އެމްޕީއެލްއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ 40 މީހަކަށް ވަޒީފާ ދީފަ އެވެ. މިހާރުވެސް މި ކުންފުނީައި 30 އަށްވުރެ ގިނަ މިފަދަ ދިވެހިން ވަޒީފާ އަދާކުރަމުން ދެ އެވެ.
ހއ. ކެލާ، އަހުމަދު ޝަރީފަށް ވަށައިގެން ހިނގާ އެއްވެސް ކަމެއް ނޭނގޭ ފަދަ އެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ކުރިމަތީގައި އޮތް އިސްޓޭޖުމަތީގެ ހަރަކާތް ތަކަށެވެ. މި އިސްޓޭޖު މަތީ ހިނގާ ކޮންމެ ހަރަކާތެއް މިއަދު އޭނާއަށް ހާއްސަ އެވެ. މާލެ، މީރުމާހޯލުގައި ޝަރީފު އިންއިރު އޭނާ ފެންކަޅިވެފައި ބަލަހައްޓައިގެން އެ އިނީ އޭނާގެ ލޮލުގެ ކޮއިފަދަ ދަރިފުޅަށެވެ. މިއަދަކީ އޭނާ އަށް ހާއްސަ ދުވަހެވެ. ކޮންމެ ބައްޕައަކާއި މަންމަ އެއްވެސް މިދުވަސް ދެކެން ބޭނުންވާނެ އެވެ. ނަމަވެސް ޝަރީފަށް މިއަދު އޮތް އުފާވެރިކަން މާބޮޑެވެ. ސަބަބުތައް ގިނަ އެވެ. އޭނާގެ ފަރިފުޅަކީ ލޮލުގެ ފެނުން ފުރިހަމަ ކުއްޖެއް ނޫނެވެ. ސްކޫލުގައި ކިޔެވި ދުވަސްވަރު ވެސް ތައުލީމީ ހަޔާތައް ހުރަސް އެޅިގެން ދިޔަ މައްސަލައަކީ މި އެވެ. ކިޔެވުމަށް މޮޅު މި ޒުވާނާ ކިޔެވުމައިގެން ދާން ބޭނުންވި ހިސާބަށްދާން ހުރަސް އެޅިމި ދަތިކަމެވެ. މުޖުތަމައުގެ ހޭލުންތެރިކަން އޮތް ހާލަތާއެކު ކުރިމަތިލާން ޖެހުނު ހުރަސް ތަކެވެ. އެ ދުވަހު ޝަރީފު ހިތާމަ ކުރި އެވެ. އެ ދުވަހުން ފެށިގެން ޝަރީފުގެ ދަރިފުޅު އިނީ ގޭގެ ހަތަރު ފާރުގެ ތެރޭގަ އެވެ.
ނަމަވެސް މިއަދު ޝަރީފުގެ ދަރިފުޅު އައިޝަތު ޝާޔާ ޝަރީފު އަށް އެމްޕީއެލް އިން ވަޒީފާ ލިބުމާ ގުޅިގެން އެ އިނީ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ އުންމީދުގަ އެވެ. މިއީ ސަރުކާރުގެ އެންމެ ބޮޑު މި ކުންފުނިން މި ފަހަރުން ވަޒީފާ ދިން ނުޅުދެދުންތެރިކަން ހުންނަ 40 ޒުވާނުން ތެރެއިން އެންމެ ކުއްޖެއްގެ ވާހަކައިގެ ފެށުމެވެ.
"ހަގީގަތުގައި ވަރަށް އުފާވާ ދުވަހެއް މިއީ، ހަމައެކަނި އުފާވަނީ އޭނާ [ދަރިފުޅަ[ އަށް އާމްދަނީއެއް ލިބޭތީއެއް ނޫން. ފައިސާގެ މައްސަލައެއް ނެތް. ސްކޫލް ނިންމާފަ އެ އިންނަނީ ގޭގަ. އެހެން އެހެން މީހުންހެން އުޅެން ފުރުސަތެއް ލިބުނީމަ އެންމެ އުފާވަނީ،" މިޔާއަށް ވާހަކަ ދައްކަމުން ޝަރީފު ބުންޏެވެ.
ވަޒީފާ ލިބުނުކަމުގެ ލިޔުން ދައުލަތުގެ އެންމެ މަތީ ވެރިޔާގެ އަނބިކަނބަލުންގެ އަތްޕުޅުން ޒުވާން ޝާޔާ އަށް ލިބުނުނަމަވެސް ކުރިން ޝާޔާ ވަޒީފާ އަށް ކުރިމަތިލީ އަދަދެއް ވެސް ނޭނގެ އެވެ. ކޮންމެ ފަހަރު ވެސް ދެނީ އެއް ޖަވާބެލެވެ. ފަހުން ގުޅާނަމަމެވެ. އެ ފަހެއް ނައެވެ. ނަމަވެސް ސަރުކާރުގެ ހާއްސަ ސިޔާސަތެއްގެ ދަށުން ޖެންޑް އެންޑް ފެމެލީ މިނިސްޓްރީގެ އިސް ނެގުމާއެކު މި މަސައްކަތް ފެށި ހިސާބުން މިފަދަ އެތައް ކުދިންނަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނެވެ.
