ރައީސް މުއިއްޒު ވެރިކަމަށް އައިއިރު ރޭޓިން ދަށްވެ، ލޯނު ހޯދުމުގެ މަގުތައް ރާއްޖެއަށް އޮތީ ބަންދުވެފަ އެވެ. ރިޒާވް އޮތީ ދަށުގަ އެވެ. ކައިރި ކައިރީގައި ލޯނު ދައްކަން މަޖުބޫރުކޮށްފަ އެވެ. މިހުރިހާ ގޮންޖެހުންތައް ދެ އަހަރުން އަރައިގެންފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވެ، ސަރުކާރުގެ ހުންގާނުގައި ހިފިއިރު އިގްތިސޯދު އޮތީ ރަނގަޅު ހާލެއްގައެއް ނޫނެވެ. ރާއްޖޭގެ ދަރަނި މަތިވަމުން ގޮސް ހުރި އެންމެ މަތީގަ އެވެ. ރާއްޖޭގެ ދަރަނި މަތިވުމުގެ ސަބަބުން ދުނިޔޭގެ ހުރިހާ މާލީ އިދާރާތަކުން އޮތީ "ރަތް ސަމާލު" ނެރެފަ އެވެ. ރާއްޖެ ކްރެޑިޓް ރޭޓްކޮށްފައިވާ މޫޑީސް އާއި ފިޗުގެ ރޭޓިން ކުރީ ފަސް އަހަރު ދަށްވުމުގެ ސަބަބުން ސަރުކާރުގެ އިތުރުން ޕްރައިވެޓް އަމިއްލަ ވިޔަފާރިތަކަށް ވެސް އޮތީ އިންތިހާއަށް ދުއްތުރާ ކުރިމަތިވެފަ އެވެ. މި ދަަށްވުމާއެކު ރައީސް ޑރ. މުއިއްޒު ކިތަންމެ ބޮޑެތި ވައުދުތަކެއް ހިފައިގެން ވެރިކަމަށް ވަަޑައިގަތް ނަމަވެސް އެކަން ކުރަން ގައުމުގެ މާލީ ހާލަތު ތަނެއް ނުދިނެވެ. ނަމަވެސް އެކަން ނުކޮށްވާނެ ގޮތެއްވެސް ނެތެވެ. ކުޑަރަށެއް ބޮޑު ރަށެއް ނުބަލައި އެމްޑީޕީ ސަރުކާރުން ފަށައި ހުއްޓިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހެ އެވެ. ނަމަވެސް ބަޖެޓުގައި ފައިސާއެއް ނެތެވެ، ދަަރަނި ނަގަން ފިސްކަލް ކަރުދާސް ތަކުން ފުރުސަތެއް ނުވެ އެވެ.
އިގްތިސޯދީ މާހިރުންގެ ނަޒަރުގައި މި ސަރުކާރަށް ކުރިމަތިވި އިގްތިސޯދީ ހުރަސްތައް މިހާތަނަށް ވެރިކަމަށް އައި އެއްވެސް ސަރުކާރަކަށް ކުރިމަތިވެފައެއް ނެތެވެ.
