މިނިސްޓްރީން ބުނީ ކެޓަނޭޓް ޕްރޮޖެކްޓުގެ ދަށުން އިއްޔެ ސޮއި ކުރި އެއްބަސްވުމުގެ ދަށުން ކޯސް ފަރުމާކުރުމަށްފަހު ކޯސް ފުރިހަމަކުރުމަށް ދަރިވަރުންނަށް ސްކޮލަޝިޕް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް މެނޭޖުކުރުމާ ގުޅޭގޮތުން ޑިޕްލޮމާ ކޯހެއް ފަރުމާ ކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއީ ކެޓަނޭޓް ނުވަތަ "ކޮންޒަވޭޝަން އޮފް އެޓޯލް އިކޯސިސްޓަމްސް ތްރޫ އޭން އިފެކްޓިވްލީ މެނޭޖްޑް ނޭޝަނަލް ޕްރޮޓެކްޓެޑް އޭރިއާ އެސްޓޭޓް" ޕްރޮޖެކްޓުގެ ގެ ދަށުން ސޮއިކުރި އެއްބަސްވުމެކެވެ.
ކެޓަނޭޓް ޕްރޮޖެކްޓުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ފަރުތަކާއި އަދި އެހެނިހެން މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އެންމެ އެކަށީގެންވާ އަދި ހަމަހަމަ އުސޫލުން ބަލަހައްޓާ މެނޭޖުކުރެވޭފަދަ ސަރަހައްދުތަކުގެ ވިލުންވެރި ނެޓްވާކެއް ދިވެހިރާއްޖޭގައި ގާއިމްކުރުމެވެ. އަދި މިޕްރޮޖެކްޓަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ ހިލޭ އެހީގެ ދަށުން އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ހިންގާ ޕްރޮޖެކްޓެކެވެ.
މިނިސްޓްރީން ބުނީ ކެޓަނޭޓް ޕްރޮޖެކްޓުގެ ދަށުން އިއްޔެ ސޮއި ކުރި އެއްބަސްވުމުގެ ދަށުން ކޯސް ފަރުމާކުރުމަށްފަހު ކޯސް ފުރިހަމަކުރުމަށް ދަރިވަރުންނަށް ސްކޮލަޝިޕް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި، ކެޓަނޭޓް ޕްރޮޖެކްޓުން ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ކޯހުގެ މޮޑިއުލްތަކަށް ބިނާކޮށް ކުރު މުއްދަތުގެ ޓްރެއިނިން ތައްޔާރުކޮށް، ކައުންސިލް އިދާރާތަކާއި ސަރުކާރުގެ ވުޒާރާތަކާއި، ފުލުސް އަދި އެހެނިހެން ތަންފީޒީ އިދާރާތަކަށް އަމާޒުކޮށްގެން ކުރު މުއްދަތުގެ ޓްރެއިނިންތައް ހިންގާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ކެޓަނޭޓް ޕްރޮޖެކްޓު އަމާޒުކޮށްފައި ވަނީ މިހާތަނަށް ބޮޑުތިލަދުންމަތިން ހިމާޔަތްކޮށްފައިވާ 15 ސަރަހައްދަށް ކަމަށްވާތީ، ޕްރޮޓެކްޓެޑް އޭރިއާ ކޯހަށް ސޮކޮލަޝިޕް ދިނުމުގައި އެ ސަރަހައްދުން ޝައުގުވެރިކަން ފާޅުކުރާ ދަރިވަރުންނަށް އިސްކަންދޭނެ އެވެ.
އަދި ހާއްސަ ފޯކަސް ސަރަހައްދެއްގެ ގޮތުގައި މި ޕްރޮޖެކްޓުގައި ށ. ފަރުކޮޅު ހިމަނާފައިވެ އެވެ. އެއީ ނޭޗާ ޕާކެއް ތަރައްގީ ކުރާގޮތަށް، އެ ނޭޗާ ޕާކަށް ބޭނުންވާ ސްޓާފުން ނެގުމުގައިވެސް މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖެ ފަދަ ނާޒުކު ޖަޒީރާ ގައުމަކަށް ޙިމާޔަތްކުރާ ސަރަހައްދުތައް މެނޭޖުކުރުމަކީ މޫސުމީ ބަދަލުތަކަށް ހޭނުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރުވާ ކަމެއް ކަމަށާއި، އެހެންކަމުން އެ ދާއިރާއިން މީހުން ބިނާކުރުމަކީ އިންތިހާއަށް މުހިއްމު ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.