ސީއީއޯގެ މަގާމަށް އައްޔަން ކުރި ދާތޯ އިސްކަންދަރުއަކީ އޮފްޝޯ މާލީ ހިދުމަތްތަކުގެ ދާއިރާގެ 30 އަހަރު ތަޖުރިބާކާރެކެވެ. އިސްލާމިކް ފައިނޭންސިންގެ ތަޖުރިބާކާރެކެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (މިފްސާ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކަމުގެ މަގާމަށް އޮފްޝޯ ފައިނޭންސިންގެ ތަޖުރިބާކާރެއް ކަމަށްވާ ދާތޯ އިސްކަންދަރު މުޙައްމަދު ނޫލީ އައްޔަންކޮށްފި އެވެ.
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ތަރައްގީކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ދިވެހި ސަރުކާރުގެ އިދާރާ، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (މިފްސާ) އިން އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވި ދާތޯ އިސްކަންދަރުއަކީ، ހާއްސަކޮށް މާލީ ހިދުމަތްތައް ބަލަހައްޓާ އިދާރާތަކުގައި އޮފްޝޯ މާލީ ހިދުމަތްތަކުގެ ދާއިރާއިން 30 އަހަރަށް ވުރެ ދިގު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ދާތޯ އިސްކަންދަރު ވަޒީފާގެ ދާއިރާ އަށް ނުކުމެވަޑައިގަތީ 1990 ވަނަ އަހަރު ބޭންކް ނެގާރާ މެލޭޝިއާއިން ނެވެ. އޭގެ ފަހުން، 1996 ވަނަ އަހަރު ލަބުއާން ފައިނޭންޝަލް ސަވިސަސް އޮތޯރިޓީ (ލަބުއާން އެފްއެސްއޭ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެންމެ ފުރަތަމަ މުވައްޒަފުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އެވެ. އެއަށް ފަހު، ޑިރެކްޓަރު ސީނިއަ ޑިރެކްޓަރު އަދި އެންމެ ފަހުން ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ފަދަ އިސް މަގާމުތަކެއް ފުރުއްވި އެވެ. ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން، ލަބުއާން އެފްއެސްއޭގެ ދުވަހުން ދުވަހުގެ އިދާރީ ކަންކަން ބެލެހެއްޓެވުމުގެ އިތުރުން، އެ އޮތޯރިޓީގެ މައި ޑިޕާޓްމަންޓްތައް ކަމަށްވާ ގާނޫނީ، ސުޕަރވިޜަން، ސިޔާސަތު، އަދި ހިއުމަން ރިސޯސަސް ފަދަ ދާއިރާތައް ބެލެހެއްޓެވިއެވެ. ޖެނުއަރީ 2020 އިން ފެށިގެން ޖެނުއަރީ 2025 ގެ ނިޔަލަށް، ލަބުއާން އައިބީއެފްސީ ބަރހާދްގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމުވެސް އަދާކުރެއްވިއެވެ.
ދާތޯ އިސްކަންދަރުގެ ވަޒީފާގެ ހަޔާތުގައި ގާނޫނީ ގޮތުން ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވެ އެވެ. ލަބުއާން އެފްއެސްއޭއަކީ ސަރުކާރުގެ މަރުކަޒީ އިދާރާއެއްގެ ގޮތުގައި ގާއިމުކުރުމަށްޓަކައި ލަބުއާން ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ގާނޫނު 1996 އެކުލަވާލެއްވީ ވެސް އެ މަނިކުފާނު އެވެ. އަދި 2008 އާއި 2010 އާ ދެމެދު، ލަބުއާން އައިބީއެފްސީގެ ގާނޫނީ އޮނިގަނޑު މުރާޖައާކޮށް، ޒަމާނީކުރުމުގެ މުހިންމު މަސައްކަތްވެސް އެމަނިކުފާނު ވަނީ އިސްކޮށް ހުންނަވައިގެން ކުރައްވައިފައެވެ.
މި މަސައްކަތުގެ ތެރޭގައި، އޮފްޝޯ ފައިނޭންސިންއާ ބެހޭ އިސްލާމީ ޝަރީއަތުގެ ގާނޫނުތައް ފުރަތަމަ ފަހަރަށް އެކުލަވާލުން ހިމެނެއެވެ. މީގެ އިތުރުން، މެލޭޝިއާގެ ނޭޝަނަލް އެންޓި-ފައިނޭންޝަލް ކްރައިމް ސެންޓަރ (އެންއެފްސީސީ) އާއި ފައިސާ ލޯންޑާ ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމާ ބެހޭ ގައުމީ ކޮމިޓީ (އެންސީސީ) ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ގޮތުންވެސް އެމަނިކުފާނު ހިދުމަތް ކުރައްވާފައިވެއެވެ.
