އެމްޕީއެލްއިން ވަނީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް ވަޒީފާގެ ފުރުސަތު ދީފަ އެވެ. މިހާރުވެސް އެ ކުންފުނީގައި 32 ފަރާތެއް ވަޒީފާ އަދާކުރަމުން ގެންދެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަޒީފާ ދީފި އެވެ.
މީރުމާ މީޓިން ހޯލްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ފަހި ޕްރޮގްރާމް - "އެކުއެކީ ގުޅިގެން" ގެ ދަށުން 40 ފަރާތްތައް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެވެ.
މި ހަފުލާ ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސްގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުން ފަހިވެގެންދާ ވަޒީފާގެ ފުރުސަތުތަކުން އިންސާނީ ކަރާމަތް ހިމާޔަތްކުރުމަށް އިސްކަންދެވި، ހުރިހާ ދިވެހިންނަކީ ހަމަހަމަ ބައެއްކަން އަމަލީގޮތުން ސާބިތުވެގެންދާކަމަށެވެ. އަދި، މިއީ އެތައް ދިވެހި ރައްޔިތުންގެ ހިތްދަތި އިހްސާސްތަކާއި ވޭންތަކަށް ދެވުނު ފަރުވާއެއްކަމަށްވެސް އެކަމަނާ ފާހަގަކުރެއްވި އެވެ.
ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ތާރީޚީ ގޮތުންވެސް ގައުމުތަކާއި އިންސާނިއްޔަތުގެ ތަރައްގީއާއި ކުރިމަގަށް އަގުނުކުރެވޭ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތެއް ކަމަށެވެ އަދި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވަނީ އެ ފަދަ ފަރާތްތަކާއިމެދު ދެކޭ ނަޒަރިއްޔާތު ބަދަލުކޮށް، ގަދަރާއި، ހިތްވަރާއި، އެހީތެރިކަން ފޯރުކޮށްދީ، އަމިއްލަ އަސާސީ ބޭނުންތައް އަމިއްލަ މަސައްކަތުން ފުއްދުމުގެ އަބުރުވެރި ފުރުސަތު ފަހިވެގެން ދިޔުންކަމަށް އެކަމަނާ ވިދާޅުވި އެވެ.
އެމްޕީއެލް ކޯޕަރޭޓިވް ސާވިސްގެ ހެޑް އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި އެމްޕީއެލްއިން ވަރަށް ކުރިއްސުރެން ފެށިގެންވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދެމުން ގެންދާ ކަމަށާ، މިހާރުވެސް ދާއިމީ މަގާގުތަލުގައި 32 މީހަކު ވަޒީފާ އަދާކުރަމުންދާ ކަމަށެވެ. މީގެތެރޭގައި 10 އަހަރު ދުވަހު މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންވެސް އެބަތިބި ކަަށެވެ.
"މި ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެނީ ހަމައެކަނި މާލެއަކުން ނޫން، ހިތަދޫ އާއި ކުޅުދުއްފުށީ ޕޯޓުންވެސް އަޅުގަނޑުމެން ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްގެން،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިފަހަރު ވެސް ހިތަދޫ އާއި ކުޅުއްފުށީ ޕޯޓުންވެސް ފުރުސަތު ތަނަސް ކޮށްދޭނެ ކަމަށެވެ.
"އެމްޕީއެލްގެ މަގުސަދަކީ ވަޒީފާއަށް ވަންނަ ފަރާތްތައް ދާއިމީ އޮނިގަނޑު ތެރެއިން ދާއިމީކޮށް ދިނުން. މިވަގުތު ކޮންޓްރެކްޓްގައި ތިބި ނަމަވެސް، ހަމައެއާއެކު ސްކިލްސް ޑިވްލޮޕްމަންޓް އޮތޯރިޓީ އާއި އަޅުގަނޑުމެންގެ އިންސްޓިޓިއުޓް ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން މި ކުދިންނަށް ވަޒީފާގައި ތިބެގެން ސެޓްފިކެޓް ލެވަލްއަށް ސެޓިފިކެޓް ލިބޭނެ. އެކަމަށް މަސައްކަތް ކުރާނެ،" އަބްދުﷲ ވިދާޅުވި އެވެ.