުގެ ނޫސްވެރިންނާ ބައްދަލު ކުރައްވާ އެކަމަނާ ވަނީ 34 އަހަރު ފަހުން ނޮވެންބަރު ތިނެއްގެ ހާދިސާގައި ކުރައްވަން ޖެހިވަޑައިގެންނެވި ތަޖުރިބާ ހިއްސާ ކުރެއްވި ނަމަވެސް އެ ދުވަހުގެ މުޅި ހާދިސާއާ އާއި އެ ހާދިސާއާ ގުޅިފައިވާ ކަންކަމާއި ކުރެއްވުނު ތަޖުރިބާތަކާއި ފެނިވަޑައިގެންނެވި ހުރިހާ މަންޒަރުތައް ވަރަަށް ތަފްސީލު ކޮށް އެކަމަނާ ވަނީ ލިޔުއްވަވާފަ އެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރަން ރޭ މާލޭގައި ޖަލްސާއެއް ބޭއްވި އެވެ. އަދި އެ ޖަލްސާ ވަރަށް ހާއްސަ ވެގެން ވެސް ދިޔަ އެވެ. އެއީ މީގެ 34 އަހަރު އަހަރު ކުރީން އައި "ނޮވެމްބަރު ތިނެއް" ހަނދާންތައް އޭރުގެ ފަސްޓް ލޭޑީ، މެޑަމް ނަސްރީނާ އިބްރާހިމް ފުރަތަމަ ފަހަރަށް އެ ޖަލްސާގައި ހިއްސާ ކުރައްވާން ފެއްޓެވުމުންނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ، އެކަމަނާގެ ވާހަކަފުޅު ފެއްޓެވީ މި އިބާރާތް ކޮޅާއެކު އެވެ:
"ތިޔަ ބޭފުޅުން ހިތްޕުޅަށް އަރައިފާނެ ދުވަހަކު ސްޓޭޖެއް މައްޗަށް އަރާ ވާހަކަ ދައްކާފައި ނެތް މީހަކު މިހާ ގިނަ ދުވަސް ކޮށްފައި މިރޭ މި ވާހަކަ ދައްކަން ތެދުވީ ކީއްވެ ބާއޭ، ނޮވެންބަރު ތިނެއްގެ ހާދިސާ ހިނގިތާ މި ފުރުނީ 34 އަހަރު. މި ހާދިސާ ހަނދާން ހުރި، މި ބިރުވެރި ކަމުގައި އުޅެފައި ހުރި އަޅުގަނޑަށް ހީވާ ގޮތުގައި 40 އަހަރުން ދަށް އެކަކުވެސް ނުހުންނާނެ. މިރޭ އަޅުގަނޑު ތެދުވެ މި ހުރީ އެ ދުވަހު އަޅުގަނޑަށް ކުރެވުނު ތަޖުރިބާއާ އަޅުގަނޑަށް ކުރެވުނު އިހުސާސްތައް ތާރީހަށްޓަކައި ބަޔާން ކޮށްލަން. އޭރު ރާއްޖޭގެ ވެރިއަކަށް ހުންނެވި ބޭފުޅެއްގެ އެންމެ އަރިހުގައި ހުރި މީހެއްގެ ގޮތުން،"
ނޮވެންބަރު ތިނެއްގެ ހާދިސާގައި އެކަމަނާއަށް ވަރަށް ނުރައްކާތެރި ހާލަތެއް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތެވެ. ދިވެހީންގެ މަދު ބަޔަކު ތަމަޅަ ހަނގުރާމަވެރީންތަކެއް ގޮވައިގެން ރާއްޖެ އެރީ އޭރު އޮތް ގާނޫނީ ސަރުކާރު ބަދަލު ކޮށްލައި ރާއްޖެ ހިފާށެވެ. އެެހެން ކަމުން ޓެރަރިސްޓުންނާއި އެ މީހުންނާ ގުޅިފައިވާ ދިވެހި ބާޣީންގެ އަމާޒަކަށް ވެފައި އޮތީ ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާގެ ދުވަސް ދުއްވާލުމެވެ.
އެ ހާދިސާއަށް އެތަކެއް އަހަރު ވެދިޔަ ނަމަވެސް އެ ވާހަކަތައް ހިއްސާ ކުރައްވަން ނަސްރީނާ ބޭނުންފުޅުވެ ވަޑައިގަތީ އެ ދުވަހުގެ އެ ބިރުވެރިކަން އެންމެ ކައިރީން ތަޖުރިބާ ކުރަައްވަން ޖެހި ވަޑައިގަތް ބޭފުޅެއްގެ ހައިސިއްޔަތުން ތާރީހަކަށްޓަކައި ކޮންމެހެން ކުރައްވަންޖެހޭ މުހިންމު ކަމެއް ކަމަށް ގަބޫލު ކުރެއްވިގެނެވެ. އަދި ނޮވެންބަރު ތިނެއްގެ ޒިކުރާ އާ ނުކުރެވޭ ފަދަ ހާލަތެއް އައުމަކީ އެ ދުވަހު ފުރާނައިން ގުރުބާންވި ބަތަލުންނަށް ކުރެވޭ ވަރަށް ބޮޑު އިހާނާތަކަށް ވާނެތީ އެހެން އެކަން ވެސް ވާން ފުރުސަތު ނުދެއްވާން ވެގެނެވެ.
