ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން މިހާރު ކުރިއަށްދާ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގޫގުލްއިން މި އިންވެސްޓްމަންޓް އަންނަން މެދުވެރިވީ 2024 ވަނަަ އަހަރު އެމެރިކާއަށް ކުރި ޒިޔާރާތުގައި ކުރެއްވި މަޝްވަރާއެއްގ

ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ގޫގުލްއިން ރާއްޖޭގައި އިންވެސްޓް ކުރަން ނިންމައި، އިންޓަނޭޝަނަލް ސަމްބެރިން ކޭބަލް ސްޓޭޝަނެއް ހެދުމާއެކު، އިތުރު އިންވެސްޓަރުން އަންނަން މަގުފަހިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގޫގުލް އިން މިކަން އިއުލާނުކޮށްފައިވަނިކޮށް ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން މިހާރު ކުރިއަށްދާ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގޫގުލްއިން މި އިންވެސްޓްމަންޓް އަންނަން މެދުވެރިވީ 2024 ވަނަަ އަހަރު އެމެރިކާއަށް ކުރި ޒިޔާރާތުގައި ކުރެއްވި މަޝްވަރާއެއްގެ ދަށުންނެވެ. މިއީ ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް އަންނަން މަގު ފަހި ވެގެންދާނެ ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވި އެވެ.
ގޫގުލްގެ އިންވެސްޓްމަންޓާ ބެހޭ ގޮތުން، ކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ވަޑައިގެން، ގޫގުލްގެ އިސް ވެރިންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހު، ގޫގުލްއިން ނިންމި ނިންމުމެއް ކަމަށެވެ.
އެ ނިންމުމުގެ ސަބަބުން، ދުނިޔޭގައި ކުރިއަރަމުންދާ ޓެކްނޮލޮޖީއާއި އިނޮވޭޝަންގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާ ކުރުމަށް މަގުފަހިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ހިތަދޫގައި ގާއިމްކުރާ ފެސިލިޓީ ވާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑުކުރުމުގެ ގާބިލުކަން ލިބިފައިވާ ފެސިލިޓީއަކަށެވެ. އެ މަޝްރޫއުގެ ސަބަބުން ރާއްޖެ ވާނީ އޭޝިއާ، އޯޝަނިއާ، އެފްރިކާ، މެދުއިރުމަތި، އަދި ޔޫރަޕް ގުޅުވައިދޭ އިތުބާރު ހުރި ޑިޖިޓަލް ގޭޓްވޭއަކަށް ކަމަށް ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ މި ފެސިލިޓީއާއެކު، އިންޑިއާ ކަނޑުގެ ޑިޖިޓަލް ކަނެކްޓިވިޓީ ކޮރިޑޯގައި ރާއްޖެ މައި ހަބެއްގެ ގޮތުގައި ގާއިމުވުމަށް ފުރުސަތު ލިބޭ ކަމަށެވެ. މާލޭގެ އިތުރުން، ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓާއި ހިތަދޫގައި ގާއިމުކުރާ އިންޓަނޭޝަނަލް ކަނެކްޓިވިޓީ ޕޮއިންޓުތަކާއެކު، ރާއްޖޭގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިވެ، ސަރަހައްދީ މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"ގޫގުލްގެ މި އިންވެސްޓްމެންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ދިވެހިރާއްޖޭގައި އިންވެސްޓު ކުރުމަށް ޝައުގުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާނެއެވެ. އަދި ކްލައުޑް ސާވިސަސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް، އަދި ޓެކްނޮލޮޖީ ސްޓާޓް އަޕްސް ފަދަ ދާއިރާތައް ދިވެހިރާއްޖޭގައި އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު އޮތް މިންވަރު ދައްކުވައިދެއެވެ،" ބަޔާނުގައި ވެ އެވެ.