މި ފަދަ އަނެއް ޒުވާނަކީ ކުރިން ބޭބެގެ ކައިރީ ވަޒީފާއަދާ ކުދި ޒުވާނެކެވެ. ވާހަކަ ދެއްކުމުގައި ދަތިތަކެއް ހުރި 23އ. ގެ އަޒްހަރަކީ ވެސް މި ފަހަރު އެމްޕީއެލްއިން ވަޒީފާ ލިބުނު 40 ޒުވާނުންގެ ތެރޭގައި ހިމެނޭ ނަސީބުވެރިއެކެވެ. މި ވަޒީފާއާއެކު އޭނާ އެ ހުރީ އުންމީދުން ފޮޅިފަ އެވެ. ރަނގަޅު އާމްދަނީއެއް ލިބި އަދި ފުރިހަމަ ނިޒާމެއްގެ ތެރޭން މަސައްކަތް ކުރަން ފުރުސަތު ލިބުމުގެ އުފަލުގައި އޭނާ ހުރީ އުފަލުން ބުނާނެ އެއްޗެއް ނޭނގިފަ އެވެ.

އަލްހާފިޒު ނައިސަމް ނަސީމް ކުރުކޮށް ކިޔާނަމަ "ނައިސަމް" އަކީ ކިޔެވުމަށް މޮޅު ދަރިވަރެކެވެ. ނައިސަމްއަކީ އޯލެވެލް އާއި އޭލެވަލް ފުރިހަަމަކޮށް އަދި ކީރިތި ގުރުއާން ހިތުދަސްކޮށް ހުރި ހާފިޒެކެވެ. ނަމަވެސް ނައިސަމް ވެސް ސްކޫލް ނިންމުމަށްފަހު ބިރަކަށްވީ ވަޒީފާ އަމިއްލަ ފައިމައްޗަށް ތެދުވެ އަބުރުވެރިޔަކާއެކު ދިރިއުޅެވޭނެ ފުރުސަތެއް ނުލިބުމުގެ ބިރެވެ. ނުކުޅެދުންތެރިކަމެއް ހުރީތީ ވަޒީފާ އަށް ކޮލައިފައި ނުވެދާނެތީ ގަތް ބިރެވެ. އެކަމުގެ ހިތާމަ އެންމެ ބޮޑަށް ކުރަމުން ދިޔައީ ސަރުކާރު ވަޒީފާގައި އުޅޭތާ 32 އަހަރުވީ ނައިސަމްގެ މަންމަ، ރިޔާޝާ ރަޝާދު އެވެ.
ނައިސަމް އަށް މި ފުރުސަތު ލިބުނީ ނޫހެއްގައި އޮތް ހަބަރެއް މަންމައަށް ފެނިގެންނެވެ. އެ ހަބަރުގައި އޮތީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހޯދައިދޭން ސަރުކާރުން މަސައްކަތް ފެށި ވާހަކަ އެވެ. އެ ހަބަރު ކިޔާފައި ވަގުތު ނަގާ ނުލައި ރިޔާޝާ ޖެންޑް އެންޑް ފެމެލީ މިނިސްޓްރީގެ ނަމްބަރަކަށް ގުޅި އެވެ. ގުޅީ އުންމީދުގަ އެވެ. ފުރަތަމަ ގުޅުމުން ކޯލް މިސްވި އެވެ. ނަމަވެސް ރިޔާޝާ އަށް ސަޕްލައިޒަކަށްވީ އެ މިނިސްޓްރީން ކޯލް ރިޓާން ކުރުމުންނެވެ ޖެންޑް މިނިސްޓްރީން ގުޅުންވީ ސަރުކާރުގައި އުޅޭތާ 32 އަހަރުވީ ރިޔާޝާއަށް ހާއްސަ ވަގުތު ކޮޅަކަށެވެ ސަބަބަކީ ސަރުކާރު އޮފީހެއްގެ ހިދުމަތުގެ ފެންވަރު މިވަރަށް މަތިވެފައިވާކަން އަމިއްލަ ތަޖުރިބާއިން ޔަގީންވުމެވެ.