"ނޮވެންބަރު ތިނަކަށް ނަސްރުގެ ދުވަހޭ ކިޔުނީ އަދި ކިޔެއްތޯ، އަޅުގަނޑުމެންނަށް މިނިވަން ކަން މަތީ މި ދުވަސް ފާހަގަ ކުރެވެނީ ދިވެހީންގެ ބަޔަކު މިކަމަށްޓަކައި ޖިހާދު ކޮށްގެން. އެތައް ބަޔަކު ފުރާނަ ދީގެން. އެހެންވީމަ މި އަބްތާލުންގެ ގުރުބާނީ އަޅުގަނޑުމެންގެ ހަނދާނުގައި ނުބަހައްޓައިފިނަމަ މިއީ މި ބަތަލުންނަށް އަދި މުޅި ގައުމަށް ވެސް ކުރެވޭ ވަރަށް ބޮޑު އިހާނާތެއް ވެވޭ ބޮޑު ހިޔާނާޔެއް ދެއްތޯ،"
އެކަަމަނާ ވިދާޅުވި ގޮތުގައި ނޮވެންބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ ނިދަން އޮށޯންނެވުނީ ވަރަށް ލަސްވީ ފަހުންނެވެ. ކުރިއަށް އޮތް ވަގުތުތަކަކީ ކިހާ ބިރުވެރި ވަގުތުތަކެއް ކަމުގެ ކުޑަވެސް އިހުސާސެއް ނެތެވެ. އޭގެ ބަދަލުގައި އެ ރޭ ހުންނެވީ ވަރަށް އުފާވެރި ކަމެއްގަ އެވެ. އެއީ ރަައީސް މައުމޫން އިންޑިއާއަށް ކުރައްވަން އޮތް ދަތުރުފުޅު ފަސް ކުރައްވާފައި ވުމެވެ.
ދަތުރުފުޅު ފަސް ކުރެއްވުމުން އެ ރޭ މައުމޫން އިންނެވީ އާ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ގައުމާއި މުހާތަބު ކުރައްވާ ތަގުރީރު ލިޔުއްވާށެވެ. އެކަމަނާ ހުންނެވީ ހަގު ދަރިކަލުން ޣައްސާންގެ އަރިހުގަ އެވެ. ޣައްސާންގެ ހޮބީއަކީ ސްޓޭމްޕް އެއް ކުރެެއްވުން ކަމަށްވާތީ އެ މަސައްކަތުގަައި އެހީތެރިވެ ދެއްވާށެވެ. މަސައްކަތުން އަވަދިވެ ނިދަން އޮށޯންނެވިއިރު ދަންވަރު 1:30 ވެ ބޮޑުވެއްޖެ އެވެ.
"އަޅުގަނޑަށް [ފަތިހު] ލޯ ހުޅުވައިލެވުނީ އަޅުގަނޑު ކައިރީގައި އެ އިވެނީ ކޮން އަޑެއްހޭ މާން [ރައީސް މައުމޫނަށް ނަސްރީނާ ލޯބިން ވިދާޅުވާ ނަންފުޅެއް] އައްސަވަނިކޮށް. އެރޭ އިރާކޮޅު ކުޑަކޮށް ވިއްސާރަވެ ގުގުރައި ހެދިވެސް މެ، އެހެން ކަމުން އެއީ ގުގުރީގެ އަޑޭ ހިތަށް އެރިތަނުން ބަޑި ތަކެއް ޖަހައިގަތް ކަހަލަ އަޑެއް އިވެން ފެށީމާ އަޅުގަނޑު އަހައިފިން، ހަވާ އަރުވާ އެއްޗެހި ލާފައި ހުރި ގުދަނެއް ރޯވެގެން އުޅޭ އަޑު ހެނޭ ހީވަނީ. އޭރު އަޅުގަނޑުމެން އުޅުނީ އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގޭގައި،"
އެކަމަނާ ވިދާޅުވި ގޮތުގައި ރައީސް މައުމޫން ފުރަތަމަ ގުޅުއްވީ ތީމުގޭގެ ސެކިއުރިޓީންނަށެވެ. އޭގެ ފަހުން އެކަމަނާގެ ބޭބޭފުޅު އިލްޔާސް އިބްރާހިމަށެވެ. އިލްޔާސަކީ ޑިފެންސް މިނިސްޓަރުގެ ނާއިބެވެ. ޑިފެންސް މިނިސްޓަރަކީ ރައީސް މައުމޫނެވެ. އިލްޔާސާ މައުމޫންގެ ފޯން ކޯލް ވަރަށް ކުރެވެ. ނަމަވެސް އެ ކޯލްގައި އިލްޔާސް ވިދާޅުވި އެއްޗެއް މައުމޫން، ނަސްރީނާ އަރިހުގައި ވިދާޅެއް ނުވެ އެވެ.
