މި މަޝްރޫއު މި އަހަރުގެ ތެރޭގައި ކޮންޓްރެކްޓަކާ ހަވާލުކުރެވި މަސައްކަތް ފެށިގެންދާނެ.

ސަރުކާރުން އަގުހެޔޮކޮށް ބޯހިޔާވަހިކަން ހިންގާ މަޝްރޫއުގެ ދަށުން ބީއެމްއެލް މެދުވެރިކޮށް އަޅައި، އަގުހެޔޮކޮށް ވިއްކާ 3،000 ފްލެޓުގެ ތެރެއިން ވިލިމާލޭގައި އަޅާ 300 ޔުނިޓު ހާއްސަކުރާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެ 3،000 ފްލެޓް އިމާރާތް ކުރުމަށް ބޭނުންވާ ބިން ބީއެމްއެލްއާ ހަވާލުކޮށްފައިވަނީ ހުޅުމާލެ 1 އާއި ހުޅުމާލެ 3 ގެ އިތުރުން ވިލިމާލެ އިންނެވެ.
މާލެ ސަރަހައްދުގެ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވަން ރައީސް ފައްޓާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ފުރަތަމަ ބައްދަލުވުން މިރޭ ވިލިމާލޭގައި ބާއްވާފައިވާއިރު، އެ މަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން، ވިލިމާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަކީ ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ.
"ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓު ޙާއްސަ ކުރެވިގެންދާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް. މި މަޝްރޫއު މި އަހަރުގެ ތެރޭގައި ކޮންޓްރެކްޓަކާ ހަވާލުކުރެވި މަސައްކަތް ފެށިގެންދާނެ. މި މަސައްކަތަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައި، ފައިސާގެ އެއްވެސް ދަތިކަމެއް މިމަސައްކަތުގައި ނެތް. މިއީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެއް އެކުލެވޭ 300 ހައުސިން ޔުނިޓުގެ ހައުސިން މަޝްރޫއެއް،" ރައީސް ވިދާޅުވި އެވެ.
ލީސްޓު އޯން މޮޑެލް - ފައިސާ ދައްކާ ހަލާސްކުރާ - މޮޑެލްއެއްގައި ހިންގާ މަޝްރޫއުގައި ބާކީ 2،700 ފްލެޓު އަޅަނީ ހުޅުމާލެ ފޭސް 1 އަދި ފޭސް 3 ގަ އެވެ.

މިރޭގެ ބައްދަލުވުމުގައި، ވިލިމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ މީހުންގެ ކަންބޮޑުވުންތަކާއި، ދިމާވާ މައްސަލަތަކާއި، ހިޔާލުތައް ވެސް ރައީސަށް ސީދާ ހުށަހަޅައިފަ އެވެ.
މިގޮތުން، ޕަބްލިކް ޓްރާންސްޕޯޓާއި، ކުޅިވަރުގެ ވަސީލަތްތަކާއި، ކުޑަކުދިންގެ ޕާކާއި، ސިއްހީ ފަރުވާ ހަރުދަނާކުރުން ފަދަ ގިނަ ދާއިރާތަކުން ރައްޔިތުން ވަނީ އެ މީހުންގެ އެދުންތައް ރައީސްއާ ހިއްސާކޮށްފަ އެވެ.
އަދި އޭގެ ތެރެއިން ބައެއް ސުވާލުތަކަށް، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ވަގުތުން ދެއްވައިފަ އެވެ.
އެ ހުށަހެޅުންތަކާއި އެދުންތަކަށް ރިއާއަތްކުރައްވައި، ރައީސް ވަނީ އެ ކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.