"އެ ކަންކަން ނިމިގެން ދާއިރުގައި ދިވެހި ރައްޔިތުން ވަރަށް މަދު ކަމެއްގައި ނޫނީ ރާއްޖޭން ބޭރަށް ހިދުމަތް ހޯދާކަށް ދާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވި

މަދުކަމަކަށް ފިޔަވައި، ސިއްހީ ފަރުވާ ހޯދަން ރާއްޖޭން ބޭރަށް ދާންޖެހުން މަދުކުރަން، ސިއްހީ ފަރުވާގެ ނިޒާމު ތަރައްގީ ކުރުމަށް އަމާޒު ހިފައިގެން މަސައްކަތް ކުރަމުންދާކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ހަފްލާގައި، ރައީސް ވަނީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ތަރައްގީގެ އިތުރުން ހަމަޖެހުމާއި އިޖުތިމާއީ ރައްކާތެރިކަމަށް ކުރެވިފައިވާ އަދި ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުތައް ހިއްސާކޮށްދެއްވައިފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓުގައި އެންމެ އިސްކަންދޭނީ ސިއްހީ ދާއިރާއަށް ކަމަށް ކުރިން ވިދާޅުވެފައިވާ ވާހަކައަށް އިޝާރާތް ކުރައްވައި، މާލެއަށް އިންސާނީ ވަސީލަތުގެ ގޮތުން އެތައް މުވައްޒަފުންނެއް ހޯދައިދީ، އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާއި ހުޅުމާލެ ހޮސްޕިޓަލް ތަރައްގީ ކުރުމަށްޓަކައި އެތައް މަސައްކަތެއް ކުރެވިފައިވާ ރައީސް ފާހަގަކުރެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ބަޖެޓުގައި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގައި ސްޕެޝަލިޓީ ވަރަށް ގިނަ ހިދުމަތްތައް ގާއިމުކުރުމަށް ވަނީ ހިމަނާފަ އެވެ.
"އެ ކަންކަން ނިމިގެން ދާއިރުގައި ދިވެހި ރައްޔިތުން ވަރަށް މަދު ކަމެއްގައި ނޫނީ ރާއްޖޭން ބޭރަށް ހިދުމަތް ހޯދާކަށް ދާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
އެ އަމާޒަށް ވާސިލުވުމަށް ބަޖެޓުގައި ސިއްހީ ދާއިރާގެ ޕްރޮޖެކްޓުތަކަށް 500 މިލިއަން ރުފިޔާއާއި އެކްޓިވިޓީތަކަށް 331 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. އެހެންކަމުން، އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް ޖުމުލަ 831 މިލިއަން ރުފިޔާ ވަނީ ހާއްސަކޮށްފަ އެވެ.