އެ ވަގުތަކީ ދަރިކަލުން ޣައްސާން ވެސް ކޮޓަރިކޮޅަށް ވެންނެވި ވަގުތެކެވެ. އަދި ޣައްސާނަށް އިޝާރާތް ކުރައްވާ ރައީސް މައުމޫން ވިދާޅުވީ އަވަހަށް ތައްޔާރުވެލައިގެން "މިހާރު ތީމުގޭން ނުކުންނަން ވެއްޖެ" ކަމަށެވެ. އެހެން ވިދާޅުވުމަށް ފަހު ތައްޔާރުވެވަޑައިގެން މައުމޫން ވަޑައިގެންނެވީ އޮފީސް ކޮޓަރިކޮޅަށެވެ. ދެން ބޭރަށް ނުކުމެވަޑައިގެންނެވިއިރު ކާރުކޮޅު އޮތީ ތައްޔާރު ކުރައްވާފަ އެވެ. ނަމަވެސް މައުމޫން އެންގެވީ ކާރުކޮޅު ގަރާޖަށް ގެންދާށެވެ.
"އަޅުގަނޑުމެން ކައިރީ [މައުމޫން] ވިދާޅުވީ މި ދަނީ ވަލުދޮރާށީން ނުކުމެގެން ހުދުއަސުރުމާގެއަށް ދާށޭ... އާދަމް ނައީމް ތަންކޮޅެއް ކުރީގައި ހުންނަވައިގެން އަޅުގަނޑުމެން... އެއީ މައުމޫން، އަޅުގަނޑު، ޣައްސާން އަދި އަޅުގަނޑުމެން ބަލަހައްޓާ ތިމާގެ ކުއްޖަކާއި ކުދީން ކައިރީގައި އުޅޭ އަންހެން ކުއްޖަކާއި ސެކިއުރިޓީގެ ބޭކަލެއް... އެ އެންމެން އެކީ ތީމުގޭން ނުކުމެގެން ހިނގައިގަތިން! އެވަގުތު މައުމޫނަށް ފާހަގަ ކުރެއްވުނީ ސެކިއުރިޓީއަށް ހުންނެވި ބޭކަލަކު ހުންނެވީ ވަރަށް ހިތްވަރު ގަދަ ކަންމަތީގައިކަން... އޭނާގެ އަތުގައި އޮތް ފިސްތޯލަ މައްޗަށް އުފުލާލައްވައިގެންކަން. ދެން މައުމޫން ވިދާޅުވީ އެނބުރި ތީމުގެއަށް ދުރުވެ އެތާ މަޑުކޮށްލައްވާށޭ!"
ތީމުގޭގެ ވަލުދޮރާށީން ނުކުންނަވާ ފުއްކަފަގޯޅިން ތާންގީދޮށުގޭ މަގު ހުރަސް ކުރިއިރު އެމަގުން ހުޅަނގަށް އޮންނަ ހަވީރީ ހިނގުމުގައި ސޯޓްބުރިއެއް ލައިގެން ހަތިޔާރާއެކު ތިބި ދެ މީހަކު އެ ބޭފުޅުންނަށް ފެނިވަޑައިގަތެވެ. އަދި ފަތިސް ނަމާދަށް އައިސް ތިބި ބައެއް މީހުން ވެސް ޒިޔާރަތް މިސްކިތް ކަައިރީގައި ތިއްބެވެ. އެއިން އެއްވެސް ބަޔަކަށް ރައީސާއި ފަސްޓްލޭޑީ ވެސް އަދި އެ ދެބޭފުޅުންގެ އަރިހުގައި ތިބި އެއްވެސް ބަޔަކު ފާހަގައެއް ނުވެ އެވެ.
އެ ބޭފުޅުންގެ ފުރަތަމަ މިސްރާބަކީ ކައިރީގައި ހުރި ހުދުއަސުރުމާގެ އެވެ. އެގެއަށް ވަދެވޭނެ ގޮތް ތީމުގޭގެ ޗީފް އޮފް ސްޓާފް އާދަމް ނައީމް ވަނީ ހަމަޖައްސަވާފަ އެވެ. ނަމަވެސް އެ ބޭފުޅުން ވަޑައިގެން އެ ގޭގެ ތަޅުގައި ހިތްޕެވިއިރު އެ ގެ ހުރީ ތަޅުލާފަ އެވެ.