ގާނޫނީ ވަކީލެއްގެ ގޮތުގައި ދާތޯ އިސްކަންދަރު، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ބެޗްލާ އޮފް ލޯސް (އޮނާރސް) ހާސިލްކުރައްވާފައިވެ އެވެ. އަދި މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓްގެ ދާއިރާއިން ޑޮކްޓަރޭޓް ވެސް ހާސިލްކުރައްވާފައިވެ އެވެ. އެ މަނިކުފާނަކީ ސަރޓިފައިޑް ފައިނޭންޝަލް އިންވެސްޓިގޭޓަރެއްގެ އިތުރުން، މެލޭޝިއާގެ ސަރަވާކްގައި ޝަރުއީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެއްވެސްމެއެވެ.
މިފްސާގެ ސީއީއޯގެ މަގާމަށް ދާތޯ އިސްކަންދަރު އައްޔަން ކުރެއްވުމާ ބެހޭ ގޮތުން އެ އޮތޯރިޓީގެ ބޯޑުގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ މިފްސާ ހިންގެވުމާ ހަވާލުވެވަޑައިގަތުމުން ދާތޯ އިސްކަންދަރަށް އަޅުގަނޑުމެން ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށާ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ބިނާކުރެއްވުމުގެ ގާބިލްކަމާއި، މާލީ ހިދުމަތްތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކުގެ ދާއިރާއިން ލިބިވަޑައިގެންފައިވާ ގިނަގުނަ ތަޖުރިބާއަކީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރާ ގުޅޭގޮތުން ދިވެހި ސަރުކާރުގެ ވިސްނުން ހަގީގަތަކަށް ހެދުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
މި މަގާމާ ހަވާލުވުވަޑައިގަތުމަށްފަހު ދާތޯ އިސްކަންދަރު ވިދާޅުވި ގޮތުގައި މަގާމާ ހަވާލުވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާ ޒަމާނީ، ދެމެހެއްޓެނިވި މާލީ މަރުކަޒެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހަންމިއްޔަތަކީ، ދުނިޔޭގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެސް، ބައިނަލްއަގްވާމީ މާލީ ދާއިރާގައި ވާދަވެރި ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ގާއިމުކުރުމަށް ލިބޭ ރަނުގެ ފުރުސަތަކަށްވާނެ އެވެ.

މިއަހަރުގެ ކުރީކޮޅު ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން ފެށި އެމްއައިއެފްސީ އަކީ، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ދިވެހިރާއްޖޭގެ އިގްތިސާދު ތަފާތު ދާއިރާތަކަށް ފުޅާކުރުމަށްޓަކައި 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނޭ ތާރީހީ މަޝްރޫއެކެވެ. މުޅިން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ފަރުމާކޮށްފައިވާ ފައިނޭންޝަލް ފްރީޒޯނެއްގެ ގޮތުގައި ފަރުމާކުރެވޭ އެމްއައިއެފްސީގެ މަގްސަދަކީ ދުނިޔޭގެ މާލީ އިދާރާތަކާއި ފިންޓެކްގެ ދާއިރާއިން އީޖާދީ މަސައްކަތްކުރާ ފަރާތްތަކާއި ވިޔަފާރިވެރިންނާއި އަދި ޑިޖިޓަލް ދާއިރާގެ ހުނަރުވެރިން ރާއްޖެއަށް ގެނައުމެވެ. މުސްތަގްބަލަށް އަމާޒުކޮށްފައިވާ ގަވާއިދުތަކާއި، އިއާދަކުރުވަނިވި ހަކަތަ އާއި، ދިރިއުޅުމަށާއި، މަސައްކަތް ކުރުމަށާއި، އަދި މުނިފޫހިފިލުވުމަށް އެކަށޭނަ ފުރިހަމަ މާހައުލެއް ހިމެނޭ ގޮތަށް ފަރުމާކުރެވޭ އެމްއައިއެފްސީ. މެދުވެރިކޮށް މާލެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައިވާ އެންމެ ކުރިއަރާފައިވާ ބައިނަލްއަގްވާމީ ވިޔަފާރީގެ އަދި މާލީ މަރުކަޒަށް ވެގެންދާނެއެވެ.
