އަދި ވިދާޅުވީ "ދޮންބަންޑާރައިންގެ ހިުމަތާއި، ހުޝިޔާރުކަމާއި، މި ވަތަންގެ މައްޗަށް އޮތް ކުލުނު ހާމަވި މި ތާރީހީ ހާދިސާއަށް ތިން ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ވަނީ ދިރިދިރި،"

ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް ދޮންބަންޑާރައިން ކުރެއްވި ޖިހާދު އަބަދަށް ދިވެހި ފަސްގަނޑުގައި ދިރިދިރި އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހީންގެ ހުރަވީ ދުވަހުގެ މުނާސަބަތު ގައި ކުރެއްވި ޕޯސްޓެއް ގަ އެވެ. ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ؛
"މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ގައުމަށް ގެނައި ހޮޅީންގެ ނުރައްކަލުން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރު ގަދަ ގައުމީ ޖިހާދަށް މިއަދަށް 281 އަހަރުވީ،"
އަދި ވިދާޅުވީ "ދޮންބަންޑާރައިންގެ ހިުމަތާއި، ހުޝިޔާރުކަމާއި، މި ވަތަންގެ މައްޗަށް އޮތް ކުލުނު ހާމަވި މި ތާރީހީ ހާދިސާއަށް ތިން ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ވަނީ ދިރިދިރި،"
ރައީސް ވަނީ ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހިރައްޔިތުންނަށް ފޮނުއްވައި، މިނިވަންކަމާއި ފާގަތިކަމުގައި ރާއްޖެ އަބަދު ލެހެއްޓެވުމަށް އެދި ދުއާ ކުރައްވާފަ އެވެ.
ހުރަވީ ދުވަސް ފާހަގަ ކުރަނީ އައްސުލްޠާނުލްޣާޒީ ހަސަން އިއްޒުއްދީން (1ވަނަ) ނުވަތަ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަން ކުރެއްވި ދުވަހާއި ގުޅިގެންނެވެ. ހޮޅިން ރާއްޖެ އަޅުވެތިކުރިތާ ތިން މަހާއި ވިހި ދުވަސްވީތަނާ ރާއްޖެ މިނިވަން ކުރުމުގެ ޖިހާދު ދޮންބަޑާރައިން ފައްޓަވާ އެ ޖިހާދު ކާމިޔާބު ކުރެއްވި އެވެ.
ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަން ކުރިތާ 185 އަހަރު ފަހުން، މަލާބާރީން -- ހޮޅީންގެ ލަޝްކަރެއް ރާއްޖެ އައިސް އޭރު ތަހުތުގައި އިންނެވި ރަދުން އައްސުލްޠާނު މުކައްރަމް މުހައްމަދު އިމާދުއްދީން (ތިންވަނަ) ސިރީ ނަވަރަންނަ ކީރިތި މަހާރަދުން އަތުލައިގެން ކަންނަންނޫރަށް ގެންގޮސް މާލޭގައި އެބައިމީހުންގެ ވެރިކަމެެއް ގާއިމު ކުރި އެވެ. އެހެން އެކަން މެދުވެރިވީ ގައުމަށް ހިޔާނަތްތެރިވި ދެ ދިވެހީން ކަމަށްވާ އަލްގާޒީ ހަސަން ތާޖުއްދީނުގެ ދެ ދަރިކަލުން ކަމުގައިވާ މުހައްމަދު ޝަމްސުއްދީނާއި އޭނާގެ އެއްބަނޑުއެއްބަފާ، ހަތީބު އަހްމަދު މުހްޔިއްދީނު، ކަންނަންނޫރަށް ސިޓީއެއް ފޮނުވާ އަލީރާޖާއަށް ރާއްޖޭގެ ވެރިކަން ހޯދައިދިނުމަށް އެދުމުންނެވެ.