"އެވަގުތު އަޅުގަނޑު މައުމޫނަށް ދަންނަވައިފިން މި ހިސާބުގަނޑު ކޮންމެ ގެއަކަށް ވަނަސް އަޅުގަނޑުމެންނަށް އެހީތެރި ވެދޭނޭ. އެހެން އެހާ ޔަގީން ކަމާއެކު ދެންނެވުނީ އަޅުގަނޑުމެންގެ އަވަށްޓެރީންގެ ގޮތުގައި އަޅުގަނޑުމެންގެ މަންމަ ފަރާތުގެއާ ބައްޕަ ފަރާތުގެ އާއިލާ މީހުން ވަރަށް ގިނަވާނެ. އަސުރުމާގެއަކީ އަޅުގަނޑުގެ މަންމަ އުޅެ ބޮޑުވި ގެ،"
އެހެން ކަމުން ދެން ވަޑައިގެންނެވީ ގުލިސްތާނުގެ އަށެވެ. އެ ގޭގެ ބޭރު ދޮރު ހުރީ ތަޅު ނުލަ އެވެ. ނަމަވެސް އެތެރެއަށް ވަދެ ގޭގެ ތެެރެއަށް ވަންނަވަން ހުރި ދޮރު ހުޅުވާފައި ހުުރުމުން އެތެރެއަށް ވަދެވޭ ގޮތެއް ނުވި އެވެ. އެ ގެއަކީ ކުޑަކުޑަ ޣައްސާން ވަރަށް ގިނައިން ގޮސް އުޅޭ އޭނާގެ ބެސްޓްފްރެންޑްގެ ގެއެވެ. އެެހެން ކަމުން ބަދިގެ ފަރާތުން އެގެއަށް ވެންނެވޭނެ ކަން އެނގޭތީ ޣައްސާން ވަޑައިގެންނެވީ ބަދިގެ ފަރާތަކަށެވެ.
"ނަމަވެސް އެ ވަގުތު މުޅި ތަނުން ކަރަންޓް ކެނޑިއްޖެ. އަދި އެއާއެކު އިވިއިވި ހުރި ބަންގީގެ އަޑު ކުއްލިއަކަށް ކެނޑިއްޖެ. ހީވީ މީހަކު މުދިމުގެ ކަރުގައި ހިފިހެން. އެއީ އަޅުގަނޑު ވަރަށް ދެރަވި ވަގުތެއް،"
ދޮރުގައި ޓަކި ދިނުމާއެކު ގޭގެ ދޮރު ހުޅުވާ ގޭގެ ތެރެއަށް އެބޭފުޅުން ވެންނެވުމަށް ގޭގެ ވެރިފަރާތުން ހުއްދަ ދެއްވި ކަމަށް އެކަމަނާ ވިދާޅުވި އެވެ.
"ގޭގެ ތެރެއަށް ވަދެ ހަދީޖާ [ގުލިސްތާނުގޭގެ ވެރިމީހާ] ކައިރީ އަޅުގަނޑަށް ފުރަތަމަ ވެސް ބުނެވުނީ، ހައްޖާއޭ އަހަރެން ދަތް އުނގުޅާލާނެ ބުރުހެއް ދޭށޭ. ދަތް ނޫގުޅާ ހުރެ މަރުވާން ވަރަށް އުނދަގޫވާނެ އޭ،" ސަމާސާ ރާގެއްގައި ވިދާޅުވި އެވެ.
ނަސްރީނާ ވިދާޅުވި ގޮތުގައި ގުލިސްތާނުގެއަށް ވަދެ ވަޑައިގެންނެވުމާއެކު މޭޒެއްގެ ކައިރީގަައި އިށީނދެވަޑައިގެން ރައީސް މައުމޫން ފެއްޓެވީ އެކި ބޭފުޅުންނަށް ފޯނު ކުރައްވާ ހާލަތު އޮޅުއް ފިލުއްވުމަށެވެ. އަދި ބޭރުގެ އެހީތެރިކަމެއް ހޯއްދެވޭނެ ގޮތެއް ވޭތޯ އެވެ.