"ރަނގަޅު އިގްތިސޯދު ގޯހެއް ނޫން. އިގްތިސޯދަކީ ޓޫރިޒަމް ކަމަށް ވަންޏާ ދުނިޔެ ރަނގަޅީއްޔާ އެ އޮންނާނީ ގިނަ ފަހަރު ރަނގަޅަށް. އެކަމަކު ސަރުކާރު ހިންގުމާއެކު ރައްޔިތުންނަށް ހިދުމަތް ކުރަން ދައުލަތުގެ މާލީ ނިޒާމުގެ ތެރޭން ހުރި ފުރުސަތުތައް ހަނިވެފައި އޮތުމަކީ މި ސަރުކާރަށް ކުރިމތިވި އެންމެ ބޮޑު ގޮންޖެހުމެއް،" މިދިޔަ ސަރުކާރުގައި ފިނޭންސް މިނިސްޓްރީގައި އިސް މަގާމެއް ފުރުއްވި ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒުގެ މިދިޔަ ދެ އަހަރުތެރޭގައި އިގްތިސޯދަށް ކުރިމަތިވި ގޮންޖެހުންތަކުގެ މަންޒަރެއް ފެންނަނީ މޫޑީސް އާއި ފިޗުގެ ރޭޓިން ބަލައިލުމުންނެވެ. މި ރޭޓިންއަކީ ހަމައެކަނި އެކަނި ކަރުދާސްކޮޅެއް ނޫނެވެ. މިއީ ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ވިޔަފާރިއާވެސް ގުޅުންހުރި މިދިޔަ ދެ އަހަރު (ގާތްގަނޑަކަށް 2023 ގެ ތެރޭގައި ފެށިގެން 2025 އަށް) ރާއްޖޭގެ ރޭޓިންގެ ހާލަތަކީ ވަރަށް ބޮޑަށް ނާޒުކުވެފައިވާ އަދި ބޮޑެތި އިގްތިސޯދީ ގޮންޖެހުންތަކުގެ ސަބަބުން ދަށަށް ދާން ފެށި ދުވަސްވަރެކެވެ. މީގެ ނަތީޖާއަކީ ކުރީ ފަސް އަހަރު ކަންކަން ކުރި ގޮތެވެ.
ރޭޓިން ދަށްވުމުގެ މައިގަނޑު ސަބަބުތައް - މައިގަނޑު ސަބަބަކީ ދަރަނި ބޮޑުވުން ގައުމީ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި އިންތިހާއަށް މަތީގައި ހުރުމެވެ. މީގެ އިތުރުން ބޭރު ފައިސާގެ ނާޒުކުކަން މި ވެރިކަން ފެށުނުއިރު އޮތުމެވެ. ބޭރުގެ ލޯނުތައް އަނބުރާ ދެއްކުމަށް ބޭނުންވާ ޑޮލަރު ލިބުމުގައި މި ވެރިކަން ފެށުނުއިރު އޮތުމެވެ. މެޗުއަވާ ބޮޑެތި ލޯނުތައް ރިފައިނޭންސް (އަލުން ލޯނު ހޯދުން) ކުރުމުގައި އޮތް ނުތަނަވަސް ކަމެވެ. މީގެ އިތުރުން ފިސްކަލް ޑެފިސިޓް ބޮޑުވުމެވެ. ސަރުކާރުގެ ޚަރަދު، އާމްދަނީއަށް ވުރެ ބޮޑުވެ ބަޖެޓުގެ ގެއްލުން މަތީގައި ހިފެހެއްޓިފައި ހުރުމެވެ. މި ހުރިހާކަމެއްވެސް މިދިޔަ ދެ އަހަރަށް ލައްވާލާފައިވަނީ އިގްތިސޯދު މެނޭޖުކުރުމުގައި ކުރިން ގެންގުޅުނު ކަން ފަސޭހަ ގޮތުގެ ސަބަބުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ފެށުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 64.3 ބިލިއަން ރުފިޔާ ޖީޑީޕީގެ ނިސްބަތުން ގާތްގަނޑަކަށް 68 ޕަސެންޓްގަ އެވެ. ނަމަވެސް ވެރިކަން ނިމިގެން 2023 ގައި ކަރުދާސްތައް ހޭވިއިރު މި އަދަދު ހުރީ 123.7 ބިލިއަން ރުފިޔާގަ އެވެ. ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވިއިރު، ބޭރުގެ ދަރަނި ގާތްގަނޑަކަށް 33.5 ބިލިއަން ރުފިޔާ އަށް އޮތީ އިތުރުވެފަ އެވެ. ޖުމްލަ ދަރަނީގެ ނިސްބަތުން ބަލާނަމަ މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 110% - 115% ގައި ހުއްޓުމެވެ. ދަރަނި އިތުރުވި ނިސްބަތް ބަލާނަމަ އެ ފަސް އަހަރު ތެރޭ ދަރަނި 92 ޕަސެންޓަށް އިތުރުވެފައިވެ އެވެ. ބޭރުގެ ދަރަނި 100 ޕަސެންޓުގެ އިތުރުވުމެއް އައުމާއި ރާއްޖޭގެ ރޭޓިން ދަަށްވުން އަދި ދުނިޔެއަށް އައި ބަދަލުތަކާއެކު ރާއްޖެ އޮތީ ބޭރުގެ ލޯނެއް ދެވޭނެ ހާލަތެއްގައެއް ނޫނެވެ. ރާއްޖޭގެ މާލީ ކަރުދާސްތައް ބަލާ ކޮންމެ ފައިނޭންޝަން އިންސްޓިޓިއުޓެއް ބުނަނީ އެ ވާހަކައެކެވެ. ދަރަނި މާ މައްޗެވެ. ލޯނެއް ނުދެވޭނެ އެވެ. "ސޮރީ" އެވެ.
މާނައަކީ މިއީ އައިއެމްއެފް އާއި ވޯލްޑް ބޭންކުން ދަރަނީގެ ރަތް ސަމާލު ނެރުމެވެ. މިއާއެކު ރައީސް މުއިއްޒުއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކަށްވީ 2026 ގައި 600 މިލިއަން ޑޮލަރުގެ ބޮޑު ލޯނެއް ދައްކަން އޮތްއިރު ލޯނު ދެއްކޭނެ ކެޕޭސިޓީ ރައީސް ސޯލިހުގެ ސަރުކާރުން އުފައްދާފައި ނެތުމެވެ. އެއް ސަރުކާރުން އަނެއް ސަރުކާރަށް ބަދަލުވާއިރު ހުންނަން ޖެހޭ ޑިސިޕްލިންތައް ނެތުނެވެ.
ވެރިކަން ނިމެމުން ދިޔަ އަހަރު ޓެކްސްތައް ހުރީ ބޮޑުކޮށްފަ އެވެ. އެހެންވެ ރައީސް ޑރ. މުއިއްޒުއަށް ޓެކްސް އިތުރު ކުރަން ޓެކުހުގެ ބަޓަނެއްގައި އޮތް ލެވޭނެ ފުރުސަތެއް ނެތެވެ. މިއީ ދައުލަތަށް މައިގަނޑު އާމްދަނީ ލިބެން އޮތް ފުރުސަތެވެ. ރާއްޖެއިން ލޯނު ދައްކަން އުފެއްދި ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި 2018 ގެ ވެރިކަން ނިމުނުއިރު 200 މިލިއަން ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ހުއްޓެވެ. ނަމަވެސް މި ޑޮލަރު މާރުކޮށް އަދި ޖަމާވާ އަދަދު ދައުލަތުގެ ހަރަދު ހިފަހައްޓަން ޓީބިލަށް މާރު ކުރަމުން ދިއުން ވެސް ލޯނު ދައްކަން ހުރި ފުރުސަތު ހަނިވެގެން ދިޔަ ކަމަކަށެވެ.
ރާއްޖޭގެ ރިޒާވްގައި ވަރު ޖައްސަން ފިޔަވަޅު އަޅަން ރައީސް ސޯލިހަށް ކެރިވަޑައި ނުގަތުމުން ހުރިހާ ބުރައެއް ލެއްގީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގަ މައްޗަށެވެ. ނަމަވެސް ވިޔަފާރިވެރިންގެ ނުރުހުމާއި ސިޔާސީ ފިއްތުން އިންތިހާއަށް އިތުރުވި ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން އެމްއެމްއޭއިން ގާނޫނު ބަދަލުކުރި އެވެ. މީގެ ސަބަބުން ރާއްޖޭގެ ޖުމްލަ ރިޒާވް އެވްރެޖުކޮށް ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު 738.9 މިލިއަން ޑޮލަރުގައި ހުރިނަމަވެސް މިހާރު މި އަދަދު ވަނީ 850 މިލިއަން ޑޮލަރުގައި ހިފެހެއްޓިފަ އެވެ. އަދި ބޭނުން ކުރެވޭ ރިޒާވް ހުރީ 200 މިލިއަން ޑޮލަރުގައި ހިފެހެއްޓިފަ އެވެ.