"ދެން އެ ގުޅަން ފެށީ. ބައިވަރު ފަހަރު އޭގެ ފަހުން ގުޅަމުން ދިޔަ. އަޕްޑޭޑް ހޯދާ. ގުޅާ ކުދިން ވެސް އެހާ ހިތްހެޔޮ. ގުޅާފަ ބުނޭ އެއްވެސް ތަނަކުން ގުޅައިފިހޭ. ތިމަންނަމެންގެ މަސައްކަތް މިހިސާބަށް ގެންގޮސްފީމޭ. އަޅުގަނޑު ދުވަހަކު ވެސް މިހާތަނަށް ނުދެކެބް މި މިނިސްޓްރީ [ޖެންޑާ މިނިސްޓްރީ ] ވަރުގެ ހިދުމަތް ރަނގަޅު މިނިސްޓްރީއެއް،" ނައިސަމްގެ މަންމަ ކިޔައި ދިނެވެ.

ނައިސަމްގެ މަންމަ އަށް ދެން ލިބުނު އަނެއް އުފަލަކީ އެމްޕީއެލް އިން ނައިސަމް އަށް ވަޒީފާ ހަމަޖެހުމެވެ. އޭނާ ހަގީގަތުގައި ބޭނުންވަނީ ވެސް އެމްޕީއެލް އެވެ. ސަބަބަކީ ހާއްސަ އެހީ އަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެންމެ ރަނގަޅު މާހައުލެއް އޮތް އޮފީހަކީ މި އޮފީސްކަން ރަށުތެރޭގައި ދައްކާ ވާހަކައިން އެނގުމެވެ. ކަންވީ ވެސް ނައިސަމްގެ މަންމަ ބޭނުންވި ގޮތަށެވެ. މިއަދު އޭނާ އެހުރީ އުފަލުން ފޮޅިފަ އެވެ. މިއަދު ނައިސަމްއަކީ އެމްޕީއެލްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަން ފުރުސަތު ލިބިފައިވާ ޒުވާނެކެވެ.

މީރުމާ ހޯދުގައި ވަޒީފާގެ ސެޓްފިކެޓް ހިފައިގެން ތިބި 40 ކުދިންނާއި މި ކުދިންގެ ބައްޕައިންނާއި މަންމައިންއަށް އެމްޕީއެލް އިން ދެނީ ޔަގީން ކަމެވެ. މި ކުންފުނީގެ ވަޒީފާއަށް ވަންނަން ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެމްޕީއެލް އިން ދޭ ގެރެންޓީއަކީ މާހައުލުގައި ހިތް ފަސޭހަކަން އޮންނާނެ ކަމެވެ. އެކަން އެނގެނީ މިހާރު ވެސް 30 އަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުން މި ކުންފުނީގެ ވަޒީފާގައި ތިބުމެވެ. މީގެެތޭގައި 10 އަހަރުވީ ފަރާތްތައް ވެސް ހިމެނެ އެވެ. މި ކުދިންނަކީ އެމްޕީއެލްގެ ދާއިމީ ވަޒީފާ އޮނިގަނޑުގައި ތިބި ފަރާތްތަކެވެ.
އެމްޕީއެލްގެ މިހާރުގެ ސީއީއޯ އަދި ކުރިން ފުލުހުންނާއި ސިފައިން ގޭގައި ވެސް ހިދުމަތް ކުރެއްވި މުހައްމަދު ރިޝްވާން "މިރާ" އަށް ވިދާޅުވި ގޮތުގައި ކޮންޓްރެކްޓް ވަޒީފާގައި މި ވަގުތު ވަތް ކުދިން ތިއްބަސް އެކުދިންނާ ގުޅުންހުރި ތަމްރީންތައް އެ ކުންފުނިން ދޭނެ އެވެ. އަދި އެ ކުދިން މައްޗަށް ގެންދަން އެމްޕީއެލް އެހީތެރިވެދޭނެ އެވެ. ދިވެހި މި ޒުވާނުންނަށް ފުރުސަތުގެ ތަންމިނަށް އެމްޕީއެލްގައި އޮންނާނެ އެވެ.
އެމްޕީއެލް އިން މި ކުދިންނަށް މި ދިއްލައި ދިނީ އުންމީދުގެ ހުޅުކޮޅެކެވެ މީގެ ބައެއް މީހުންނަކީ ލޮލުގެ ފެނުން ނެތް މީހުންނެވެ. އަނެއް ބައިކުދިންނަކީ ވާހަކަ ދައްކަން ދަތި ކުދިންނެވެ. ނޫނީ ކޮންމެ ވެސް އެހެން ނުކުޅެދުންތެރިކަމެއް ހުރި މީހުންނެވެ. އެކަމަކު އެމްޕީއެލްއިން ވަނީ މި ޒުވާނުންގެ ކަނި ވަމުން ދިޔަ އުންމީދުގެ ހުޅުކޮޅު އަލުން ދިއްލައިދީފަ އެވެ - މިއީ މި 40 މީހުންގެ ތެރޭން އެންމެ ތިން މީހެއްގެ ވާހަކަ އެވެ. އަދި ބާކީ އެތައް ބައެއްގެ ވާހަކަ ވާނެ އެވެ.