"ތަނެއްގައި މަޑުޖެހުމުން އަޅުގަނޑު ފުރަތަމަވެސް ހިތަށް އެރީ ބޭރުގައި ކިޔަވަން ތިބި އަޅުގަނޑުގެ ދޮށީ ތިން ކުދީން [ޔުމްނާ، ދުންޔާ، ފާރިސް] އެ ކުދީންނަށް ރާއްޖޭގެ ހަބަރުތައް ބޭރުން ލިބުމުން ވާނެ ގޮތް. މިވަގުތު ވީ ބަޑީގެ އަޑު ކަނޑައިގެން ނުގޮސް އިވެމުން ދިޔަ ވަގުތަކަށް. އަދި ހަމަ ބޮން ކަހަލަ އެއްޗެހި ވެސް ގޮއްވާލަމުން ދިޔަ އަޑު އިވެމުން ދިޔަ. އަޑު އިވެމުން ދިޔައީ ގެއާއި ވަރަށް ކައިރީން ކަމުން އަޅުގަނޑަށް އަޅުގަނޑުގެ ކުދީންނާއި ދެން ބައްދަލު ނުވެދާނެއޭ ހީވުމުން އަޅުގަނޑު ބޭނުންވީ އެ ކުދީންނަށް ސިޓީއެއް ލިޔެފައި ބާއްވަން. ހަމަ ބުނެލަން، އެ މީހުން ދެކެ ލޯބިވާ ވަރާއި އެ ކުދީންގެ ފަރާތުން އުފަލާއި ހިތްހަމަޖެހުން ނޫނީ ލިބިފައި ނުވާކަން. މިކަން އަޅުގަނޑު ކުރާކަން އެނގުމުން އެ ސިޓީ ލިޔާކަށް މައުމޫން ގަބޫލުފުޅެއް ނުވި. މައުމޫން އެހެން ވިދާޅުވުމުން އެ ސިޓީ ލިޔުން ހުއްޓާލިން. އެކަމަކު އަޅުގަނޑުގެ ހިތަށް ވަރަށް ގިނަ އެއްޗެހިތަކެއް އެރި. އަޅުގަނޑު ކަހަލަ ކިތައް މަންމައިން އެ މީހުންގެ ދަރީންގެ ހަބަރެއް ނޭނގިގެން ކަންބޮޑުވެފައި ތިބޭނޭ،"
އެކަމަނާ ވިދާޅުވި ގޮތުގައި ބޭރުގެ ހަބަރުތަކުން އޭރު ކިޔަމުން ދިޔައީ ސަރުކާރު ވައްޓާލައިފި އެވެ. އަދި ބޭރު ގައުމެއްގެ ބަޔަކު ހަތިޔާރާއެކު އަރާ ސިފައިންގެއަށް ވަރުގަދައަށް ހަމަލާ ދޭ ކަމާއި އެތައް ބަޔަކު މަރުވެގެން މަގުތައް މައްޗަށް ވެއްޓިފައި ތިބި ކަމާއި ޓެރަރިސްޓުން ރަށުތެރޭގައި އުޅޭ ކަން ފިޔަވާ އެހެން ކަމެއް އޭރު އެނގިވަޑައެއް ނުގަންނަވައެވެ. މައުމޫން މެދުކެނޑުމެއް ނެތި އެކި ބޭފުޅުންނަށް ގުޅުއްވަމުން ގެންދަވައެެވެ.
އަދި ޖެހިގެން ހުރި ގެއިން އިތުރު ފޯން ލައިނެއް ގެންނެވި އެވެ. އާދަމް ނައީމް ތީމުގެއިން ކޯޑްލެސް ފޯނެއް ވެސް ގެންނެވި އެވެ.
"އެކަމަކު މި ފޯން އާދަމް ނައީމް ބޭނުން ކުރައްވަނިކޮށް ގާތް ބޭފުޅަކު މެސެޖަކުން ހުދުއަސުރުމާގެއަށް އަންގަވައިފި އާދަމް ނައީމް ވާހަކަ ދައްކަވާ އަޑު ރޭޑިއޯއަށް އެބަ އަރާއޭ. އެ ފޯން ބޭނުން ކުރެއްވުން ރަނގަޅެއް ނޫނޭ!"
މާލެތެރޭގައި އޭރު ހިނގަމުންދިޔަ ކަންކަން ގުލިސްތާނުގޭގައި އުޅޭ މީހަކު ގެނެސް ދެމުން ދިޔަ ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި އެ ގޭގައި އެ ދުވަހު ހޭދަ ކުރެއްވުނު ވަގުތުތަކުގައި ހެނދު ސަޔާއި މެންދުރު ކެއުމާއި ހަވީރު ސައިގެ އިތުުރުން ގޯތިތެރޭގައި ހުރި ރުކަކުން ކުރުނބާ އަޅައިގެން ކުރުނބާ ވެސް ދިނެވެ.
ދެން އެކަމަނާ ފާހަގަ ކުރެއްވީ އެ ގޭގެ ސެކިއުރިޓީގައި ތިއްބެވި ސިފައިންގެ ދެ ބޭކަލުންގެ ހިތްވަރުފުޅުގެ ގަދަ ކަމެވެ. އަދި އެ ބިރުވެރި ވަގުތުތަކުގައި ކުރެވެމުންދިޔަ އިހުސާސްތަކެވެ.