ރިޒާވް ދައްކަމާއި ލޯނު ދެއްކޭނެ ގޮތެއް ނެތްނަމަވެސް މާލީ ފުރުސަތުތައް އެކި ގޮތްތޮތުން ފަހި ކުރުމާއި ބޭރުގެ ފައިސާގެ ގާނޫނަށް ގެނައި ބަދަލާއެކު ރައީސް މުއިއްޒުއަށް ކުރު މުއްދަތުގެ ތެރޭގައި ގިނަ ލޯނުތަކެއް ދައްކަން ޖެހިވަޑައިގެވެ. މި ސަރުކާރުގެ ވާރުތަވަމުން ދިޔަ 250 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑުގެ ލޯނުގެ އިންޓަރެސްޓް 2023 އިން ފެށިގެން 2025 ގެ ނޮވެމްބަރާ ހަމައަށް ވަނި ދައްކާފަ އެވެ. އަދި 2023 ގެ ފަހުކޮޅުން ފެށިގެން 2025 ގެ ތެރޭގައި އިންޑިއާގެ އެގްޒިމް ބޭންކު އަދި އެސްބީއައި ފަދަ ބޭންކުތަކަށް ނަގާފައިވާ އެކި ލައިން އޮފް ކްރެޑިޓްތަކުގެ އިންސްޓޯލްމަންޓްސް ގެ ބޮޑެތި އަދަދުތައް ދައްކާފައިވެ އެވެ.
ލޯނުތައް ދެއްކި އަދަދުތަކަށް ބަލާއިރު 2023 (ބޭރުގެ ދަރަނި ދެއްކުމަށް ޕްރިންސިޕަލް ޕޭމަންޓާއި އިންޓްރެސްޓް ހިމަނައިގެން 350 މިލިއަން ޑޮލަރު ހަރަދު ކުރި އެވެ. އަދި 2024 ވަނަ އަހަރު ވެސް 320 މިލިއަން ޑޮލަރު ލޯނަށް ހަރަދު ކުރި އެވެ. މި ހުރިހާ ލޯނު ހަރަދުތަކެއް ކޮށްފައިވަނީ ރައްޔިތުންނަށް ދޭ ހިދުމަތްތައް ހުއްޓާ ނުލަ އެވެ.

ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖޭން މިހާތަނަށް ދަރަނި ނަގަމުން އައިނަމަވެސް ދަރަނި ދައްކަން ވިސްނާފައި އޮތް ކަމަށް ގަބޫލެއް ނުކުރެވެ އެވެ. މީގެ ސަބަބެއް ކަމަށް ޒަމީރު ވިދާޅުވީ އަހަރުން އަހަރަށް ދަރަނި ފަސް ކުރުން ނޫންކަމެއް މިދިޔަ އަހަރުތަކުގައިވެސް ކޮށްފައި ނެތުމެވެ. ނަމަވެސް ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ އެ ދަރަނީ ވީއެންމެ އަވަހަކާ ހަލާސް ކުރުންކަން ޒަމީރު ފާހަގަ ކުރެއްވި އެވެ.
