ރާއްޖެ އެތެރެވާ ކޮންޓެއިނާތައް ސްކޭން ކުރަން ފެށުމުން އާމްދަނީ ދެ ގުނަވާނެ

މި މެޝިން ބަހައްޓަން 50 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކަސްޓަމްސް އިން އަންދާޒާ ކުރެވެ އެވެ. މެޝިން ބަހައްޓާނެ ސަރަހައްދުވެސް އެމްޕީއެލް އާއި ކަސްޓަމަރުން ވަނީ ވާހަކަ ދައްކައިގެން ބަލާފަ އެވެ.

ކޮންޓެއިނަރުތައް ސްކޭންކޮށް ބަލަން މެޝިން ބަހައްޓައިފިނަމަ އިމްޕޯޓް ޑިއުޓީގެ އާމްދަނީ ދެގުނަ ވެގެންދާނެ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ކޮންމެ މަހަކު ވެސް އެތައް ކޮންޓެއިނަރެއްގެ މުދާ ރާއްޖެ އެތެރެކުރާ އެންމެ ބޮޑު ވިޔަފާރި ކުންފުނި ރެޑްވޭވްގެ ވެރިޔާ އަދި ބަޖެޓު ކޮމެޓީގެ މުގައްރިރު ސަލީމް ވިދާޅުވި ގޮތުގައި މި ކޮންޓެއިނަރު ސްކޭނަރު ބަހައްޓަން ކޮންމެހެވެސް ޖެހޭ ކަމަށާ، މިކަމަށް ފައިސާ ލިބެން އޮތް ގޮތަކުން ހޯދަން ޖެހެ އެވެ. އަދި އެކަމަށް ފިނޭންސް މިނިސްޓްރީން ފައިސާ ދޭނެކަމުގެ ޔަގީންކަން މިނިސްޓަރު ވެސް ދެއްވާފައިވާކަމަށް ސަލީމް ވިދާޅުވި އެވެ.

"އަޅުގަނޑު މި ވާހަކަ ދައްކަނީ ރަނގަޅަށް އެނގިގެން. އިންވޮސްތަކާ އެއްޗިހި ހުންނަ ގޮތާ އޭގެ އަގުތަކާ އެ ހުރިހާ އެއްޗެއް އެނގޭ މީހެއްގެ ހައިސިއްޔަތުން،" ސަލީމް ވިދާޅުވި އެވެ.

އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެނގެން ދަނީ މީގެ ކުރިންވެސް އެތައް ކޮންޓެއިނާއެއް މިގޮތަށް ގެއްލިގެން ގޮސްފައިވާ ކަމެވެ.

މި ކޮމެޓީ ބައްދަލުވުމުގައި މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މި މެޝިންތައް ބަހައްޓައި ނިމޭނެ ތާރީހެއް އެނގެން ބޭނުންވާ ކަމަށާ މި އުޅެނީ އެމްޕީއެލް އާއި ކަސްޓަމާ ދެމެދު ޓީޓީ ބޯޅަ ކުޅެން ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ލޯ ކުރިމަތީގަ ހުރިހާކަމެއް މި ހިނގަނީ. އޭރުން އޮންނާނެ ޔަގީންކަން މިކަން ނިމޭނެ ތާރީހެއް،" ނާޒިމް ވިދާޅުވި އެވެ.

ކޮންޓެއިނަރު ސްކޭން ކުރެވޭނެ މެޝިން ބަހައްޓަން އެމްޕީއެލް އާއި ކަސްޓަމްސް އިން މިއަދު ކޮމެޓީއަށް ގެނެސް ބޭއްވި ބައްދަލުވުމުގައި ކަސްޓަމުން ބުނެފައިވަނީ މި މެޝިން ބަހައްޓަން 50 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. ކަސްޓަމްސް އިން ވަނީ މި މެޝިންއަށް ހިނގާނެ ހަރަދުގެ އަންދާޒާއެއް ވެސް ހުށަހަޅާފަ އެވެ. 