"މިއީ އޭރު ލިޔެ ނިމިފައި އޮތް ވާހަކައެއް ނޫން. ނިމޭނެ ގޮތެއް އެކަކަށް ވެސް ނޭނގެ. އެކަމަކުވެސް ކޮންމެ މީހަކުވެސް ދިމާވަމުން ދިޔަ ކަންތައްތަކާއި ކުރިމަތިލަމުން ދިޔައީ ތައުރީފު ކުރުން ހައްގު ގޮތްގޮތަށް. މައުމޫން އެ މޭޒު ކައިރީ އިށީންދެވަޑައިގެންނެވި ގޮތަށް އޭގެ އަނެއް ރޭ އިންޑިއާ ސިފައިން ގުލިސްތާނުގެއަށް އަންނަން ދެން ނަމާދުފުޅަކަށް ނޫނީ ޒަރޫރީ ބޭނުންފުޅަކަށް ނޫނީ ތެދުވެވަޑައި ވެސް ނުގަންނަވާ. ހަމަ އެފަދައިން އާދަމް ނައީމު ވެސް މައުމޫން އަރިހުން ދުރަށް ވެސް ޖެހި ނުލައްވާ،"
ނަސްރީނާ ވިދާޅުވި ގޮތުގައި މެންދުރު ފަސް ވީ ފަހުން ބޭބެ، އިލްޔާސް އިބްރާހިމް ދުނިޔޭގައި ހުންނެވިކަން އެނގިވަޑައިގެން ވަރަށް ބޮޑު އުފާފުޅެެއް ލިބިވަޑައިގަތެވެ. އަދި ފޯން ކޯލްގެ ތަފުސީލު ވެސް މައުމޫން ވިދާޅުވެ ދެއްވީ އެ ވަގުތު އެވެ. ފަތިހު ގުޅުއްވާފައި އިލްޔާސް ވިދާޅުވީ ބަޔަކު މާލެ އަރާ ސިފައިންގެއަށް ހަމަލާ ދެމުންދާ ވާހަކަ އެވެ. އެ މީހުންގެ ބަޔަކު އިލްޔާސް އޭރު ދިރިއުޅުއްވި ކިނބިގަސްދޮށުގެއަށް ވަންނަމުންދާ ވާހަކަ އެވެ. ނަމަވެސް ނަސްރީނާއަށް ވެވަޑަައިގަންނަވާނެ ގޮތަކަށް ބައްލަވާފައި އެ ވާހަކަ ވިދާޅުނުވެ ލަސްކޮށްލެއްވީ އެވެ.
ރައީސް. މައުމޫނާއި އާއިލާ ތިއްބެވީ ކޮންމެ ވަގުތަކުވެސް އެ ގެއިން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގެންފާނެ ކަމަށް ބައްލަވައިގެނެވެ. އެހެން ކަމުން މެންދުރު ފަސްވާން ދަނިކޮށް ފެންވަރާލަން ބޭނުން ވެގެން ސްކާޓަކާއި ބްލައުޒެއް ދެއްވަން ނަސްރީނާ އެ ގޭގެ ވެރިފަރާތުގައި އެދި ވަޑައިގަތެވެ. އޭރުވެސް އެކަމަނާ ތުރު ކުރައްވަނީ މިހާރުވެސް ތުރުކުރައްވާ ކަހަލަ ހެދުން ކޮޅުތަކެވެ. ތަފާތު ކޮށްލައްވަން ބޭނުންފުޅުވެ ވަޑައިގަތީ ކުއްލި ގޮތަކަށް ތާކަށް ދާން ޖެހިވަޑައިގަތަސް ފަސޭހައިން އެހެން ބަޔަކަށް ފާހަގަ ކުރަން ނޭނގޭނެ ގޮތް ހައްދަވާށެވެ.
"އަޅުގަނޑު ހިތަށް އެރީ ސްކާޓަކާއި ބްލައުޒެއްގައި ހުރިއްޔާ ފެންނަ މީހަކަށް އަޅުގަނޑެއް ނޭނގޭނެޔޭ. އަޅުގަނޑެއް ބޭނުމެއް ނުވި އެނދެއްގެ ދަށަށް ފިލަން ވަދެ އޮއްވާ ބަޔަކު ވަދެ އަޅުގަނޑު ދަމާ ނެރޭކަށް،"
އިރުއޮއްްސުމާއެކު ގޭގައި ފުޅި ބައްތި ދިއްލި އެވެ. ނަމަވެސް ޓެރަރިސްޓުންގެ ބަޔަކު ކޮންމެ ވަގުތަކު ގޭގެތެރެއަށް ވަދެ ދާނެ ކަމުގެ ބިރު އޮތުމުން އިތުރު ނުތަވަސްކަން ވެރިވި އެވެ. އެވަގުތާއި ހަމަައަށް ދިޔައިރު ރައީސް މައުމޫނަށް ބޭރުގެ ބައެއް ގައުމުތަކުގެ ވެރީންނާއި ފޯނުން ގުޅުއްވިއްޖެ އެވެ. އެހީއަށް އަންނަން ގައުމުތަކުން ތައްޔާރަށް ތިބި ކަމުގެ އުންމީދުގެ ހަބަރުވެސް އޮތީ ނަސްރީނާއަށް ލިބިވަޑަައިގެންފަ އެވެ. އަދި އިރުއޮއްސުނު ފަހުން ބަޑީގެ އަޑު މުޅީން ކެނޑި ހިމޭން ވެއްޖެ އެވެ.
