ކޮމިޓީ ރިޕޯޓުގެ ބަހުސް ނިންމައި، އަންނަ ހަފްތާގެ ތެރޭގައި މަަޖިލީހުގެ ތަޅުމުން ބަޖެޓު ފާސްކުރާނެ ކަމަށް ބެލެވޭ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް، މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވަނީ 64 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރު ދައުލަތުން ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 7.4 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ.
ބަޖެޓު ދިރާސާ ކުރުމުގެ މަރުހަލާ ކުރިއަށްދިޔަ އިރު، އެ ކޮމިޓީން ވަނީ އޮޑިޓާ ޖެނެރަލް، ގަވަރުނަރު، ފިނޭންސް މިނިސްޓަރު އަދި މިނިވަން މުއައްސަސާތަކާ ވެސް ބައްދަލުކޮށް، އިތުރު މައުލޫމާތު ސާފުކޮށްފަ އެވެ.
މިގޮތުން، ގިނަ މިނިވަން މުއައްސަސާތަކުން ވަނީ މިހާރު ކަނޑައަޅާފައިވާ ބަޖެޓު ކުޑަކަމުން، ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރަން ވެސް ދަތިވާނެކަމުގެ ކަންބޮޑުވުން ކޮމިޓީއާ ހިއްސާކޮށްފަ އެވެ.
ކޮމިޓީ މަރުހަލާގައި މިނިވަން މުއައްސަސާތަކުން ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށް ފިނޭންސް މިނިސްޓްރީން ވަނީ އެކަންކަން ހައްލުކުރެވޭނެ ގޮތްތައް ހުށަހަޅައިފަ އެވެ. އެގޮތުން އެއްވެސް މުއައްސަސާއެއްގެ ގާނޫނީ ޒިންމާ އަދާކުރަން ދަތިވެއްޖެނަމަ ކޮންމެހެން ބޭނުންވާ ފައިސާ މުޅި ބަޖެޓުގެ ތެރެއިން ޖާގަހޯދައިގެން ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ކޮމިޓީއަށް ދީފަ އެވެ.
އެއާ އެކު، ބަޖެޓުގެ ޖުމްލަ އަދަދެއް އުނިއިތުރެއް ނާންނަގޮތަށް ކޮމިޓީން ވަނީ އިސްލާހުތަކެއް ވަނީ ގެނެސްފަ އެވެ.
މިގޮތުން، ކޮމިޓީން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި މަޖިލީހުގެ އިދާރާގެ ބަޖެޓުގެ ގޮތުގައި 3.5 މިލިޔަން ރުފިޔާ ހާއްސަ ބަޖެޓުގެ ތެރެއިން އިތުރުކުރުމަށް ވަނީ ފާސްކޮށްފަ އެވެ.
އަދި ދައުލަތުގެ އޮފީސްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަަމަށް ހައްލެއް ހޯދައި ކުއްޔަށް ކުރާ ހަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުގެ އިތުރު އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް އަވަސްކުރުމަށް އެންގުމަށްވެސް ފާސްކުރި އެވެ.
ނަމަވެސް، ސަރުކާރުން ހުށަހެޅި ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް، މިއަދު މެންދުރު ބޭއްވި ބައްދަލުވުމުގައި ބަޖެޓު ފާސްކޮށްފައިވަނީ 22 މެމްބަރުން ތިއްބަވާ އެ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ. ބަޖެޓު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ހަތަރު މެމްބަރުންނެވެ.
މަޖިލީހުގެ ބަޖެޓު ބަހުސް މިހާރު ނިމިފައިވާއިރު، ބަޖެޓު ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރަން ކޮންމެ މެމްބަރަކަށް ގިނަވަގެން ހަތް މިނެޓު ދޭން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އެހެންކަމުން، ކޮމިޓީ ރިޕޯޓުގެ ބަހުސް ނިންމައި، އަންނަ ހަފްތާގެ ތެރޭގައި މަަޖިލީހުގެ ތަޅުމުން ބަޖެޓު ފާސްކުރާނެ ކަމަށް ބެލެވެ އެވެ.
އަންނަ އަހަރު ދައްކަން ޖެހޭ އެންމެ ބޮޑު އަދަދުގެ ޖުމްލަ 600 މިލިއަން ޑޮލަރަށް އަރަ އެވެ. މީގެތެރޭގައި ހިމެނެނީ ސުކޫކް ރީޕޭމަންޓުގެ ގޮތުގައި އަދާކުރަން ޖެހޭ 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) ގެ ސޮވެރިން ސުކޫކް ބޮންޑެއްގެ އިތުރުން ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑުގެ ގޮތުގައި އަދާކުރަން ޖެހޭ 100 މިލިއަން ގެ ޕްރައިވެޓް ޕްލޭސްމަންޓް ބޮންޑެއްގެ ރީޕޭމަންޓެވެ.