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (މިފްސާ)
މިފްސާއަކީ އެމްއައިއެފްސީ ތަރައްގީކޮށް ކުރިއަރުވައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ސަރުކާރުގެ އިދާރާއެވެ. މިފްސާގެ ޒިންމާތަކުގެ ތެރޭގައި، ހަރުދަނާ ގަވާއިދުތަކާއި އޮނިގަނޑެއް ގާއިމުކުރުމާއި، ބައިނަލްއަގްވާމީ މިންގަނޑުތަކަށް އަމަލުކުރޭތޯ ކަށަވަރުކުރުމާއި، އަދި އެމް.އައި.އެފް.ސީ.އަކީ ބައިނަލްއަގްވާމީ މާލީ ދާއިރާގައި އިތުބާރު ހުރި، ވާދަވެރި މަންޒިލެއްގެ ގޮތުގައި ކުރިއަރައިގެން ދިޔުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމްއައިއެފްސީ.)
އެމްއައިއެފްސީ އަކީ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާ ގުޅިގެން ސަރުކާރުން އިސްނަގައިގެން ފަށާފައިވާ މަޝްރޫއެކެވެ. މުޅިން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ފަރުމާކޮށްފައިވާ މާލީ މިނިވަން މަންޒިލެއްގެ ގޮތުގައި، އެމް.އައި.އެފް.ސީ.ގެ މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ދިވެހި އިގްތިސާދު ތަފާތު ދާއިރާތަކަށް ފުޅާކުރުމަށްޓަކައި، ދުނިޔޭގެ މާލީ އިދާރާތަކާއި، ފިންޓެކްގެ އީޖާދުތަކާއި، އަދި ޑިޖިޓަލް ދާއިރާގެ ހުނަރުވެރިން ރާއްޖެއަށް ގެނައުމެވެ. 780،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ތަރައްގީކުރާ މި މަޝްރޫއުގެ ތެރޭގައި، ޒަމާނީ ފެންވަރުގެ ކޮންފަރެންސް ސެންޓަރަކާއި، ފާހަގަކޮށްލެވޭ ފަދަ ތިން މިކްސްޑް-ޔޫސް ޓަވަރާއި، ބައިނަލްއަގްވާމީ ހޮޓާތަކާއި، ބްރޭންޑެޑް ރެސިޑެންސްތަކާއި، ފިހާރަތަކާއި، އޯޝަނޮގްރަފިކް މިއުޒިއަމަކާއި، މިސްކިތަކާއި، އަދި އިންޓަރނޭޝަނަލް ސްކޫލެއް ހިމެނޭނެއެވެ. ދެމެހެއްޓެނިވިކަން އަސާސަކަށް ބަލައިގެން ބިނާކުރާ އެމް.އައި.އެފް.ސީ. ހިންގާނީ މުޅިންވެސް އިއާދަކުރުވަނިވި ހަކަތައިންނެވެ. އަދި ފަރުމާކޮށްފައިވަނީ ހިނގާބިގާވެ އުޅޭ މީހުންނަށް ފަސޭހަ، ކާރު ދުއްވުން މަނާ މާހައުލެއްގެ ގޮތުގައެވެ. މި މަޝްރޫއު 2030 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވާއިރު، ހިންގަން ފަށާތާ ފަސް ވަނަ އަހަރުގެ ނިޔަލަށް، އަހަރަކު އެއް ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދުމަށް ވަނީ އަމާޒު ހިފާފައެވެ.
އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް
އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އަކީ، އީޖާދީ ވިސްނުމާއި ސްޓްރެޓީޖިކް ގުޅުންތަކުގެ ތެރެއިން ދިގު މުއްދަތަށް ފައިދާ ހޯދުމަށް އަމާޒުކޮށް، ވިޔަފާރީގެ ހަތަރު ތަނބެއްގެ މައްޗަށް ބިނާކޮށްފައިވާ މަލްޓި-ފެމިލީ އޮފީހެކެވެ. މި ކުންފުނިން، ޓެކްނޮލޮޖީ އަދި ހޮސްޕިޓާލިޓީ ފަދަ ދާއިރާތަކުގައި ސީދާ އަދި އެހެނިހެން ފަރާތްތަކާއި ގުޅިގެން އިންވެސްޓްމަންޓްތައް ކުރުމުގެ އިތުރުން، މުއްސަނދި ފަރުދުންނަށް މުދާ ބެލެހެއްޓުމާއި ލަފާ ދިނުމުގެ ހިދުމަތްވެސް ފޯރުކޮށްދެއެވެ. އަދި ކެޕިޓަލް ހޯދުމާއި، ޕްރައިވެޓް އިކުއިޓީ ވެންޗަރތައް މެނޭޖްކުރުމާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަރުކާރުތަކާ ގުޅިގެން ޖޮއިންޓް ވެންޗަރތައް ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރެއެވެ. އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ އަމާޒަކީ، އެ ކުންފުނީގެ ބައިވެރިންނަށް ކުރިއެރުން ހޯދައިދީ، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ފައިދާތަކެއް ފޯރުކޮށްދިނުމެވެ.