ޓްރަމްޕްގެ ޣައްޒާ ސުލްހައިގެ ޕްލޭނަށް އދ. ސަލާމަތީ މަޖިލީހުގެ ތާއީދު | ފަލަސްތީނުގެ މިނިވަން ދައުލަތަކަށް މަގު ކޮށޭނެ

މި ޕްލޭނުން ފަލަސްތީނުގެ ހައްގުތައް ރައްކާތެރިނުކުރެވޭ ކަމަށް ބުނެ، ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ވަނީ މި ޕްލޭން ބަލައިގަންނަން ދެކޮޅު ހަދައިފަ

ފަލަސްތީނުގެ ޣައްޒާގައި ސުލްހަ ގާއިމުކޮށް، އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ލާއިންސާނީ އުދުވާނު ނިމުމަކަށް ގެނައުމަށްޓަކައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުށަހަޅުއްވާފައިވާ ޕްލޭނަށް އދ.ގެ އެންމެ ބާރުގަދަ ގުނަންކަމަށްވާ ސަލާމަތީ މަޖިލީހުން ފާސްކޮށްފި އެވެ. 

ޖުމްލަ 20 ނުކުތާއެއްގެ މައްޗަށް އެކުލެވޭ މި އެއްބަސްވުމުގެ ދަށުން، ޣައްޒާގައި އަމަން ބަލަހައްޓާނެ ބައިނަލްއަގުވާމީ ފައުޖެއް އެކުލަވައިލަން ވަނީ ހިމަނައިފަ އެވެ.

މިސްރާއި އިޒްރޭލުގެ ސީދާ ބެލުމުގެ ދަށުން ހަރަކާތްތެރިވާނެ އެ ފައުޖަށް ސިފައިން ފޯރުކޮށްދޭން ގިނަ ގައުމުތަކަކުން ހުށަހަޅާފައިވާކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ސުލްހައިގެ ޕްލޭނަށް އދ.ގެ ސަލާމަތީ މަޖިލީހުގެ 13 ގައުމަކުން ވަނީ ތާއީދުކޮށްފަ އެވެ. ނަމަވެސް، ވީޓޯ ކުރުމުގެ ބާރު އޮތް، ޗައިނާ އަދި ރަޝިއާއިން ވަކިކޮޅަކަށް ވޯޓު ދީފައެއް ނުވެ އެވެ. 

މިއީ ޣައްޒާގައި ހަމަލާތައް ހުއްޓައިލުމަށް މިހާރު އަމަލުކުރަމުންދާ ވަގުތީ އެއްބަސްވުން ދާއިމީކޮށް، ދެމެހެއްޓެނިވި ހަމަޖެހުން ގެނައުމަށް އެޅުނު ތާރީހީ ފިޔަވަޅެއްގެ ގޮތުގައި، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭސް ވަނީ ސިފަކުރައްވައިފަ އެވެ.

ނަމަވެސް، މި ޕްލޭނުން ފަލަސްތީނުގެ ހައްގުތައް ރައްކާތެރިނުކުރެވޭ ކަމަށް ބުނެ، ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ވަނީ މި ޕްލޭން ބަލައިގަންނަން ދެކޮޅު ހަދައިފަ އެވެ. 

އަމަން ބަލަހައްޓާނެ ބައިނަލްއަގުވާމީ ފައުޖެއްގެ އިތުރުން، ފަލަސްތީނުގެ ފުލުހުން ވެސް ތަމްރީން ކުރުން އެ ޕްލޭންގައި ހިމެނެ އެވެ. މިކަމުގެ އާހިރު އަމާޒަކީ، ހަމާސްގެ މުޖާހިދުން ހަތިޔާރު ބަހައްޓައި، ޣައްޒާގެ ހިންގުން ޕަލަސްތީނިއަން އޮތޯރިޓީގެ އަތްމައްޗަށް ދޫކޮށްލުމެވެ. 

ޓްރަމްޕްގެ މި ޕްލޭންގައި، އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން ބިނާކުރުމުގެ މަގުޗާޓު ވެސް ވަނީ ހިމަނައިފަ އެވެ.

މިގޮތުން، ބައިނަލްއަގުވާމީ ހާއްސަ ކޮމިޓީއެއް އުފައްދައި، ވޯލްޑް ބޭންކުގެ ހާއްސަ ފަންޑެއް ގާއިމުކޮށް، ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތްތައް ކުރުމަށް ވަނީ ނިންމައިފަ އެވެ. 

ނަމަވެސް، އަރަބި އިސްލާމީ ގައުމުތަކުން އިސްވެ، މި ޕްލޭންގައި ހިމަނާފައިވާ އެންމެ މުހިންމު ކަމަކީ، މުސްތަގުބަލުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރެވޭނެ މަގުކޮށުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.