"ދަރަނި ނެގިއިރު ނަގާފައި ހުރީ ދަައްކަން ޖެހޭ އެއްޗެއް ގޮތަށް ވިސްނާފައެއް ނޫން. އެހެންވެ ދަށް ކުރަން ވިސްނާފައެއް ވެސް ނެތް. 250 މިލިއަން ޑޮލަރުގެ ލޯނެއް ދައްކަން މި ނަގަނީ އިތުރު 500 މިލިއަން ޑޮލަރުގެ ލޯނެއް. 2017 ގައި ނެގި ސަނީ ސައިޑް ބޮންޑަށް 2021 ގައި 500 މިލިއަން ޑޮލަރުގެ ލޯނެއް ނެގީ. އެހެންވީމަ ދަރަނި ދަށެއް ނުދާނެ. އެއީ ހަގީގަތުގައި ވެފަ އޮތް ގޮތަކީ،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި 2018 ގައި އޭރު ސަރުކާރުން 150 މިލިއަން ޑޮލަރުގެ ރޯލްއޯވާ ފެސިލިޓީއެއް ނެގި އެވެ. އަދި އެ ދައްކަން އެއްވެސް ވަރަށް ނުވިސްނާ އޮތްކަން މިނިސްޓަރު ހިތާމައާއެކު ފާހަގަ ކުރެއްވި އެވެ.
"އެ ދައްކާކަން ވިސްނާފައެއް ނެތް. ބައެއް ދަރަނި އެބަހުރި ނަގާފަ އޮފީސް ސްޓާފުން ކައިރީ ބުނެފަ މިއީ ތިމަންނައަކަށް ނޭނގެއޭ ދެއްކޭނެ ކަމެއް ވެސް،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުގައި ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި ވެސް މި ސަރުކާރުން ދައްކާފައިވާނެ ކަމަށާ އަދި އަންނަ މަހު ދައްކަން ޖެހޭ އިތުރު 25 މިލިއަން ޑޮލަރު ވެސް ރޯލްއޯވާ ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެ އެވެ. އެ ދަރަނި ވެސް ފަސް ކުރުމުގެ ބަދަލުގައި ދައްކާ ހަލާސް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ވިސްނުމަކީ މިހާރު އިގްތިސޯދުގެ ހާލަތަށް ބަލައި ދެއްކެން ހުރި ހުރިހާ ދަރަނީގެ އަދަދެއް ދައްކާ ހަލާސް ކުރުމެވެ. އަދި ރޯލްއޯވާ ކުރާނީ އެއަށްފަހު އެވެ. މިގޮތުން 500 މިލިއަން ޑޮލަރުގެ ތެރޭން 350 މިލިއަން ޑޮލަރު ފަސް ކުރުމަށްފަހު އޭގެން 150 މިލިއަން ޑޮލަރު ސަރުކާރުން ދައްކާނެކަން ޒަމީރު ފާހަގަ ކުރެއްވި އެވެ.
"150 މިލިޮއަން ޑޮލަރު އެބަހުރި ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް - ފަހަށް ރައްކާ ކުރާ ފަންޑުގައި - މާތްﷲ ގެ ރަހުމަތުން. އެ ދުވަހަށް [ދަރަނި ދައްކަން ޖެހޭ ދުވަހަށް] ހުންނާނެ އެއަށްވުރެ ވެސް ގިނައިން. އަޅުގަނޑުމެން ވަރަށް ކޮންފިޑެންސް އެބައޮތް،" ޒަމީރު ވިދާޅުވި އެވެ.
މިއާއެކު މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީ 2026 ވަނަ އަހަރު ދައްކަން އޮތް 600 މިލިއަން ޑޮލަރު ދައްކާނެ މަގު ހޯދުމެވެ. ބޮޑު ލޯނު ދެއްކޭނެ ގޮތް ހޯދުމެވެ. ލޯނު ނުދެއްކިގެން ބަނގުރޫޓުވެދާނެ ކަމަށް ވާހަކަ ދެއްކި މީހުންނަށް ރައްދު ދޭނެ މަގު ކޮށުމެވެ.