ގޫގުލްގެ މަޝްރޫއުއަށް ކަނޑައަޅާފައިވަނީ، ހިތަދޫގައި އަލަށް ހިއްކި ބިމުން 15،000 އަކަ މީޓަރުގެ ބިމެކެވެ.

އައްޑޫ ސިޓީ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރުމަށް ގޫގުލްއިން ހިންގަން ނިންމާފައިވާ ބިޔަ މަޝްރޫއުއަށް ހިތަދޫން ބިމެއް ހަމަޖައްސައިފި އެވެ.
ގޫގުލްގެ މަޝްރޫއުއަށް ކަނޑައަޅާފައިވަނީ، ހިތަދޫގައި އަލަށް ހިއްކި ބިމުން 15،000 އަކަ މީޓަރުގެ ބިމެކެވެ.
ހައުސިން މިނިސްޓްރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެ ބިން، އިކޮނޮމިކް މިނިސްޓްރީގެ ނަން މައްޗަށް ބަދަލުކޮށްދޭން ސަރުކާރުން ވަނީ އައްޑޫ ސިޓީ ކައުންސިލްގައި އެދިފަ އެވެ.
އެނގިފައިވާ ގޮތުގައި، އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ރަސްމީ ޖަލްސާގައި އެ ބިމުން ކައުންސިލަށް އާމްދަނީ ނުލިބޭ ގޮތަށް ބިން ހަވާލުކުރަން ކައުންސިލް މެމްބަރުން ވަނީ ދެކޮޅު ހަދައިފަ އެވެ.
އެއާ އެކު ކައުންސިލުން އިއްޔެ ފާސްކޮށްފައިވަނީ، އެ ބިމުން ސަރުކާރަށް ލިބޭ އާމްދަނީ ކައުންސިލަށް ލިބޭ ގޮތް ހެދުމަށް ވަނީ ފާސްކޮށްފަ އެވެ.
އެ މަޝްރޫއުއާ ގުޅިގެން މިނިސްޓްރީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ހިތަދޫގައި ގާއިމްކުރާ ފެސިލިޓީ ވާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑުކުރުމުގެ ގާބިލުކަން ލިބިފައިވާ ފެސިލިޓީއަކަށެވެ. އެ މަޝްރޫއުގެ ސަބަބުން ރާއްޖެ ވާނީ އޭޝިއާ، އޯޝަނިއާ، އެފްރިކާ، މެދުއިރުމަތި، އަދި ޔޫރަޕް ގުޅުވައިދޭ އިތުބާރު ހުރި ޑިޖިޓަލް ގޭޓްވޭއަކަށް ކަމަށް ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ މި ފެސިލިޓީއާއެކު، އިންޑިއާ ކަނޑުގެ ޑިޖިޓަލް ކަނެކްޓިވިޓީ ކޮރިޑޯގައި ރާއްޖެ މައި ހަބެއްގެ ގޮތުގައި ގާއިމުވުމަށް ފުރުސަތު ލިބޭ ކަމަށެވެ. މާލޭގެ އިތުރުން، ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓާއި ހިތަދޫގައި ގާއިމުކުރާ އިންޓަނޭޝަނަލް ކަނެކްޓިވިޓީ ޕޮއިންޓުތަކާއެކު، ރާއްޖޭގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިވެ، ސަރަހައްދީ މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.