"ނަމަވެސް އެއްވެސް މިސްކިތަކުން ބަންގީގެ އަޑު ނީވި އެއް ދުވަސް ދިޔައީ. އަޅުގަނޑުމެންގެ އިސްލާމީ ތާރީހުގައި ވެސް މިހެން ދިމާވި ވާހަކައެއް ނާހަން. ނުވައެއް ޖެހިއިރު އިންޑިއާގެ އެއާފޯސްގެ ބޯޓެއް ހުޅުލެއަށް ޖެއްސި ހަބަރު ލިބުނު. އަޅުގަނޑު ކައިރީ މައުމޫން ވިދާޅުވި ހުޅުލެއަށް އައި އިންޑިއާ ސިފައިންގެ އިސް އޮފިސަރަކު ވިދާޅުވިއޭ ހުޅުލެ މި އޮތީ ތިމަންނަމެން ސެކިއުކޮށްފައޭ. ވީމާ މިތަނަށް ވަޑައިގަންނަވާށޭ. މައުމޫން ވިދާޅުވީ މާލޭގެ އެތަން މިތަނުގައި ޓެރަރިސްޓުންގެ މީހުން އުޅޭތީ ހުޅުލެއަކަށް ވަޑައެއް ނުގެންނެވޭނޭ،"
ނަސްރީނާ ވިދާޅުވި ގޮތުގައި ނުރައްކާތެރި ހާލަތު ރަނގަޅުވެ ހިނގަމުންދާ ކަންކަން ވަރަށް އަވަހަށް ނިމިދާނެ ކަމުގެ އުންމީދުގައި އޮންނަވަނިކޮށް އަވަހާރަފުޅު ލެއްޕެވުނީ އެވެ. ދެން ހޭފުޅު ލެއްވުނީ އިންޑިއާ ސިފައިން ގުލިސްތާނުގެއަށް ގޮސް މައުމޫނާއި ވާހަކަ ދައްކަވަނިކޮށެވެ.
"އެވަގުތު އެންމެ ރަނގަޅު ގޮތަކީ ސިފައިންގެއަށް ދިއުން ކަމަށް މައުމޫނަށް ފެނިވަޑައިގަތް. ސިފައިންގެއަށް ދާން އަޅުގަނޑުމެންނަށް ނުކުމެވުނުއިރު އިރު އަރަން ކައިރި ވަނީ. ފަތިސް ނަމާދު ވަގުތު ޖެހުނުއިރު އަޅުގަނޑު ވަރަށް އެދުނިން ކައިރީ ހުރި ޒިޔާރަތް މިސްކިތަށް ނަމަވެސް މީހަކު އަރާ ބަންގި ގޮވަން. އަޅުގަނޑުމެން ސިފައިންގެއަށް ދިޔައީ ކާރުގެ ދެ ފަރާތުގައި ބަޑި ހިފައިގެން ތިބި ސެކިއުރިޓީ މީހުން ތިބެގެން. ކާރު ވަރަށް މަަޑުމަޑުން ދުއްވާފައި ދިޔަަައީ ޓެރަރިސްޓުންގެ މީހުން އުޅޭނެ ކަމުގެ ބިރަށް،"
ސިފައިންގެ މައި އިދާރާއަށް ވަޑައިގަތުމުން އެންމެ ފުރަތަމަ ބައްދަލުވީ ހަބަރު ދޮންބެއާ އެވެ. އޭނާ ދެއްވީ އާދަމް ނަސީރު (ޝޭޑީ) ޝަހީދުވި ހަަބަރެވެ. ޝޭޑީއަކީ ސިފައިންގެ ބޭކަލެކެވެ. ތީމު ސެކިއުރިޓީގައި އުޅުއްވާތީ އެއީ މައުމޫނާއި ނަސްރީނާގެ ވަރަށް ގާތް ބޭކަލެކެވެ. ނަސްރީނާ ސިފަ ކުރެއްވި ގޮތުގައި އެއީ ވަރަށް ގާތުގައި އުޅުއްވި ކުއްޖެކެވެ.
"އަދި އިރުކޮޅަކުން ފެނުނީ އަޅުގަނޑުގެ ބޭބެ އިލްޔާސް، ވައަތާއި ކަނައަތުގެ ފައި ބެންޑޭޖްކޮށް ވީލްޗެއާ އެއްގައި އިންދާ. ދެން ހަނދާން ހުންނަނީ ހުއްޓާ ނުލައި ރުއި ހަނދާން. ހުއްޓާ ނުލާ ބޯ ކޮށް ވާރޭ ވެހުނު ހަނދާން. އަދި އަޅުގަނޑު ހިތަށް އެރީ މި ލޮބުވެތި ފަސްގަނޑަށް އޮހުރުނު ލޭތައް ފުހެ ސާފު ވެގެން ދަނީ ހެން،"
ނޮވެންބަރު ތިނެއް ގައި ހިނގައިދިޔަ ހާދިސާގައި ކުރެެއްވުނު ތަޖުރިބާ ފުރަތަމަ ފަހަރަށް ހިއްސާ ކުރައްވާ ނިންމަވާ ލައްވަމުން ވެސް އެކަމަނާ ވިދާޅުވީ 34 އަހަރު ފަހުން ނަމަވެސް އެ ވާހަަކަތަައް ކުރުކޮށް ވިދާޅުވެ ދެއްވީ ތާރީހުގައި ލިޔެވިފައި ބޭއްވުމަށެވެ. އަދި އެ ދުވަހުގެ ހާދިސާ ގައުމަށް ކިޔައިދޭން ޖެހޭނެތީ އެވެ.
