ރިޓަޔާވެވަޑައިގަތުމަށް ޖޭއެސްސީއަށް ފަނޑިޔާރު ނިޔާޒު ހުށަހެޅުއްވީ މިދިޔަ އާދީއްތަ ދުވަހު އެވެ. އޭނާގެ ރިޓަޔަމެންޓް ގަބޫލުކުރަން ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު، ރިޓަޔާވެވަޑައިގަތުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފި އެވެ.
ރިޓަޔާވެވަޑައިގަތުމަށް ޖޭއެސްސީއަށް ފަނޑިޔާރު ނިޔާޒު ހުށަހެޅުއްވީ މިދިޔަ އާދީއްތަ ދުވަހު އެވެ. އޭނާގެ ރިޓަޔަމެންޓް ގަބޫލުކުރަން ޖޭއެސްސީން ވަނީ ނިންމާފަ އެވެ.
މިދިޔަ މަހު ޖޭއެސްސީގެ ނައިބް ރައީސް ކަމުން އިސްތިއުފާ ދެއްވި ފަނޑިޔާރު ނިޔާޒު ރިޓަޔާ ކުރައްވާ ސަބަބު ސާފެއް ނުވެ އެވެ. ނަމަވެސް ރިޓަޔާ ކުރައްވަނީ ގިނަ ދުވަހު މަސައްކަތް ކުރެއްވުމާއި ސިއްހީ ސަބަބުތަކާހުރެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ނިޔާޒު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކޮށްފައި ވަނީ ޖެނުވަރީ 25، 2018 ގައެވެ. އޭގެ ކުރިން އޭނާ ވަނީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ވެސް ކުރައްވާފަ އެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަން ވެސް ކުރައްވާފައިވެ އެވެ.
ޖޭއެސްސީގެ ނާއިބު ރައީސް ކަމަށް ނިޔާޒު އައްޔަނު ކުރީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. މިދިޔަ މަހުގެ 22 ގައި މަގާމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ފަނޑިޔާރު ނިޔާޒު ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފައި ވަނީ ޝަރުއީ ދާއިރާގައި 23 އަހަރު މަސައްކަތް ކުރެއްވުމަށްފަހު އެވެ.