ކޮމެޓީގައި ކަސްޓަމްސް އާއި އެމްޕީއެލް ވާހަކައިގެ ހުލާސާ

  • ޖުމްލަ މަސައްކަތައް 50 މިލިއަން ހަރަދުވާނެ
  • ކޮންޓެއިނާ ސްކޭނަރު ބަހައްޓާނެތަން ވަނީ ނިންމާފަ
  • މިއީ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓަކަށްވާނެ
  • މި ސްކޭނަރު މެޝިން ބަހައްޓަން ވިޔަފާރި ބަނދަރުން 10 މީޓަރުގެ ސަރަހައްދެއް ބޭނުންވެ އެވެ. އެ ސަރަހައްދު ވަނީ ލިބިފަ އެވެ.
  • އެ މެޝިންއަކީ ރޭޑިއޭޝަންގެ އަަސަރު ހުންނާނެ އެއްޗަކަށްވާތީ އެކަމަށް ޖާގަ ބޭނުންވެ އެވެ. ލެޑް އިންސިއުލޭޓެޑް ފާރެއް ހުންނާނެ އެވެ.
  • ކޮންޓެއިނާ ސްކޭން ކުރަން ގޮތަކަށް ވިސްނާފައިވެ އެވެ. އެއްގޮތަކީ ޓްރެކްޓަރު ދުއްވާލެވޭ ވަރުގެ މެޝިން ގެނެވިދާނެ އެވެ.
  • އާއްމުކޮށް މާލެ ޕޯޓަށް ކްލިއަ ކުރަނީ ދުވާލަކު 200 ކޮންޓެއިނާ އެވެ. އެންމެ ގިނަ ދުވަސްތަކުގައި މި އަދަދު 350 އަށް އިތުރުވެ އެވެ. އަހަރަކު 70،000 ކޮންޓެެއިނާސް އިތުރުވެ އެވެ.
  • ރާއްޖޭގައި އާއްމުކޮށް އެތެރެކުރަނީ އެލްސީއެލް [ގިނަ ބާވަތުގެ މުދާ އެއް ކޮންޓެއިނާ] ގައި ބަހައްޓައިގެންނެވެ. އެހެން ގައުމުތަކުގައި ކުރަނީ އެފްސީއެލް [އެއް ކޮންޓެއިނާ] އެއްގައި އެކަންޗެއް ހުންނަ ގޮތަށެވެ. އެހެންވެ މި މެޝިންގެ ސްޕެސިފިކޭޝަން ވަރަށް ރަނގަޅުވާނެ ޖެހެ އެވެ.
  • މި މެޝިން ބަހައްޓާއިރު އިންޓާނަލް ޕްރޮސީޖާ ރަނގަޅު ކުރަން ޖެހެ އެވެ. މައްސަލައެއް ޖެހިއްޖެނަމަ ޑާޓާ ސްޓޯރޭޖުވެސް ހުންނަން ޖެހެ އެވެ. އަދި މުވައްޒަފުން ވެސް ތަމްރީން ކުރަން ޖެހެ އެވެ.
  • މި މެޝިންތަކަށް ތަމްރީންވާން ހަ މަހާއި އެއް އަހަރުގެ މުއްދަތެއް ބޭނުންވެ އެވެ. މެޝިން ބެހެއްޓުމުން ކޮންޓެއިނާތައް ކަނޑައި މުދާތައް ވަކިން ނެރުން ހުއްޓޭނެ އެވެ. މީގެ ސަބަބުން ހިދުމަތް އަވަސްވެފައި ވިޔަފާރިވެރިޔާ ޓްރާންސްޕޯޓަށް ކުރާ ހަރަދު ކުޑަ ވެގެންދާނެ އެވެ.
  • މި މެޝިންގެ މެއިންޓަނަންސް އަށް އަހަރަކު 200،000 ޑޮލަރު ވަރު ހިނގާނެ އެވެ. އަދި މި ކޮންޓެއިނަރު ބަހައްޓައިގެން ޗާޖެއް ނަގައިގެން އަހަރަކު 60 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ. އެހެންވެ މިއީ ކުރިމަގަށް ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ކަސްޓަމްސް އިން ބުނެފައިވެ އެވެ.

ރާއްޖެ އަށް މުދާ އެތެރެކުރާ ކޮންޓެއިނަރުތައް ސްކޭން ކުރަން ނިންމާފައިވަނީ ރާއްޖެއަށް މުދާ ސްމަގުލް ކުރާކަމުގެ ހެކިތައް ފެނުމުންނެވެ. މިގޮތުން މި މައްސަލަ ފެންމަތިވެފައިވަނީ އެމްޕީއެލް ހުޅުމާލެ ޕޯޓުގައި ހުރި ސިނގިރޭޓް ކޮންޓެއިނާތަކެއް އެތަނުން ގެއްލުނު މައްސަލައެއް ފެންމަތިވުމުންނެވެ. މި މައްސަލާގައި މަޝްހޫރު ދެ ވިޔަފާރިވެރިންނާއި ކަސްޓަމްސް އައި އެމްޕީއެލްގެ އިސް މުވައްޒަފުން ތަކެއް ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.