"އަޅުގަނޑުގެ ދުއާއަކީ މިފަދަ ނުރައްކާތެރި ބިރުވެރި ދުވަހެއް މި ފަސްގަނޑަކަށް ދުވަހަކު ވެސް މާތްﷲ ނުދެއްކެވުން. ދިވެހީންނަށް އެބައިމީހުންނަށް ﷲ ދެއްވާފައިވާ އިސްލާމީ ހިދާޔަތާއި މިނިވަން ކަމުގެ ނިއުމަތް ވަޒަން ކުރުމުގެ ހެޔޮ ތައުފީގު މާތްﷲ ދެއްވުން. އަޅުގަނޑުމެންނަކީ ގައުމު ދެކެ ލޯބިވާ ގައުމަށްޓަކައި ފަހުރުވެރިވާ ބަޔަކު ކަމުގައި ލެއްވުން. އަދި މި ގައުމަކީ އެފަދަ ތަނަކަށް ފަހުރުވެެރިވާ ފަދަ ތަނަކަށް ހެދުމުގެ ހެޔޮ ވިސްނުމާއި ހިތްވަރު އަޅުގަނޑުމެންގެ ބޮޑެތި މީހުންނަށާއި ޒުވާނުންނަށާއި ކުޑަކުދީންނަށް ދެއްވުން. އާމީން،" ނޮވެންވަރު ތިނެއްގެ ހާދިސާގައި ކުރެއްވުނު ތަޖުރިބާ ރީތި އިބާރާތްތަކަކުން ވިދާޅުވެ ދެއްވާ ނިންމަވާލައްވަމުން ނަސްރީނާ ވިދާޅުވިއެވެ.
ރޭ ބޭއްވި ޖަލްސާއަށް ފަހު ހަވާސާއިން "މި" ނޫހުގެ ނޫސްވެރިންނާ ބައްދަލު ކުރައްވާ އެކަމަނާ ވަނީ 34 އަހަރު ފަހުން ނޮވެންބަރު ތިނެއްގެ ހާދިސާގައި ކުރައްވަން ޖެހިވަޑައިގެންނެވި ތަޖުރިބާ ހިއްސާ ކުރެއްވި ނަމަވެސް އެ ދުވަހުގެ މުޅި ހާދިސާއާ އާއި އެ ހާދިސާއާ ގުޅިފައިވާ ކަންކަމާއި ކުރެއްވުނު ތަޖުރިބާތަކާއި ފެނިވަޑައިގެންނެވި ހުރިހާ މަންޒަރުތައް ވަރަަށް ތަފްސީލު ކޮށް އެކަމަނާ ވަނީ ލިޔުއްވަވާފަ އެވެ. އަދި "މި" ނޫސް މެދުވެރިކޮށް އެ ލިޔުއްވުންތައް ދިވެހިރައްޔިތުންނާ ހިއްސާ ކުރައްވަން މިހާރު އެކަމަނާ ހުންނެވީ ނިންމަވައިގެނެވެ.
ދޮންނަ މެސެނު ކަހަލަ ވާކަތަކާއި ސްކޫލް ޔުނީފޯމެއްގެ ވާހަކަތައް މަދެއް ނޫންތަ؟ އެއީ ތެދެއް ކަމެއް ވެސް ދޮގެއް ކަމެއް ވެސް ނޭނގެއެއްނު
ދޮންނަ މެސިނުގެ ވާހަކައަކީ އެއްވެއް ވާހަކައް ނޫން އެހީ ބަޔަކު ހަދައިގެން ދައްކާ ވާހަކަ އެވެ. އަދި މި އާޓިކަލްގައި އެބައޮތް އިންޑިއާ ސިފައިން އައުމާ ހަމައަށް މައުމޫނު އުޅުއްވި ގޮޮތްވެސް
މި ނަސްރީނާއަކީ ގަދަ ގޮލައެކޭ ދޯ އެ ވިދާޅުވީ އެބައޮތޭ ބޮޑު ފޮތެއް ލިޔުއްވާފައި . ދެން އަވަހާ ތިޔަ ނެރެން އުޅެގަ އޭރަށް ނު ކިޔޭނީ ގަންނަން ވިޔަސް ނެރެގަ