ސަރުކާރު ހިންގާ ޕީއެންސީގެ ބައެއް މެމްބަރުން ވަނީ އެ އިސްލާހު ގެންނަން ނުފެންނަކަމަށް ވިދާޅުވެ، އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ

ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީއެއް ތަމްސީލު ކުރައްވާ މެމްބަރުން، ޕާޓީން ވަކިކުރާ ނުވަތަ ޕާޓީ ބަދަލުކުރާ ހާލަތުގައި މެމްބަރުކަމުގެ ގޮނޑި ގެއްލުވާލުމުގެ ކުރިން، އެ ދާއިރާގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓެއް ނަގަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި އިސްލާހު ބަލައިގަންނަން 56 މެންބަރުން ވޯޓު ދެއްވި އެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
ނަމަވެސް، ސަރުކާރު ހިންގާ ޕީއެންސީގެ ބައެއް މެމްބަރުން ވަނީ އެ އިސްލާހު ގެންނަން ނުފެންނަކަމަށް ވިދާޅުވެ، އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.
އެ މެމްބަރުން ވިދާޅުވި ގޮތުގައި، ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު އެ ޕާޓީއަކުން ވަކިވުމުން އެ ހުރީ ގޮނޑި ގެއްލިފައި ކަމަށާއި ގޮނޑި ގެއްލުނީމަ އަލުން ބޭނުމިއްޔާ އިންތިހާބުގައި ވާދަކުރަންވީ އެވެ.
މަޖިލީސް މެންބަރުން އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުމުން ގޮނޑި ގެއްލުމާއި، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.
=ސަރުކާރުގެ ފަރާތުން ޝުޖާއު ހުށަހަޅުއްވާފައިވަނީ، މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކަމުން ވަކިކުރެވޭނީ، އެ މެމްބަރަކު ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓެއް ނަގައި، އެ މެމްބަރަކު މެމްބަރުކަމުން ވަކިކުރުމަށް އަޣުލަބިއްޔަތު ލިބިގެންނެވެ.
އަދި އެ އާންމު ވޯޓުގައި މެމްބަރަކު ވަކިކުރަން ވޯޓުލާ މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެމްބަރަކު މަޖިލީހުގައި ދެމިހުންނަވާނީ، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރެއްގެ ގޮތުގައި ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
ނަމަވެސް، މަޖިލީހުގެ އެ އުމުރުގެ ތެރޭގައި އެ މެމްބަރަކު ސިޔާސީ ޕާޓީގެ މެމްބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މެމްބަރުކަމުން ވަކިވާނެ ކަމަށް ވެސް ކަނޑައަޅަން ޝުޖާއު ވަނީ ހުށަހަޅުއްވައިފަ އެވެ.