އާ ގާނޫނާއެކު ގިނަ ޒުވާނުން ގޭންގުތައް ދޫކޮށް، އާދައިގެ ދިރިއުޅުމެއް ހޯދައިފި: ރައީސް

ގޭންގް ކުށް ހުއްޓާލައިފި، މިހާރު އެ ބޭފުޅުން އެ ކުދިން ޒުވާނުން މިހާރު ވިޔަފާރި ކުރުމާއި އަބުރުވެރި ދިރިއުޅެއް އުޅެވޭތޯ ނޯމަލް ލައިފްއަކަށް ގޮސްފި

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ހަފްލާގައި، ރައީސް މުއިއްޒު. --ފޮޓޯ: މިހާރު ނޫސް

މީގެ ކުރިން ގޭންގުތަކާ ގުޅިގެން ކުށްކުރުމުގައި އުޅުނު ޒުވާނުން، ގޭންގުތައް ދޫކޮށް، އާދައިގެ ދިރިއުޅުމެއް ހޯދައިފިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ހަފްލާގައި، ރައީސް ވަނީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ތަރައްގީގެ އިތުރުން ހަމަޖެހުމާއި އިޖުތިމާއީ ރައްކާތެރިކަމަށް ކުރެވިފައިވާ އަދި ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުތައް ހިއްސާކޮށްދެއްވައިފަ އެވެ. 

އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމުގައި، ގޭންގުތަކުން ކުށްކުރުމުގެ ޒަމާންވީ މައްސަލައަށް ހައްލު ހޯދުމަށް ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް މި ސަރުކާރުން ގެނައި ވަރުގަދަ އިސްލާހުތަކުގެ ހެޔޮ ނަތީޖާ މިހާރު ވެސް ފެންނަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

"ހޯމް މިނިސްޓަރު ވަރަށް އުފާވެފައި ވިދާޅުވީ މިހާރު ނެތޭ، ތިމަންނަމެން ޕީޖީއަށް ފޮނުވައިގެން، ޕީޖީ ވިދާޅުވެއްޖެއޭ ނެތޭ އަދި ތި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް މިހާރު، ކުރީގައި މި ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި، ގޭންގް ކުށް ހުއްޓާލައިފި، މިހާރު އެ ބޭފުޅުން އެ ކުދިން ޒުވާނުން މިހާރު ވިޔަފާރި ކުރުމާއި އަބުރުވެރި ދިރިއުޅެއް އުޅެވޭތޯ ނޯމަލް ލައިފްއަކަށް ގޮސްފި،" ރައީސް ވިދާޅުވި އެވެ. 

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ގޭންގު ކުށްތައް ހުއްޓުވުމަށް ހަރުކަށި އަދަބު ދެވޭ ގޮތަށް ގާނޫނެއް ވުޖޫދުކުރީ، އެއްވެސް ހާލަތެއްގައި އަދަބު ދިނުމުގެ ބޭނުމުގައެއް ނޫނެވެ.

އޭގެ ބަދަލުގައި، ސަރުކާރުގެ އަމާޒަކަށްވީ، ކުށްތަކަށް އަރައިގަތުން ހުއްޓާލައި، އާދައިގެ ދިރިއުޅުމެއް ހިޔާރުކުރަން އެފަދަ ޒުވާނުންނަށް ބާރު އެޅުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެއާ އެކު، ގޭންގުތަކުގައި މިވަގުތު ތިބި ޒުވާނުން ވެސް، އެކަން ދޫކޮށްލައި، މި ސަރުކާރުން ފަހިކޮށްދީފައިވާ ވަޒީފާ އާއި ތައުލީމުގެ ފުރުސަތުތަކުގެ ބޭނުން ހިފައި، ގައުމު ދެކެ ލޯބިވާ، އުފެއްދުންތެރި މަސައްކަތެއް ކުރާ ބަޔަކަށް ވުމުގެ މަގު ހިޔާރުކުރުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.